ރިޕޯޓް

އެކުވެރިޔާއެވެ. ސައިކަލަކަށް އެރުނަސް އަދި ދުނިޔެ ރަންވާކަށް ނުވެއެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަހަރެން މި ދައްކަން އުޅޭ ވާހަކަ އަކީ އެތައް ބަޔަކު ދައްކާ ވާހަކައެކެވެ. ކޮފީ މޭޒުތަކުގަޔާއި އަދި ސިޓިންރޫމު ތަކުގައި މިވާހަކަ އަބަދާއި އަބަދުމެ ދައްކައެވެ. މަގުމަތީގައި ހިނގާފައި ދާއިރުގައި ވެސް މި ވާހަކަތައް އެތައް ބަޔަކު ދައްކައެވެ. މިކަމާ "ކުސް" ތަޅާ ޝަކުވާކޮށް އެއްޗެހި ވެސް ކިޔައެވެެ.

Ads by STELCO

ތިޔަ ހީކުރެވުނީ ރަނގަޅަށެވެ. ދައްކަން މިއުޅޭ ވާހަކަ އަކީ އަހަރެން ވެސް އަދި ކަލޭ ވެސް ސައިލަކަލަށް އެރިއްޖެ ނަމަ ދުނިޔެ ރަންވާ ވާހަކައެވެ. ސައިކަލަކަށް އެރިއްޖެ ނަމަ ދުއްވެނީ ކިހާ ބާރަކަށް ކަމެއް ތިމާ މީހާއަށް ނުވިސްނޭތީއެވެ. މަގުމަތީގައި ބާރުބާރަށް ދުއްވާފައިދާއިރު މީހެއްގެ ގައިގައި ނުޖެހި ދަނީ ކިރިޔާއެވެ. ގައިގައި ވައި އަޅުވާލާފައިދާއިރު އެމީހަކު ހުންނަނީ ދެކަމު ހާޖަތަށް ދެވޭ ވަރަށް ބިރު ގެންފައެވެ. އޭނާގެ ގައިގައި ޖެހޭ ނުޖެހޭ ވަރަށް ކަލޭ ދާއިރު ތިޔަ ދަނީ އޭނާގެ ހިތް ނަގާ އަތަށް ދީފައެވެ.

ކަލޭގެ އާއިލާގެ މީހެއްގެ ކައިރިން އެގޮތަށް މީހަކު ގޮސްފިނަމަ ކަލޭ ވެސް ރުޅި އަންނާނެވެ. އެކަމަކު މީހަކު ކަލޭ ބާރަށް ދުއްވާފައި ދިއުމުން އެއްޗެކޭ ބުނުމުން ކަލެއަށް ވެސް ގޯސްވާނީ އޭނާއެވެ. މީހަކު ރަނގަޅަކަށް އެއްޗެކޭ ބުނެފިނަަމަ ކަލެއަށް ވެސް ގަބޫލު ނުކުރެވެނީއެވެ. މާލޭގެ މަގުމަތީގައި ދުއްވަން ޖެހޭ ބާރުމިނަކީ 25 ކިލޯމީޓަރޯލައެވެ. އެކަމަކު ކަލެއަށް އެކަން އެނގޭހެނެއް އަހަންނަކަށް ހިޔެއް ނުވެއެވެ. ނުވަތަ އެނގޭކަމަށް ހަދަން ކަލޭ ބޭނުން ނުވަނީއެވެ.

ކަލޭ ދުއްވާފައި ދާއިރު މަގުމަތީގައި ތިބޭ ބުޅާތައް ވެސް ދަނީ އެއްލިގެން ވިއްޔާއެވެ. މަތިން އުދުހިފައި ދާ ދޫނިތައްވެސް ބިރުން ސިއްސައިގެން ދޭ ވިއްޔާއެވެ. އެވަރުން ވެސް ކަލޭގެ ފަރުވާލެއް ނެތެވެ. ކަލޭ ދުއްވާފައި ދާއިރު ހީވަނީ ކަލޭ މީހަކަށް ބިރުން ފިލަން ދާހެންނެވެ. ނުވަތަ އަރާ ކާ އެއްޗެއް ފަހަތުން އަންނާތީ އެކަމާ ބިރުން އުޅޭ ހެންނެވެ.

އެހާ ބާރުމިނުގައި ކަލޭ ދުއްްވާފައި ދަނިކޮށް މަގުމަތީގައި ޖަހާފައިވާ ޗެކް ޕޯސްޓަކުން ފުލުހުން ކަލޭ ހިފަހައްޓައިފި ނަމަ ކަަލެއަށް އެވަރުގެ ނުލަފާ ބަޔަކު ނުތިބޭނެއެވެ. ލައިސެންސް އަތުލާ ޖޫރިމަނާ ކޮށްފިނަމަ އެވެރިންނާ ދިމާއަށް ނުގޮވާކަށް އެއްޗެއް ނޯންނާނެއެވެ. އެހިސާބުން ވެސް ކަލޭ މައިތިރިވާކަށް ނޫޅެއެވެ. ވާނީވެސް އެހެންތާއެވެ. އެއްފުޅަށް މަތިން ފުއްމާލި ބަކަރި އަށް އަނެއް ފުޅަށް މަތިން ފުއްމާނުލާ ހަމަ ނުހުރެވެނީއެވެ.

ކަލޭ ދުއްވާ ބާރުމިން އަހަރެން މީހަކަށް ކިޔައިދީފިނަމަ އެމީހަކު ބިރުން ގޮސް އަނބުރާ ގަނެގެން ވެއްޓޭނެއެވެ. މާލޭގެ މަގުތަކުގައިވެސް ކަލޭ ދުއްވަނީ އެހާ ބާރަށެވެ. އަދި ކަލެއަށް ބްރިޖް މައްޗަށް އެރިއްޖިއްޔާ އެ ދެން ނިމުނީއެވެ. އިހަކަށް ދުވަހަކު ވެސް ބުރިޖް މަތިން ކަލޭ ދުއްވާފައި ދިޔަތަން ފެނިގެން މީހަކު އަހަންނަށް ގުޅާފައި އެވާހަކަ ދެއްކިއެވެ. މީހަކު ގައިގައި ކަލޭ ނުޖެހި ދިޔައީ ކިރިޔާކަން ވެސް އަހަރެން ދެނަހުރީމެވެ.

ކަލޭ ތިއޮއް ބާރަށް ދުއްވާ މީހާ އަދި އަންހެން ކުއްޖަކު ފަހަތަށް އެރުވުނީމާ ވާ ގޮތުން އަހަރެން އަންތަރީސް ވެއެވެ. ކަލޭ ދުއްވާ ބާރު ދުވެލީގެ ވެސް ދެގުނަ އަށް ކަލޭ އޭރުން ދުއްވައެވެ. ފަހަަތަށް އަރުވައިގެން ދާ އަންހެން ކުއްޖާއަށް "ފޮނި" ދައްކަންދޯއެވެ. މަގުމައްޗަށް ގުޅައަކަށް ޖެހުނީމާ އޮންނާނީ ވަރަށް ރީއްޗަށް ފޮނި ދެއްކިފައެވެ. ދެމީހުންް އެކުގައި ހޮސްޕިޓަލަށް ގެންގޮސް ކައިރި ކައިރީގައި އެޑްމިޓް ކުރަން ޖެހުނީމާ އޮންނާނީ "ރިލޭޝަންޝިޕް ގޯލްސް"އަށް ވެފައެވެ. އާން އެހެންޏާއެވެ. އަންހެން ކުއްޖަކު ސައިކަލު ފަހަތަށް އެރުވިއްޖެ ނަމަ ކަލޭ ތިއޮއް ދުއްވާ ގޮތެކެވެ. އެއްފަހަރަކު ސައިކަލު އަރި ކޮށްލާނެއެވެ. އަނެއްފަހަރަކު ސައިކަލުގެ ކުރީ ފުރޮޅު ހިއްލާނެއެވެ.

އެކުވެރިޔާއެވެ. ކަލޭ ސައިކަލު ދުއްވަން މޮޅުކަން އަހަންނަށް އެނގެއެވެ. ކަލެއަކީ މުޅި ރާއްޖޭގައި ވެސް ހުރި އެންމެ މޮޅު ސައިކަލު ދުއްވުންތެރިޔާ ކަމަށް އަހަރެން ގަބޫލު ކޮށްފާނަމެވެ. ސަރުކާރަށް ދަންނަވައިގެން އެކަން ހާމަަކޮށް ލިޔުމެއް ހޯދަން ވީ ހެއްޔެވެ. ކަލޭ މަގުމައްޗަށް ފަރިތަކަން ވެސް އަހަރެންނަށް އެނގެއެވެ.ކަލޭ އަދި އެކްސިޑެންޓެއް ނުވެޔޭ އަހަރެންގެ ގާތުގައި އަބަދުވެސް ބުނެއެވެ. އެކަމަކު ދޮންކަލޯ ބުނަން ހެއްޔެވެ. އެކްސިޑެންޓެއް ވަމުން މިވަނީ އެކޭ ނުބުނާނެއެވެ، ނުވެސް ބުނެވޭނެއެވެ. ކަލޭގެ ފަރިތަކަމަށް ވުރެ އެހެން މީހުންގެ ރައްކާތެރިކަން ކަލޭ މަގުމަތީގައި އެބަ ވިސްނަން ޖެހެއެއް ނޫން ހެއްޔެވެ.

އެކުވެރިޔާއެވެ. ސައިކަލަކަށް އެރޭ ކޮންމެ ފަހަރަކު ބޮލީވުޑު ފިލްމެއްގެ ސީނެއް ކުޅެން ކަލޭ މަސަައްކަތް ނުކުރާށެވެ. ސަންދޯއް ކޮނޑުމައްޗަށް ލައިގެން ދުއްވާ ދުއްވުން ކަލޭ ހުއްޓާލާށެވެ. އާނއެކެވެ. ސައިކަލަކަށް އެރުނަސް އަދި ދުނިޔެ ރަން ވާކަށް ނުވެއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!