ލައިފްސްޓައިލް

ބާޒާރުކޮށްގެން އަންނައިރު ގެއަށް ވައިރަސް ނުގެންނާތި!

ކޮންމެ މީހަކަށް ވެސް އެންމެ ރައްކާތެރި ތަނަކީ އެމީހެއްގެ އަމިއްލަ ގެއެވެ. ކޮރޯނާވައިރަސް ފަދަ ނުރައްކާތެރި ބަލިމަޑުކަމުގައި ވެސް ސަލާމަތްވުމަށް އެންމެން ގޭގައި ބަންދުވެގެން މިތިބީ ގޭގައި ސަލާމަތުން ތިބެވޭނެތީއެވެ. ނަމަވެސް އިންސާނުންނަށް ވީތީ ކައިބޮއެ ހަދަންޖެހުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް ބޭރަށް ނިކުންނަން ޖެހެއެވެ. ނޫނީ އޯޑަރު ކޮށްގެންވެސް ގެއަށް އެއްޗެހި ގެންނަން ޖެހެއެވެ. މިގޮތަށް ބޭރުން އެއްޗެހި ގެންނައިރު އެތަކެއްޗާއި އެކު ގެއަށް ވައިރަސް ނުވައްދުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެއެވެ. އެހެންނޫނީ ވަޒީފާއާއި ތަޢުލީމް ޤުރުބާންކޮށްފައި ގޭގައި ތިބުމުގެ އެއްވެސް ފައިދާ އެއް ނެތި ބޮޑު ހިތާމަ އަކާ ކުރިމަތިލާންޖެހިދާނެއެވެ. އެހެންކަމުން ވިޔަފާރި ކޮށްގެން ގެއަށް އެއްޗެހި ގެނައުމުގައި ތިރީގައިވާ ކަންކަމަށް ސަމާލުކަން ދޭންވާނެއެވެ.

ބާޒާރަށް ދިއުމުގެ ކުރިން:
ގަރާޖު، ބަގީޗާ ފަދަ ހުސް ޖާގައެއް ގޭގައި އޮންނަ ނަމަ ވަގުތުން ފްރިޖްކުރަން ނުޖެހޭ ބާވަތްތައް ރައްކާކުރުމަށް އެތަނެއް ތައްޔާރު ކުރާށެވެ. ކަރުދާސް، ކޮތަޅު ފަދަ ކާތަކެތި ބަންދުކޮށްފައި ހުންނަ ގިނަ ތަކެތިން، 3 ދުވަސް ތެރޭގައި ވައިރަސް މަރުވާނެއެވެ. އެފަދަ ތަކެތި އެތަނުގައި ބަހައްޓާނީއެވެ. ދެން ބޭރުން ގެންނަ ތަކެތި، އެހެން އެއްޗެއްސާ އެކު ނުވާ ގޮތަށް ސާފުކުރުމަށް، ތަނެއް ތައްޔާރު ކުރާށެވެ. އިތުރު ތަނެއް ނެތްނަމަ އާންމުކޮށް ގޭގައި ބޭނުން ކުރާ ސިންކް ކައިރިން އެހެން ހުރިހާ އެއްޗެހި ދުރަށް ލާށެވެ. ގެންނަ ތަކެތި ހުޅުވުމަށް ކަތުރު، ވަޅި އަދި ކުނި އެޅުމަށް ވަކިން ވަށިގަނޑެއް ތައްޔާރު ކޮށްފައި ބަހައްޓާށެވެ.

ބާޒާރުން އައުމަށް ފަހު:
ގޭގެ ދޮރާށި އަދި ދޮރުގައި އަތްލެވުމުގެ ސަބަބުން ވައިރަސް ފެތުރިދާނެކަމަށް ބަލާ ގެއަށް އައުމުގެ ކުރިން އަތް ރަގަޅަށް ސެނެޓައިޒް ކުރާށެވެ. ވަގުތުން ބޭނުން ކުރަން ނުޖެހޭ، އަދި ފްރިޖަށްވެސް ލާން ނުޖެހޭ ތަކެތި މިސާލަކަށް، ހަނޑޫ، މުގު، ތެޔޮ ފަދަ ތަކެތި ކަރުދާސް ފޮއްޓަކަށް އަޅާފައި 3 ދުވަސް ވަންދެން ބަހައްޓާށެވެ. މަހާއި ތަރުކާރީ ފަދަ އަވަހަށް ހަލާކުވާ ޒާތުގެ ތަކެތި ސާފުކުރަން ގެންދާށެވެ. ސިންކު ތެރެއަށް ނުވަތަ ތައްޓަކަށް ވިނިގަރ އެޅުމަށް ފަހު މޭވާއާއި ތަރުކާރީ އެއަށް އަޅާށެވެ. ދެން އަވަށް އަތްދޮވެލާށެވެ. ކޮތަޅުގެ ބޭރުގައި އަތްލެވިފައި ހުރެދާނެތީއެވެ. މަސް ފަދަ ތަކެތި ސާފު ކޮތަޅަކަށް ނުވަތަ ތައްޓަކަށް ލުމަށްފަހު ފްރިޖް ކުރާށެވެ

ފެނުއަޅާފައި ބެހެއްޓި ތަރުކާރީ އާއި މޭވާ 15 މިނިޓު ވުމަށްފަހު ރީތިކޮށް ދޮވެ ސާފު ފޮތި ގަނޑަކުން ހިއްކުމަށްފަހު ރައްކާ ކުރާށެވެ. މިތަކެތި ބަންދުކޮށްފައިވާ ކޮތަޅުތައް ވަށިގަނޑަށް އަޅާ އުކާލަން ތައްޔާރު ކުރާށެވެ. އަނެއްކާވެސް އަތްދޮންނާށެވެ. އެތެރެއަށް ފެން ނުވަންނަ ގޮތަށް ބަންދުކޮށްފައިވާ ތަކެއްޗާއި ފުޅި ފަދަ ތަކެތީގެ ބޭރު، ޑިސްއިންފެކްޓަންޓް ސްޕްރޭކޮށްގެން ސާފުކުރާށެވެ. ނުވަތަ ބްލީޗް ފެނުން ދޮންނާށެވެ.

ސީރިއަލް ފަދަ އެއްޗެހީގެ ބޭރު ފޮށިގަނޑު އެއްލާލުމަށްފަހު އެތެރޭގައިވާ ސިލްވަރ ބޭގްގައި ރައްކާކުރާށެވެ. ބޭރުން ގެނައި ހުރިހާ ޕެކެޓާއި ކޮތަޅުފަދަ ތަކެތި އެހެން ކޮތަޅެއްގައި ރީތިކޮށް ބަންދުކޮށްފައި އެއްލާލުމަށް ނެރޭށެވެ. ވީވަރަކުން ޑިސްޕޯސަބްލް އަންގި ގޭގައި ބަހައްޓާށެވެ. ބާޒާރު ކުރަން ދާއިރުވެސް އަންގި ލައްވައިގެން ދާށެވެ. ހަށިގަނޑަށް އެންމެ ފަސޭހައިން ވައިރަސް ވާޞިލްވަނީ އަތުގެ ޒަރީއާއިން ކަމަށްވާތީ ގިނަގިނައިން އަތް ދޮންނާށެވެ. ސެނެޓައިޒަރ އިންވެސް މި ވައިރަސް ފިލާނީ، 60-70 އިންސައްތަ އަލްކޮހޯލް ހުންނަ ސެނެޓައިޒަރ އަކުން 20-30 ސިކުންތު އުނގުޅައިގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!