ހިތާމައިގެ ކޮޅެއް ނެތް ، މައްޔިތާ ވަޅުލިއިރު އާއިލާއާއި ރައްޓެހިން ތިބެން ޖެހުނީ މާދުރުގައި!
މުޅި ދުނިޔެއާއި ކުރިމަތިވި ކޮވިޑް19ގެ ބަލިމަޑުކަން މި ދިވެހިރާއްޖޭގެ ހަތަރު އުދަރެސް ބައްދައިފިއެވެ. އެތަކެއް ދިވެހި ރައްޔިތުންނަކާއި މިގައުމުގައި އަހަރެމެންގެ ޚިދުމަތުގައި ތިބި އެތަކެއް ބިދޭސީންނެއް ކޮންމެ ދުވަހަކު މި ބަލީގެ ޝިކާރައަކަށް ވަމުން ދަނީއެވެ. ކޮންމެ ދުވަހެއްގެ އިރު އަރާ އޮއްސެނީ މި ޚަބަރުތަކާ އެކުގައެވެ.
ކޮވިޑް19ގެ ޝިކާރައަކަށް މިހާތަނަށް މި ދިވެހިރާއްޖޭގައި 280މީހުން ވެއްޖެއެވެ. އޭގެ ތެރޭގައި 127 ދިވެހިން ހިމެނެއެވެ. މިއާއެކު މުޅި ގައުމަށް މިއަދު ހިތާމައާއި މޮޅިވެރިކަން ގެނުވީ މޮނިޓަރިންގެ ޙާލަތުގައި ހުރި 83 އަހަރުގެ ދިވެއްސަކު ކޮވިޑް19 ޖެހިގެން މަރުވުމާއެކުގައެވެ. އަދި މިހިތާމައިގެ ކަރުނަތައް ގިނަ ވެގެން ދިޔައީ މައްޔިތާއަށް ޓަކައި ދިރިތިބީން އަދާ ކުރަން ޖެހޭ ޙައްޤު ކަމުގައިވާ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ވެސް އާންމުކޮށް ނެތުމާއެކުގައެވެ.
ކޮވިޑް19 ޖެހިގެން މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަމާއި ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ސަރުކާރުން ހަމަޖައްސާފައިވަނީ ދިވެހި ސިފައިންނެވެ. ދީނީ ޢިލްމްވެރިންގެ މަޝްވަރާއާއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި އެޅި މި ފިޔަވަޅާއެކު ނިޔާވި 83 އަހަރުގެ މީހާ ވަޅުލިއިރު އެތަނުން ފެނުނު މަންޒަރުން ކޮންމެ މީހަކަށް އަސަރު ކުރާނެކަން ޔަގީނެވެ. ޖަނާޒާގައި އާންމުކޮށް ބައިވެރިވާ ގިނަ ޢަދަދެއްގެ މީހުން ނެތި އެތަނުގެ ފޮޓޯތަކުން ފެނުނީ ފަޅު ކަމެވެ. މައްޔިތާ ވަޅުލިއިރު އާއިލާއާއި ރައްޓެހިން ތިބެން ޖެހުނީ މާދުރުގައެވެ.
ކޮވިޑް19 ޓާސްކްފޯހުން މިރޭ ބޭއްވި ބައްދަލުވުމުގައި ޑރ.ޢަލީ ލަތީފް ވިދާޅުވީ މައްޔިތާގެ މޫނު ބަލަން ދިޔުން މަނާ ނުކުރާ ކަމަށާއި ނަމަވެސް ގިނަ ޢަދަދެއްގެ މީހުން އެއްތަނަކަށް ޖަމާވާނަމަ ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެތީ އެދެނީ ވީހާވެސް މަދުން މީހުން ދިޔުމަށް ކަމަށެވެ.
ހިތާމައިގެ ކޮޅެއް ނެތެވެ. ދުނިޔެ ދެކެމުންދާ ހިތްދަތިކަން މިއަދު އަހަރެމެންގެ މި ރާއްޖޭގައި ވެސް ދަނީ ތަކުރާރު ވަމުންނެވެ. އަހަރެމެންގެ މައްޗަށް އޮތީ ﷲގެ ނިޔާއާއި މެދު ރުހި ކެތްތެރިވުމެވެ. މާޔޫސްވުމެއް ނެތި ﷲ އަށް ދެންނެވުމެވެ. އުނދަގޫ ކަމަކަށް ފަހު ފަސޭހަ ކަމެއް ވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެއީ ﷲގެ ވަހީ ބަސްފުޅެވެ. މި ބަސްފުޅާ މެދު އިތުބާރު ވަރުގަދަ ކުރައްވާށެވެ. ސަބަބުތަކުގައި ހިފައި ﷲ އަށް ދެންނެވުން މަތީގައި މި މާތް މައްސަރުގެ ދުވަސްތައް ހެޔޮ ގޮތުގައި ބޭނުން ހިފަމާ ހެއްޔެވެ؟