ރަޖިސްޓްރީނުކޮށް މުދާ އެތެރެކޮށް ބޭރުކުރާނަމަ ޕްރޮސެސިންގ ފީއެއް ނަގާނީ
ރަޖިސްޓްރީނުކޮށް މުދާ އެތެރެކޮށް އެކްސްޕޯޓް ނުވަތަ ރީ އެކްސްޕޯޓްކުރާ ކުރާނަމަ ޕްރޮސެސިންގ ފީއެއް ނަގާ ގޮތަށް އުސޫލަށް ބަދަލުގެނެސްފި އެވެ.
ކަސްޓަމްސް އިން އަލަށް ގެނައި ބަދަލުގައި ބުނީ ރަޖިސްޓަރީނުކޮށް، މުދާ އިމްޕޯޓްކުރަން ނުވަތަ އެކްސްޕޯޓްކުރަން ނުވަތަ ރީ-އެކްސްޕޯޓްކުރަން އުޅެފި ނަމަ، ޕްރޮސެސިންގ ފީގެ ގޮތުގައި ނަގާނީ ޑިކްލަރޭޝަންގައިވާ މުދަލަށް ކަސްޓަމްސް އިން ކަނޑައަޅާ ސީއައިއެފް އަގުގެ 10 ޕަސެންޓް ކަމަށް ކަށެވެ. އެގޮތަށް ޕްރޮސެސިން ފީ ނަގާނީ ކޮމާޝަލް ކްއެންޓިޓީގެ ގޮތުގައި ބެލެވޭ ތަކެއްޗަށް ކަަމަށް ކަސްޓަމްސް އިން ބުންޏެވެ.
ޕްރޮސެސިންގް ފީ ނެގޭ ހާލަތުގައި ރެވެނިއު ސްޓޭމްޕް ފީ ދައްކާކަށް ނުޖެހޭނެ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
އެހެން ނަމަވެސް ގެދޮރު ޢިމާރާތްކުރުމަށާއި އޮޑިދޯނިފަހަރު ބަނުމަށް އަމިއްލަ ފަރާތްތަކުން އެފަރާތްތަކުގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓަރީނުކޮށް މުދާ އެތެރެކުރާ ހާލަތުގައި، އެފަރާތްތަކުގެ ޑިކްލަރޭޝަން ނިންމުމުގައި ޕްރޮސެސިންގް ފީ ނެގުމުގެ ބަދަލުގައި ރެވެނިއު ސްޓޭމްޕްގެ އަގަށްވާ ފައިސާ ދައްކަންޖެހޭނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އާ އުސޫލަށް އަމަކުރަން ނިންމާފައި ވަނީ އަންނަ އަހަރުން ފެށިގެންނެވެ.