ޚަބަރު

ބޭރަށް ނިކުންނަން ޖެހިއްޖެނަމަ މާސްކް އެޅުމަށް އިލްތިމާސް ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮންމެހެން ބޭރަށް ނިކުންނަން ޖެހިގެން ގެއިން ބޭރަށް ނިކުންނަ ނަމަ މާސްކް އެޅުން މިހާރު ވަރަށް މުހިއްމު ކަމަށް، ކޮވިޑް-19 އާއި ގުޅިގެން އުފައްދާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ.

Ads by STELCO

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.ލަތީފް ވިދާޅުވީ ކުރީގެ ހާލަތަށް ބަލައި ކޮންމެހެން މާސްކު އަޅަން ނުޖެހޭނެ ކަމަށް ބުނެފައިވާނެ ކަމަށާއި ނަމަވެސް މިހާރު ކޮންމެހެން ބޭރަށް ނުކުންނަން ޖެހިގެން ނުކުންނަ ނަމަ މާސްކް އެޅުން ވަރަށް މުހިއްމު ކަމަށެވެ.

"މިހާރު ބޭރަށް ކޮންމެހެން ދާން ޖެހިއްޖެނަމަ މާސްކު އެޅުމަކީ މުހިއްމު ކަމެއް" ޑރ.ލަތީފް ވިދާޅުވިއެވެ.

އަދި ފިހާރަ ފަދަ ތަންތަނާއި މީހުން ގިނަ ތަންތަނަށް ދާއިރު ވެސް މާސްކެއް އަޅައިގެން ދިޔުން ވަރަށް މުހިއްމު ކަމެއް ކަމަށްވެސް ޑރ.ލަތީފް ވިދާޅުވިއެވެ.

މީގެއިތުރުން ޑރ. ލަތީފް ވަނީ މި ބަލިން ރައްކާތެރިވުމަށް މިހާރުވެސް އެޅެން އޮތް އެންމެ މުހިއްމު ފިޔަވަޅަކީ ގޭގައި މަޑުކުރުންކަން ފާހަގަކުރައްވާފައެވެ. އެގޮތުން މި ބަލި ޖެހިފައި ހުރީ ކާކަށްކަން މިހާރު ނޭނގޭ ކަމަށާއި އެހެންކަމުން ބޭރަށް ގޮސް ގެއަށް އަންނައިރު ތިމާއަށް ނޭނގި ބަލި ހިފައިގެން އައުމުގެ ފުރުސަތު ވެސް އޮވެދާނެ ކަމަށް ޑރ.ލަތީފް ވިދާޅުވިއެވެ.

މިއީ ނާޒުކު ވަގުތެއްކަން ފާހަގަކުރައްވަމުން ޑރ. ލަތީފް ވަނީ މިވަގުތު އެކަކު އަނެކަކަށް އެހީތެރިވުމަށް ވެސް ގޮވާލާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!