ޚަބަރު

ފްލޯޓިން ހޮސްޕިޓަލެއް ރާއްޖެއަށް ގެންނަންޖެހޭ ހާލަތަކަށް އަދި ނުދޭ: އަލީ ވަހީދު

ދެން އެމްވީ

ކޮވިޑަށް ފަރުވާދޭން ރާއްޖެއަށް ފްލޯޓިން ހޮސްޕިޓަލެއް ގެންނަން ޖެހޭ ހާލަތަށް އަދި ނުދާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަލީ ވިދާޅުވީ ފްލޯޓިން ހޮސްޕިޓަލެއް ގެންނާނެ ހާލަތެއް އަންނާނީ "އަޅުގަނޑުމެންގެ ދިފާއު ފޫއަޅައިގެން ދިޔައީމާ" ކަމަށެވެ.

"ކޮވިޑާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތް ކުރަނީ ރައީސްގެ އިރުޝާދާ އެއްގޮތަށް، ރާއްޖޭގައި ބަލީގެ ހާލަތު ނުރައްކާވިޔަސް މެނޭޖު ކުރުމުގެ ގާބިލުކަން ދިވެހި ޑޮކްޓަރުންނާއި ނަރުހުން އަދި ސިފައިންނާއި ފުލުހުން އަދި މަސައްކަތްތެރިންގެ އެބަހުރި." އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ އަޅުގަނޑުމެން ބޭރުގެެ އެހީތެރިކަމަށް އެދެންޖެހޭ ހިސާބަކަށެއް އަދި ނުދާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ރާއްޖެއަށް ފްލޯޓިން ހޮސްޕިޓަލެއް ގެންނަން ނުޖެހި މިކަން ދިވެހި ސަރުކާރުން ކާމިޔާބު ކުރެވޭވަރަށް މިދަނީ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

އަދި ރާއްޖޭގެ ސިފައިންނާއި ފުލުހުން އަދި ޑޮކްޓަރުންނާއި ފްރޮންޓުލައިނުގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަނީ މިކަމުގައި ހުރި ރިސްކު އެނގިގެން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 214 މީހަކު ވަނީ ކޮވިޑަށް ފައްސި ވެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!