ޚަބަރު

އިގްތިސޯދު ހުޅުވޭނީ ވީ އެންމެ އަވަހަކަށް ރާއްޖޭގެ އެންމެން ކޮވިޑަށް ޓެސްޓުކޮށްގެން: ޣައްސާން

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގެ އިގްތިސޯދު ހުޅުވޭނީ ވީހާވެސް އަވަހަކަށް ރާއްޖޭގައި ތިބި އެންމެން ކޮވިޑް-19 އަށް ޓެސްޓުކޮށްގެން ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޣައްސާން ވިދާޅުވީ މިވަގުތު ރާއްޖެ އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށާއި އިގްތިސޯދު ވެސް އޮތީ ވާނުވާއެއް ނޭނގޭ ހާލަތަކަށް އައިސްފައި ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ.

"މި ހާލަތުން އަރައިގަތުމަށް ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހޭ. އަލުންް އިގްތިސޯދު ހުޅުވާލެވެން އަންނަނީ ފުދުންތެރިކަން އިތުރުކޮށް، އިގްތިސޯދުގެ ތެރެއަށް އަލުން ބޭރު ފައިސާ ވަންނާނެ ގޮތެއް ހޯދިގެން. ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ އިގްތިސޯދު ބަންދުވެފައި މިއޮތީ ނުރައްކާތެރި ވައިރަސް އެއް ފެތުރޭތީ ކަމަށާއި އިގްތިސޯދު ހުޅުވާލެވޭނީ މި ވައިރަސްގެ ކިބައިން ސަލާމަތްވެގެން ކަމަށެވެ. އެގޮތުން ވައިރަހުން ސަލާމަތްވުމަށް ސަރުކާރަކަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ބައްޔަށް ޓެސްޓުކުރުން އިތުރުކުރުން ކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާތަކުން ވެސް ބުނަމުން އަންނަ ކަމަށް އޭނާ ވިދާޅުވެފައެވެ.

އެހެންކަމުން ރާއްޖޭގެ ސަރުކާރުން ކޮވިޑް19 ޓެސްޓު ކިޓުތަކަށް އިންވެސްޓުކުރަން ޖެހޭ ކަމަށް ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ ރައްޔިތުންނަށް ދެވޭ ދިވެހި ފައިސާގެ އަގެއް ހުންނާނީ އިގްތިސޯދުގެ ތެރެއަށް ބޭރު ފައިސާ ވަދެގެން ކަމަށެވެ. އަލުން ފައިސާ ޗާޕު ނުކުރި ނަމަވެސް، އެމްއެމްއޭއން ކުރިން ޗާޕުކޮށްފައި ހުރި ފައިސާ ރޯލް ކުރަން ފަށައިފިނަމަ، ނުކުންނާނީ ފައިސާ ޗާޕުކުރުމުން ވެސް ނުކުންނާނެ ނަތީޖާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން މިހާރު ސަރުކާރުން އެދިފައިވާ ގޮތަށް 4.2 ބިލިއަން ރުފިޔާ މަރުކަޒީ ބޭންކުން ދިނުމަކީ އެންމެ ރަނގަޅު ކަމެއް ނޫން ކަމަށް ޣައްސާން ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!