ރިޕޯޓު

ކޮވިޑް19 ގައި މަރުވި މީހުންގެ ހަތަރުބައިކުޅަ އެއްބައި މީހުން މަރުވީ އެމެރިކާއިން

މިދިޔަ ނޮވެމްބަރ މަހުގައި ޗައިނާގެ ވޫހާން ސިޓީއިން އުފަންވެގެން މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް މިވަނީ ދުނިޔެ ބިރުވެރިކަމެއްގެ ތެރެއަށް ގެންގޮސްފައެވެ. ނިއުޒީލެންޑާއި ފިންލެންޑް އަދި ޑެންމާކާއި ޓައިވާން ފަދަ ގައުމުތަކުގައި ވައިރަސް ވަރަށް ބޮޑަށް ކޮންޓްރޯލް ވެފައިވީ ނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި އަދިވެސް ވައިރަސް ދަނީ ހަލުވި ކަމާއެކު ފެތުރެމުންނެވެ.

މުޅި ދުނިޔޭގެ ތިން މިލިއަން މީހުން ކޮވިޑް19 ގެ ޝިކާރައަކަށް ވެގެން ގޮސްފައިވާއިރު މި ބަލީގައި 227،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި މިބަލި ޖެހުނު މީހުންގެ ތެރެއިން މިލިއަނަކާއި ގާތްކުރާ އަދަދެއްގެ މީހުން ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ.

ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޢަދަދަށް ބަލާލާއިރު އެންމެ ގިނަ މީހުން މަރުވެފައިވަނީ އެންމެ ގިނައިން މި ބަލި ޖެހުނު އެމެރިކާއިންނެވެ. މިލިއަނަކަށްވުރެ ގިނަ މީހުންނަށް އެމެރިކާއިން މި ވައިރަސް ޖެހުނުއިރު އޭގެ ތެރެއިން 61 ހާސް މީހުންނަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މިއީ މި ބަލި ޖެހިގެން ޖުމްލަ މަރުވި މީހުންގެ ހަތަރު ބައިކުޅަ އެއްބަޔަށްވުރެ ގިނަ ޢަދަދެކެވެ.

ދުނިޔޭގެ އެކި ގައުމުތަކަށް ބަލާލާއިރު ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވަނީ ޔޫރަޕްގެ ގައުމުތަކުގައެވެ. އެގޮތުން ސުޕޭނާއި އިޓަލީ އަދި ފްރާންސްގެ އިތުރުން ޔޫކޭ އަކީ އެމެރިކާއަށް ފަހު އެންމެ ގިނަ މީހުންނަށް ކޮވިޑް19 ޖެހުނު ގައުމުތަކެވެ.

ނިއުޒީލެންޑާއި ފިންލެންޑް އަދި ޑެންމާކް ފަދަ ގައުމުތަކުން ކޮވިޑް19ގެ ކަންކަން ބަލަހައްޓަމުން ގެންދާ ގޮތާއި މެދު ގިނަ ގައުމުތަކެއްގެ ތަޢުރީފް ވަނީ ލިބިފައެވެ. މި ގައުމުތަކުން މިހާރު ވަނީ ވައިރަސް ކޮންޓްރޯލް ކުރެވި ބޮޑެތި ލުއިތަކެއް ދީފައެވެ. މިއާއި އިދިކޮޅަށް ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ އެމެރިކާގެ ރައްޔިތުންގެ ރުޅިވެރިކަމާއި ނުތަނަވަސްކަން ، އެގައުމުގެ ސަރުކާރަށް ޚާއްޞަކޮށް ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަނީ އަމާޒުވެފައެވެ. ވައިރަސް ފެތުރިގެން ދިޔައިރު އެއީ އާދައިގެ ރޯގާއެއް ކަމަށާއި އަދި ސާފުކުރުމަށް ބޭނުން ކުރާ ކެމިކަލް ފަދަ ތަކެތިން ވައިރަސްއަށް ފަރުވާ ހޯދިދާނެ ކަމަށް ބުނި ޑޮނަލްޓް ޓްރަމްޕް ދައްކަމުންދާ ވާހަކަތަކާއި އޭނާގެ ސިޔާސަތުތަކަށް ޞިއްޙީ މާހިރުން ވެސް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!