ކުރެއްދޫއިން ނެގި 173 ސާމްޕަލެއް ނައްސި ވެއްޖެ
ކުރެއްދޫ ރިސޯޓުން ނެގި 173 ސާމްޕަލެއްގެ ނަތީޖާ ކޮވިޑް-19އަށް ނައްސި ވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ކޮވިޑް-19ގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ކުރެއްދޫގައި ތިބި ހުރިހާ އެންމެންގެ ސާމްޕަލް ނަގާ ނިމިފައިވާ ކަމަށެވެ. އަދި މިހާތަނަށް 173 މީހެއްގެ ނަތީޖާ ލިބިފައިވާ ކަމަށާ އެ ހުރިހާ ނަތީޖާތަކެއް ނައްސި ކަމަށެވެ. އަދި ބާކީ ހުރި ސާމްޕަލްތަކުގެ ނަތީޖާތައް މިހާރު ޕްރޮސެސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރެއްދޫގައި މަސައްކަތްކުރާ މުވައްޒިފުން އެ ރިސޯޓުން ނުފޭތި ތިބޭތާ 50 ދުވަސްވަނީ ވެފައެވެ. އެޗްޕީއޭއިން ބުނީ ކުރެއްދޫ ކޭސްއަކީ ތަފާތު ކޭސްއެއް ކަމަށާ އެ ރިސޯޓުން މީހުންނަށް ފޭބޭނީ ހުރިހާ މުވައްޒިފުން ޓެސްޓް ކުރުމަށް ފަހު ކަަމަށެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19 ޖެހުނީ، ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރަމުން އައި ދެ ބިދޭސީ މުވައްޒަފަކަށެވެ. އެ ދެ މީހުނަށް އެ ވައިރަސް ޖެހިފައި ވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓެއްގެ ފަރާތުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.