ދުނިޔެ

200 އަހަރެއްހާ ފަހުން ގުރީސްގެ އެތެންސްގައި މިސްކިތެއް ހުޅުވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ގާތްގަޑަކަށް 200 އަހަރު ފަހުން އެތެންސްގައި މިސްކިތެއް ބިނާކޮށް އެ މިސްކިތުގައި އާއްމުކޮށް ނަމާދުކުރަން ފަށައިފިއެވެ

Ads by Sosun Fihaara

އެތެންސްގައި ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅެމުންދާއިރު މީގެ ތެރޭގައި ޕާކިސްތާން، ސީރިޔާ، އަފްގާނިސްތާން، ބަނގްލަދޭޝް ފަދަ ޤައުމުތަކުގެ މުސްލިމުން ދިރިއުޅެމުން ދެއެވެ. އެހެން ނަމަވެސް މީގެ 200 އަހަރު ކުރިން އޮއްޓޮމަނުންގެ ކިބައިން އެތެންސް އަތުލި ފަހުން އެ ސިޓީގައި ރަސްމީ މިސްކިތެއް ނުހުރެއެވެ.

1890  ވަނަ  އަހަރު  މިސްކިތެއް  އެޅުމުގެ  މަސައްކަތް  ފެށުނު  ނަމަވެސް ގުރީސްގައި ދިރިއުޅޭ ނަޞާރާ އޯތޮޑޮކްސް އާބާދީއާއި ނެޝަނަލިސްޓުންގެ އިތުރުން ނިޒާމުގައި ހުރި މައްސަލަތަކެއްގެ ސަބަބުން މިސްކިތުގެ ރޭވުންތައް ޔަޤީންކުރުމަށް އެތައް އަހަރެއް ހޭދަވެގެން ދިޔައެވެ.އޭގެ ފަހުން މަސައްކަތް މަޑުޖެހުމަކަށް އައިސްފައި ވަނީ ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުންނެވެ.

މި  މިސްކިތުގައި އަޅުކަން ކުރަން ފެށުނު ނަމަވެސް މިސްކިތަށް ހާޒިރުވާ މީހުން ކޮވިޑް-19 ގެ އިރުޝާދުތަކުގެ މަތިން ގައިދުރުކަން ދަމަހައްޓާ، މާސްކް އަޅަން ޖެހެއެވެ.

"މިއީ އެތެންސްގައި ދިރިއުޅޭ މުސްލިމުންނައި އައި ތާރީހީ  ދުވަހެއް. މި މިސްކިތް ހުޅުވޭނެ ދުވަހަކަށް އަހަރެމެން އިންތިޒާރު ކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ. ﷲ އަށް ހަމްދުކުރަން ،މި މިސްކިތް މިހާރު ހުޅުވި އަޅުކަން ކުރަން ފުރުސަތު ލިބުމުން" މިސްކިތް ހިންގުމާބެހޭ ކައުންސިލުގެ މެންބަރެއް ކަމަށްވާ ހައިދަރު އާޝިރު ވިދާޅުވިއެވެ.

އެހެން ނަމަވެސް ނަމަވެސް ބައެއް މުސްލިމުން ވަނީ މިސްކިތް އިމާރާތާމެދު ހިތްހަމަ ނުޖެހުން ފައުޅުކޮށްފައެވެ. ވިލާތުގައި ހުންނަ އެހެން މިސްކިތްތަކުގައި ހުންނަ ހައިބަތު އެ މިސްކިތުގައި ނެތްކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ .  އަދި ވަރަށް އާދައިގެ އިމާރާތެއް މިސްކިތެއްގެ  ގޮތުގައި  ބޭނުން ކުރާތީ އެތެންސްގައި ދިރިއުޅޭ ބައެއް މުސްލިމުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

"ހިޔެއް ނުވޭ ބަލާލާފަ މިއީ އަޅުކަންކުރާ ތަނެއްހެން. ވަރަށް ކުޑަ އިމާރާތެއް މިއީ. އަހަރެމެން ވަރަށް ޝުކުރު ވެރިވަން މިތަން އަޅުކަން ކުރަން ހުޅުވާލީމަ. އެކަމަކު ވެސް މި ކަންތައްތައް ހައްލު ވަންދެން އަޑު އުފުލާނަން" ގުރީސްގެ  މުސްލިމް އެސޯސިއެޝަންގެ އެންމެ އިސް މަޤާމުގައި ހުންނެވި ނައިމް އަލް ޤަންދޯރު ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން ގުރީސް މިވަގުތު ފުރަބަންދު ކޮށްފައި ވާތީ މިސްކިތުގައި އަޅުކަން ކުރުން ރަސްމީކޮށް ފެށޭނީ ނޮވެމްބަރު މަހުގެ 30ވަނަ ދުވަހަށް ފަހުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!