އެމެރިކާ އަށް ބޭނުންވަނީ ރައްޔިތުން އެއްބައިވަންތަ ކުރެވޭނެ ލީޑަރުން – ބަރަކް އޮބާމާ
އެމެރިކާއަށް ބޭނުންވަނީ އެމެރިކާގެ ރައްޔިތުން އެއްބައިވަންތަކޮށް، ކޮރޯނާވައިރަސް ފަދަ ބޮޑެތި ބަލިމަޑުކަމުން އެކުގައި މަސައްކަތްކޮށްގެން އަރައިގަތުމުގައި މަގު ދައްކާނޭ ލީޑަރުން ކަމަށް، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ.
އޮބާމާ މިހެން ވިދާޅުވީ ކޮވިޑް-19 އާއި ހަނގުރާމަ ކުރުމުގައި އެމެރިކާ ނާކާމިޔާބު ވެއްޖެކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ދަނޑިވަޅެއްގައެވެ. އަދި އެމެރިކާ މިއަދު އޮތް ހާލަތަށް ޒިންމާވާންޖެހޭ ހަމައެކަނި ފަރާތަކީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށް ގިނަ މީޑިޔާ ތަކަކުން ބުނަމުންދާ ވަގުތެއްގައެވެ.
އޮބާމާގެ މި ވާހަކަ އަށް ޓްރަމްޕްގެ ފަރާތުން އަދި އެއްވެސް ރައްދެއް ނުލިބެއެވެ. ނަމަވެސް އެންމެނަށް ވެސް ދޭހަވާ ފަދައިން މިއީ ކޮވިޑް-19 ގެ ކަންކަމުގައި ޓްރަމްޕް ފެއިލް ވެއްޖެކަން އެންގުމަށް ނުސީދާކޮށް އޮބާމާ އެއްލި ބަހެކެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުގެ ގޮތުގައި ވަކާލާތު ކުރަމުން އައި އެމެރިކާ އަކީ އެންމެ ބޮޑަށް މި ވައިރަސް ފެތުރު އަދި އެއްގައުމަކުން އެންމެ ގިނަ މީހުން މަރުވި ގައުމަށް ވީހިނދު އެގައުމުގެ ގިނަ ބަޔަކު ދެކެމުން ދަނީ ވެސް އޮބާމާ ވިދާޅުވި ފަދައިން ޓްރަމްޕް ފެއިލްވެފައިވާ ކަމަށެވެ.
ސިޔާސަތުތައް ރާވަން އެންމެ މޮޅުކަމަށް ދެކޭ މީހުނާއި ފުރިހަމަ ސިއްހީފަރުވާދޭ ނިޒާމް އަކާއި ވަސީލަތްތައް ހުއްޓާ މި ހިސާބަށް ކަންތައް ދިއުން އެއީ ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދުނު ކަމެކެވެ. މި ހުރިހާ ސުވާލެއްގެ ޖަވާބަކީ ވެސް ޚުދު ޑޮނަލްޑް ޓްރަމްޕްގެ ގޮތްދޫނުކުރުމާއި ބޯހަރު ކަމެވެ.
ކޮރޯނާވައިރަސް ޗައިނާގައި އެންމެ ފުރަތަމަ ފެތުރެންފެށި ދުވަސްވަރު "ކޮރޯނާވައިރަސް" ނުވަތަ" ކޮވިޑް-19" މިއިން ބަހެއް ޓްރަމްޕް ބޭނުންވެސް ނުކުރެއެވެ. މުޅިންވެސް ކިޔާފައިވަނީ "ޗައިނީޒް ވައިރަސް" އެވެ. އެހާވަރަށް ޗައިނާއަށް ނަފްރަތު ފާޅުކުރިއެވެ.
މިއަދު އެބަލީގައި އެންމެ ގިނަ ބަޔަކު މަރުވެގެން އެދަނީ އެމެރިކާ އިންނެވެ.
ޓްރަމްޕް އަކީ ރީތިބަހުން މުޢާމަލާތު ކުރަން ނޭނގޭ ލީޑަރެކެވެ. މީގެ އެންމެ ފުރިހަމަ އެއް ހެއްކަކީ، އިންޑިޔާއިން ބޭސް އެކްސްޕޯޓްކުރުން މެދުކަނޑާލާފައިވަނިކޮށް، ހައިޑްރޮކްސިކްލޮރޮކުއިން ބޭނުން ވެގެން އިންޑިޔާއަށް ދިން އިންޒާރެވެ. ރީތިކޮށް ކަންކަމު އެދުމުގެ އާދައެއް ޓްރަމްޕްގެ ނެތެވެ. ޞިއްޙީ ތަޖުރިބާކާރުންގެ ބަހަށް އިންކާރުކޮށް އަމިއްލަގޮތް ކުރިއަށް ނެރުމަކީ، ޓްރަމްޕް އާދައެކެވެ. އެގޮތުން އެމެރިކާގައި ކޮވިޑް-19 އަށް ޓެސްޓް ކުރާ އަދަދު އިތުރު ކުރަން ޖެހޭކަމަށް ޑރ. އެންތޮނީ ފައުޗީ ބުނުމުން އެކަމަށް އިދިކޮޅުހެދިއެވެ.
މި ހާލަތުގައި ކޮންމެ މީހެއްގެ ބަހަކަށްވެސް ވާނީ މި ފަދަ ހާލަތްތަކުގައި އެކުގައި މަސައްކަތް ކުރެވޭނެ ލީޑަރަކު އެމެރިކާއަށް ބޭނުންވާ ކަމަށެވެ.