ޚަބަރު

އިމާރާތް ކުރުމުގެ ދާއިރާ އަށް މަހަކު 205 މިލިއަން ރުފިޔާ ބޭނުންވޭ: ޖަނާ

ދެން އެމްވީ ، ދެން އޮންލައިން

އިމާރާތް ކުރުމުގެ ދާއިރާގެ ކުންފުނިތައް ހިންގަން މަހަކު 205 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) ވިދާޅުވެއްޖެއެވެ.

Ads by STELCO

އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި ޖަނާ ވިދާޅުވީ، މަސީން ކުރި ސާވޭއެއްގެ މައްޗަށް ބިނާކޮށް އިމާރާތް ކުރުމުގެ ދާއިރާއަށް ކުރިއަށް އޮތް ތިން މަސް ދުވަހު 617 މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެ ސާވޭގެ ނަތީޖާއާ ހަވާލާ ދެއްވައި، ޖަނާހް ވިދާޅުވީ މި ހާލަތުގައި މުވައްޒަފުންގެ މުސާރަ އާއި އެކި ތަންތަނުގެ ކުލި ދެއްކުމާއި އެހެނިހެން ހަރަދުތަކަށް މަހަކު 205 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށެވެ.

"އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ސަރުކާރުން ހިލޭ އެއްވެސް ފައިސާއެއް ދޫކުރާކަށް އިމާރާތް ކުރުމުގެ ދާއިރާގެ ކުންފުނިތަކުން ބޭނުމެއް ނުވޭ. މީގެ ބަދަލުގައި އެ ކުންފުނިތަކުން ބޭނުންވަނީ މިހާރު ބޭންކުތަކުން ދޫކުރާ ރިކަވަރީ ލޯނު ގޮތަށް ގްރޭސް ޕީރިއަޑަކާއެކު، ބޭންކުތައް މެދުވެރިކޮށް ލޯނުތައް ލިބުން." ޖަނާ ވިދާޅުވިއެވެ.

ޖަނާ ވިދާޅުވީ އާ މަޝްރޫއުތައް ނުފަށަން މަސީން ކުރިން ވެސް ސަރުކާރަށް ލަފާ ދިން ކަމަށާއި އެއީ މި ދަނޑިވަޅު ވަރަށް މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ފައިސާ ލަސްނުކޮށް، އެ މަޝްރޫއެއް ހިންގާ ބަޔަކަށް ދިނުމަކީ މިވަގުތު ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންސްޓްރަކްޝަން ދާއިރާއިން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން މިހާރު ކުރިއަށް ގެންދަނީ ސަރުކާރުން ފަށާފައިވާ ޕީއެސްއައިޕީ މަޝްރޫއުތައް އެކަންޏެވެ. އެ މަޝްރޫއުތަކުގެ އަގަކީ 2.795 ބިލިއަން ރުފިޔާ އެވެ.

ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ނުފަށާ ހުރި ޕީއެސްއައިޕީ މަޝްރޫއުތައް ފެށިން މިއަހަރަށް މަޑު ޖައްސާލަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!