ޚަބަރު

ކޮށްލެވޭ ސުވާލަކުން، އުފެދޭ ދެބަސްވުމަކުން ވެސް ކަރަންޓީނުގެ މުއްދަތު އިތުރު ކުރާކަމުގެ ޝަކުވާ

ދެން އެމްވީ ، ދެން އޮންލައިން

ކަރަންޓީނު ފެސިލިޓީ އެއްގައި ހުރި މީހަކާ، އެތަން ބެލެހެއްޓުމަށް ހުރި އޮފިސަރަކާ ދެމެދު ހިނގި ދެބަސްވުމަކަށްފަހު، ކަރަންޓީނުގެ މުއްދަތު އިތުރު ކުރި ކަމުގެ ޝަކުވާ "ދެން" އަށް ލިބިއްޖެއެވެ.

Ads by STELCO

މިކަން ހިނގިގޮތް ކިޔައިދެމުން ކަރަންޓީނުގައި ހުރި މީހާ ބުނީ އެއްވެސް އަލާމާތެއް ނުފެނި ޑޮކްޓަރަކު ނުބަލާ، އެންމެ ކުޑަމިނުން ހުން ހުރިތޯ ވެސް ބަލާނުލާ، މިގޮތަށް ދެވަނަ ފަހަރަށް މުއްދަތު އިތުރު ކުރީ ފެސިލިޓީ ބަލަހައްޓަން ހުރި އޮފިސަރަކާއި ދެމެދު ހިނގި ދެބަސް ވުމަކަށް ފަހުގައިކަމަށެވެ.

"އަޅުގަނޑުގެ ބައްޕަ އަކީ ކެންސަރަށް ފަރުވާ ކުރާ ބަލި މީހެއް ، އަޅުގަނޑާއި ބޭބެ ކޮޗިންގައި ތިބެފައި އައީ ބައްޕަ ގޮވައިގެން، މާލެ އަންނަން އޮތް ރޭ އެއަރޕޯޓަށް ވެސް ދިޔަ ފަހުން ފްލައިޓް ކެންސަލް ވެގެން އެންގީ ، ދެން ސަރުކާރުން މީހުން ގެނައިއިރު 6 އޭޕްރިލްގައި ރާއްޖެ އައިސް އެންމެން ކަރަންޓީނު ކޮށްފަ މި ތިބީ އޮޅުވެލީގަ. އޭރު އޮތްގޮތުން ކަރަންޓީނު ނިމޭނީ އޭޕްރިލް 20 ގައި، ބައްޕައަށް ފަރުވާ ބޭނުންވާތީ 17 ވަނަ ދުވަހު ބައްޕަ ބަދަލު ކޮށްފި މާލެ އަށް. ބައްޕަ އާ އެކު ދިޔައީ ބޭބެ. ދެން އަޅުގަނޑުވެސް މިކަން ނިމިގެން ރަށަށް ދާން ބޭނުންވެފަ ހުރި ވަރުން އޮފިސަރު ކައިރީ އަހާލެވުނު ސުވާލެއް އެއީ." މި ދެބަސް ވުމެއް ފެށުނު ގޮތް އެމީހާ ކިޔައިދިނެވެ.

''20 އޭޕްރިލްގައި ކަރަންޓީނު ނިމޭތީ، 19 ގައި މިތަނުގައި އުޅޭ އޮފިސަރެއް ފެނިގެން އަހާލީ، ކަރަންޓީނު ނިމުނީމަ ކޮންތާކަށްހޭ ފޮނުވަނީ. އެހީމަ ބުނީ މާލެ އޭ ފޮނުވާނީ، ދެން އަޅުގަނޑު ބުނިން މާލޭގަ ނުހުންނާނޭ ހުރެވޭކަން. އެހެންވެ މާލެ ދާކަށް ބޭނުމެއް ނޫނޭ. ބުނީމަ އޮފިސަރު ވަރަށް ރުޅި އައިސްފައި ބުނީ، ކަލޭމެން ބޭނުންވެގެން ނޫނޭ މިތަނަށް ގެނައީ، އެހެންވީމަ މާލެ ފޮނުވާނީވެސް ބޭނުން ވެގެން ނޫނޭ." ކަންވީ ގޮތް "ދެން" އާ ހިއްސާ ކުރަމުން މި މީހާ ކިޔައިދިނެވެ.

ތިންބަފައިންނަކީ އެއްތަނެއްގައި ތިބެފައި ރާއްޖެ އައިސް އެއް ރިސޯޓެއްގެ ޖެހިޖެހިގެން ހުރި ދެ ކޮޓަރީގައި ކަރަންޓީނު ކޮށްފައި ތިބި ބައެކެވެ. ބައްޕަ މާލެ ގެންދެވުނީ ބައްޕަ އަކީ ކެންސަރުގެ ބަލި މީހަކަށް ވެގެން އިތުރު ފަރުވާ އަށް ބޭނުންވާތީއެވެ.

އޭނާ ބުނީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ އެއްވެސް އަލާމާތެއް އޭނާގެ ފަރާތުން ނުފެންނަ ކަމަށާއި އަދި ޑޮކްޓަރަކު ބަލާފައި ވެސް ނުވާ ކަމަށެވެ. ނަމަވެސް އޭޕްރިލް 20 ވަނަ ދުވަހު އެޗް.ޕީ.އޭ އިން ފޮނުވި ލިޔުމުގައި ވަނީ ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރެގެން ކަރަންޓީނުގެ މުއްދަތު އިތުރު ކުރީ ކަމަށެވެ.

އޭނާ ބުނީ ލިޔުން ލިބުމުން ރިސޯޓްގައި ތިބި އޮފިސަރުންނަށް ގުޅުމުން އެއީ އޮޅުމެއް ކަމަށް ފުރަތަމަ ބުނެފައިވާ ކަމަށާއި ނަމަވެސް ސަބަބަކާ ނުލާ މިވަރުގެ ބޮޑު އޮޅުމެއް ނާރާނެ ކަމަށް ބުނުމުން، އެ ވަގުތަށް އެކަން މީޑިޔާއަށް ސިއްރު ކުރުމަށް، ރިސޯޓުގައި ތިބި އޮފިސަރުން އޭނާގެ ކިބައިން އެދުނު ކަމަށެވެ. އަދި ފަހުން އޭނާ ގުޅުމުން ފޯނަށް ޖަވާބުވެސް ނުދޭކަމަށް އޭނާ ބުންޏެވެ.

މި މީހާގެ ކަރަންޓީނުގެ މުއްދަތު އިތުރުކުރިކަމުގެ ލިޔުމުގެ ކޮޕީއެއް "ދެން" އަށް ވެސް ލިބިފައިވެއެވެ.

ސަރުކާރުން ޚަރަދު ކުރާ ކަރަންޓީނު ފެސިލިޓީތަކުގައި ތިބޭ މީހުންގެ މުއްދަތު މިގޮތަށް ހިނގާ ދެބަސްވުންތަކުގެ ސަބަބުން އިތުރު ކުރެވޭ ނަމަ މިކަން ވާނީ ސަރުކާރަށްވެސް ވަރަށް ބޮޑު ބުރައަކަށެވެ. މިއަދުގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން އެމް.އެން.ޑީ.އެފް ގެ ފަރާތުން ހުސެން ޢަލީ ވިދާޅުވީ މިގޮތަށް ކަރަންޓީނު ފެސިލިޓީ ތަކުގައި ތިބޭމީހުން އެމީހުންގެ ރަށަށް ކަނޑުމަގުންނާއި ވައިގެމަގުން ގެންދިއުމުގައި ރެއާއި ދުވާލު މަސައްކަތް ކުރާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!