ރާއްޖެއިން ބައްޔަށް ފައްސިވި މީހުންގެ ތެރެއިން 16 މީހަކު މިހާތަނަށް ވަނީ ބަލިން ރަނގަޅުވެފައެވެ.
މިއަދު ފައްސިވީ 6 ދިވެހިންނާއި 2 ބަންގްލަދޭޝް މީހުން: އެޗްޕީއޭ
ދާދި ދެންމެ އަކުން ކޮވިޑް-19އަށް ފައްސިވީ ހަ ދިވެހިންނާއި ދެ ބަންގްލަދޭޝް މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން އެންމެ ފުރަތަމަ ބުނީ މިއަދު ފައްސިވީ ހަ ބިދޭސީންނާއި ދެ ދިވެހިން ކަމަށެވެ. ނަމަވެސް ދެންމެއަކު އެޗްޕީއޭއިން ވަނީ އެހެން ބުނެވުނީ އޮޅުމަކުން ކަމަށާއި ފައްސިވީ ހަ ދިވެހިންނާއި ދެ ބަންގްލަދޭޝް މީހުން ކަމަށް ބުނެފައެވެ.
މި މީހުންނާއި މާލެއިން މީގެކުރިން ފައްސިވި މީހުންނާއި އެއްވެސް ގުޅުމެއް އޮތްތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މި އެންމެންވެސް އައިސޮލޭޝަން ފެސިލިޓީ އަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
މާލެއިން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 40 އަށް އަރާފައެވެ. އަދި ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 60 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ 26 ދިވެހިންނާއި 34 ބިދޭސީންނެވެ.