ކުރީގެ މެމްބަރު ފަޒާދު ޕީޕީއެމްގެ ޓިކެޓު ހޯދަން ހުށަހަޅައިފި
މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެމްޕެއިން ކޮށްދެއްވި، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ ޕީޕީއެމް މެމްބަރު އަލީ ފަޒާދު ފުވައްމުލަކު މޭޔަރު ކަމަށް ވާދަކުރައްވަން ޕީޕީއެމް އޮފީހަށް ފޯމް ހުށަހަޅުއްވައިފިއެވެ.
މިއަދު ޕީޕީއެމްގެ އޮފީހުން އެ ފޯމް ބަލައިގަތީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. އާދަމް ޝަރީފް ވިދާޅުވީ ފަޒާދުގެ އިތުރުން މިހާތަނަށް އިތުރު އެއް ބޭފުޅަކު ފުވައްމުލައް ސިޓީގެ މޭޔަރު ކަމަށް ފޯމް ހުށަހަޅުއްވާފައިވާ ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް އެ ޕާޓީއާ ގުޅިވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް ޕީޕީއެމް އިން މަރުހަބާ ދަންނަވާނެ ކަމަށެވެ. އަދި ޕްރައިމަރީގައި ނާކާމިޔާބުވިޔަސް ކާމިޔާބުވި ކެންޑިޑޭޓްގެ ފަހަތްޕުޅުގައި ސާބިތުވެ ހުންނެވުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.
ފަޒާދަކީ ޏ. އަތޮޅު ކައުންސިލްގެ ފުވައްމުލަކު މެދު ދާއިރާގެ ކައުންސިލަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭރު އޭނާ އެ އިންތިޚާބު ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ޓިކެޓްގައެވެ.