ދަނޑުވެރިންގެ ތަކެތި ގަންނަން ފަށާނީ އަންނަ މަހު: އަމްރު
ދަނޑުވެރިން ހައްދާ ތަކެތި އެސްޓީއޯ އިން ގަންނަން ފެށުމުގެ ވިސްނުން ހުރީ މޭ އެއް ވަނަ ދުވަހުން ފެށިގެން ކަމަށް އެ ކުންފުނީގެ އެމްޑީ ހުސައިން އަމްރު މުހައްމަދު ވިދާޅުވެއްޖެ އެވެ.
އަމްރު އެހެން ވިދާޅުވެފައިވަނީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެޓަޕްރައިސަސް ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އަމްރު ވިދާޅުވީ އެސްޓީއޯ އިން ގަންނަން ނިންމާފައި ވަނީ ވަކި ބާވަތެއްގެ ތަކެއްޗެވެ. އެއީ ފުޑް ސެކިއުރިޓީއަށް ކޮންމެހެން ބޭނުންވާނެ ތަކެތި ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.
އަމްރު ވިދާޅުވީ އެކުންފުނިން ތަކެތި ގަންނަން ފަށާނީ ތަކެތި ކުންފުނިން ގަންނާނެ އަގުތައް އިއުލާނު ކުރުމަށް ފަހު ކަމަށެވެ. އެގޮތުން ވިސްނުން ހުރީ އަންނަ މަހު އެކެއްގައި ލިސްޓުގައި ހުރި އެއްޗިހި ގަންނަން ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.
ކޮމިޓީގައި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވީ ތޮއްޑޫގެ ދަނޑުވެރިން ރޯދައާ ދިމާކޮށް ހައްދާފައި ހުރި ތަކެތި މާލެ ލޮކްޑައުން ކުރުމާ ގުޅިގެން ދުވާލަކަށް 20 ނުވަތަ 30 ޓަނުގެ ތަކެތި ހަލާކުވަމުންދާ ކަމަށެވެ. ހަލާކުވާ ތަކެތީގެ ތެރޭގައި ކަރާ ކިއުކަމްބާ އަދި ލެޓިއުސް ފަދަ ތަކެތި ހިމެނޭކަން ޝިޔާން ފާހަގަ ކުރެއްވި އެވެ.
އަމްރު ވިދާޅުވީ ދަނޑުވެރިން ރޯދައަށް ހައްދާފައިވާ ތަކެތި މާލެ ގެނައުމަށް އިކޮނޮމިކް މިނިސްޓްރީ އިން ޕްލޭނެއް ގެންގުޅޭ ކަމަށެވެ. އަދި އެއީ މިވަގުތަށް އޮތް ހައްލު ކަމަށް އަމްރު ވިދާޅުވި އެވެ.
ދަނޑުވެރިން އުފައްދާ ތަކެއްޗަށް ހަމަ އަގު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން އެސްޓީއޯއިން ވަނީ "އެސްޓީއޯ އެގްރި ސެންޓާ" ގެ ނަމުގައި ޕްލެޓްފޯމެއް ވެސް އުފައްދަން ނިންމާފަ އެވެ. އަދި ދަނޑުވެރިން އުފައްދާ ތަކެއްޗަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ވެސް އެސްޓީއޯއިން ކުރާނެ ކަމަށް އަމްރު ވިދާޅުވެ އެވެ.