ދުނިޔެ

ކޮވިޑް-19 ގެ ދެވަނަ ރާޅެއް ޗައިނާއަށް އަރަނީތަ؟

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސް އުފަންވެ ، އެންމެ ބޮޑު ނުރައްކަލެއް ފެނިގެން ދިޔައީ ޗައިނާއިންނެވެ. ނަމަވެސް މުޅި ހުބެއި ފުރަބަންދުކޮށް އެގައުމުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ވައިރަސް ފެތުރުން ހުއްޓުވުމުގައި އެގައުމުން ވަނީ ކާމިޔާބު ހޯދާފައެވެ. އެއާއެކު ލޮކްޑައުންތައް އުވާލާ ޗައިނާ ރައްޔިތުންގެ ދިރިއުޅުން އާންމު މިސްރާބަކަށް ދަތުރު ޖެހިއެވެ.

Ads by Sosun Fihaara

ނަމަވެސް ކޮރޯނާވައިރަސް އާއި ގުޅިގެން ބައެއް ކަންކަން ދުނިޔެއަށް ފޮރުވި ކަމުގެ ތުހުމަތު ކުރެވޭ ޗައިނާ އިން އަނެއްކާ ވެސް މިވަނީ ރައްކާތެެރިކަމުގެ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން ބެއިޖިންގެ ސްވިމިންގ ޕޫލްތަކާއި ޖިމްތައް ވަނީ ބަންދު ކޮށްފައެވެ. އަދި އިރުއުތުރުގައި އޮންނަ 10 މިލިއަން މީހުން ދިރިއުޅޭ ހަރބިން ސިޓީ ވަނީ ފުރަބަންދު ކޮށްފައެވެ.

މީގެ އިތުރުން ޗައިނާގެ ރައްޔިތުންގެ ތެރެއިން އެހެން ގައުމު ތަކުގައި ތިބިމީހުން އެނބުރި ގައުމަށް ހިނގައްޖެނަމަ ، 28 ދުވަހުގެ ކަރަންޓީނު ފެސިލިޓިއަކަށް ލުމަށްވަނީ ނިންމާފައެވެ. އަދި އޭގެފަހުން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށާއި، އެންޓިބޮޑީގެ އެއް ޓެސްޓް ކުރުމަަށް ވެސް ވަނީ ނިންމާފައެވެ. ހަމައެއާއެކު ބަނދަރުތަކާއި ބޯޑަރު ތަކުގައި ޗެކްކުރުން ވަނީ ވަރުގަދަ ކުރުމާއެކު މަރޗް 28 ގެ ފަހުން ބޭރުގެ އެއްވެސް މީހަކަށް ޗައިނާއަކަށް އެތެރެއެއް ނުވެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

"ދަ ސަންޑޭ ޓެލެގްރާފް" އާ ވާހަކަ ދައްކަމުން ފިޓްނަސް ސެންޓަރެއް ހިންގާ، އުމުރުން 30 އަހަރުގެ ޒައޯ ހުއި ބުނީ އޭޕްރިލް 16 ގައި އޭނާގެ ސެންޓަރު އިންސްޕެކްޓް ކުރުމަށްފަހު ހުއްދަ ދޭން ނިންމިކަމަށާއި ނަމަވެސް 18 ވަނަ ދުވަހު ހުރިހާ ޖިމްތަކެއް ބަންދު ކުރުމަށް އަންގާފައިވާ ކަމަށެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން، ނިއު ޔޯކްގައި ކިޔަވަން ހުރި ކުއްޖަކު އެނބުރި ޗައިނާއަށް ދިޔަ ފަހުން، 4000 މީހުން ޓެސްޓް ކުރެވި، އޭގެ ތެރެއިން 70 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.ހަމައެހެންމެ ޝާންޒީ ޕްރޮވިންސަން ރަޝިޔާއިން އައި ހަތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން މިދިޔަ ހޮނިހިރު ދުވަހު ވަނީ ހާމަކޮށްފައެވެ. އެހެންކަމުން މީހުން އެއްވެ އުޅުން މަނާކޮށް، އެހެން ޕްރޮވިންސްތަކުން މީހުންކުރާ ދަތުރުތައް ދަނީ ވަރަށް ބޮޑަށް ބަލަމުންނެވެ. އެއަރޕޯޓާއި ޓްރެއިން ސްޓޭޝަންތަކުގައިވެސް ޗެކްކުރުން ވަނީ ކުރިއަށް ވުރެ ވަރުގަދަ ކޮށްފައެވެ.

މިކަންކަން މިހެން ހުރުމުން ޗައިނާއަށް ކޮރޯނާވައިރަސްގެ ދެވަނަ ރާޅެއް އަރަނީތޯ މިއީ އުފެދޭ ސުވާލެކެވެ. މިއީ ހަގީގަތަކަށް ވެއްޖެ ނަމަ މިކަން ވާނީ ގައުމުގެ އިޤްތިސާދު ކޮޅަށް ޖަހާ، ދުނިޔެއަށް ޗައިނާގެ ބާރު ދައްކާލަން ތައްޔާރުވަމުންދާ، އެ ގައުމުގެ ރައީސް ޒީ ޖިންޕިންގއަށް ވަރަށް ވެސް ހިތާމަވެރި ޚަބަރަކަށެވެ.

ބެއިޖިންގ ގެ ރަސްމީ ލިޔެކިޔުން ދައްކާ ގޮތުގައި ޗައިނާއިން މި ބައްޔަށް ޕޮޒިޓިވް ވީ ޖުމްލަ 82،816 މީހުންނެވެ. އަދި މަރުވި ކަމަށް ރެކޯޑް ކުރެވުނީ 4،632 މީހުންނެވެ.

ރެކޯޑްތައް ބުނާ ގޮތުގައި އޭޕްރިލް 24 ގެ ފަހުން މިގައުމުން ކޮވިޑް19 ޖެހިގެން މީހަކު މަރުވެފައެއް ނުވެއެވެ.އަދި ކޮރޯނާވައިރަސް ފެށިގެން އައި ވުހާންގައި ތިބީ ހާލު ސީރިއަސް ވެގެން ފަރުވާ ދޭ އެންމެ ދެ މީހުންނެވެ.

ނަމަވެސް ހާރބިންގައި މި ބަލި ފެތުރެން ފަށައިފި ނަމަ، މި ސިޓީ ވާނީ އެންމެ ބޮޑަށް މިބަލި ފެތުރޭނެ ސިޓީއަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން މިސިޓީގެ އާންމުން އެއްވާ ތަންތަނާއި، މީހުން ދިރިއުޅޭ އިމާރާތްތަކަށް ވަނުމުގެ ކުރިން ސަރުކާރުން ހުއްދަދީފައިވާ އެޕްލިކޭޝަންއަކުން ވައިރަހަށް ޓެސްޓް ކޮށް، ހަށިގަނޑުގެ ފިނިހޫނުމިން ޓެސްޓް ކޮށް މާސްކް ވެސް އަޅަންޖެހެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!