މުނިފޫހިފިލުވުން

ކޯވިޑް-19 އިން ރައްކާތެރިވާން "އެންމެން އެކީ" ހިނގާ!

ދެން އެމްވީ ، ދެން އޮންލައިން

ނުރައްކާތެރި ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 އިން ރައްކާތެރިވެ ތިބުމަށް، އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ލަވައެއް އުފައްދައިފިއެވެ.

Ads by STELCO

ހަތަރު ދުވަސް ތެރޭ އުފެއްދި "އެންމެން އެކީ" ލަވައަކީ ދިވެހި ފިލްމީތަރި އަޙްމަދު އަޒްމީލް (އަޒޭ) ގެ އިސްނެގުމުގެ މަތިން، ގިނަ ތަރިންތަކަކާއެކު އުފައްދާފައިވާ ލަވައެކެވެ. މިލަވައަކީ
މުޙައްމަދު އަބްދުލް ޣަނީ (ތޭރަވާ) އަދި އިބްރާހިމް ޒައިދު (ކުޑަ އިއްބެ) ކިޔައިދީފައިވާ ލަވައެކެވެ.

"އެންމެން އެކީ" ލަވައާއި ބެހޭގޮތުން "ދެން" އަށް މައުލޫމާތު ދެމުން އަޒޭ ބުނީ، ލަވަ އުފެއްދުމުގެ ހިޔާލު ތޭރަވާ އަދި ކުޑަ އިއްބެއަށް ދިނީ މާލެ ސަރަޙައްދު ފުރަބަންދު ކުރުމުގެ ތިން ދުވަސް ކުރިން ކަމަށެވެ.

"ދެމީހުން ވެސް ވަގުތުން އޯކޭ ދިން. އަދި ދެ ދުވަސް ތެރޭގަ ލަވައިގެ ރިކޯޑިން އާއި ނިންމާފަ އިއްބެ އާއި ތޭރަ ލަވަ ފޮނުވައިދިން، ހަމަ ކޮންޓްރިބިއުޝަނެއް ގޮތަށް." އަޒޭ ބުންޏެވެ.

އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަށް އުފެއްދި މިލަވައިގެ މައިގަނޑު މަޤްސަދަކީ ސަރުކާރާއި ޑޮކްޓަރުން އަދި ކަމާއިބެހޭ ފަރާތްތަކުން ދެއްވާ ޚިދުމަތްތައް އަގުވަޒަންކޮށް ހިތްވަރު ދިނުން ކަމުގައިވެސް އަޒޭ ބުންޏެވެ.

"މައިގަނޑު މަޤްސަދަކީ ސަރުކާރުން، ޑޮކްޓަރުން، އަދި ކަމާއިބެހޭ އިސް ފަރާތްތަކުން ދެއްވާ އިރުޝާދުތައް އަޑުއަހާ، ކޮންމެ ބޭފުޅެއް ވެސް އެބޭފުޅެއްގެ ޒިންމާ އަދާކުރުމަށް އެދި އަޅުގަނޑުމެން ފިލްމީ ފަންނާނުންގެ ފަރާތުން ހިތްވަރު ދިނުން" އަޒޭ ބުންޏެވެ.

މިއީ ވަރަށް ޚާއްސަ އަދި އެހާމެ ތަފާތުކޮށް އުފައްދާފައިވާ ލަވައެކެވެ. މާލެ ސަރަޙައްދު ފުރަބަންދު ކޮށްފައި އޮތުމުން މިލަވައިގަ ހަރަކާތްތެރިވެފައިވާ ހުރިހާ ފަންނާނުން ވެސް ލަވަ ކުޅެފައިވަނީ އެމީހެއްގެ ގޭގައިތިބެ، އެފަންނާނެއްގެ ފޯނުން ވީޑިއޯކޮށްގެންނެވެ. އަދި މުޅި ލަވަ ނިންމާފައިވަނީ އެއްވެސް މީހަކާއި ދިމާވެސް ނުވެކަމަށާއި ވީޑިއޯގައި ހިމެނޭ ފަންނާނުންގެ ވީޑިއޯ ފޮނުވާފައިވަނީ މެއިލުން ކަމަށް އަޒޭ ބުންޏެވެ .

"ލަވަ އެއްކޮށް ނިންމުނީ ހަތަރު ދުވަސް ތެރޭގަ. ކޮންމެ ފަންނާނަކަށް ވެސް ވަކި ބައެއް ކިޔަން ފޮނުވީ. މިލަވަ އުފެއްދުމުގެ ވިސްނުން އައީ އިންޑިއާ ފަންނާނުން ތައްޔާރުކުރި ލަވަ ފެނިފަ. މިހާތަނަށް މިލަވައަށް ފީޑްބެކް ވަރަށް ރަނގަޅު" އަޒޭ ބުންޏެވެ.

"އެންމެން އެކީ" އެއްބާރުލުން ދީގެން އުފެއްދި މިލަވަ އެޑިޓް ކޮށްދީފައިވަނީ ފިލްމީތަރި ރަވީ ފާރޫޤް އެވެ. ލަވަ ފައިނަލް ކުރުމުގައި ބަޠަލާ އައިޝަތު ރިޝްމީ ގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނުކަން ވެސް އަޒޭ ފާހަގަ ކޮށްފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!