ރިޕޯޓް

ބޮޑުފަންސަހައްޓި އާއި ބަރުލަމާނީ ގޮނޑިކޮއްކޮ

ދެން އެމްވީ ، ދެން އޮންލައިން

ދުވަހުން ދުވަހަށް ދައުލަތް ހިންގުމަކީ ކޮންފަރާތަކަށް ޤާނޫނު އަސާސީ މަތިކޮށްފައި އޮތްކަމެއް ކަމާމެދު ސުވާލު އުފެދެއެވެ. ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންގެ މަޖިލިހުގެ ބޭނުމާ މެދު ސުވާލު އުފެދެއެވެ. " ބޮޑު ފަންސަހައްޓި " ނޫން ބަޔަކު ތިބުމުގެ ބޭނުމެއް ނެތްކަހަލައެވެ. ޑޮކްޓަރުން ދުވާލަކު ބަލާނެ ބަލި މީހުންގެ އަދަދާއި ދޭނެ ބޭހާއި ފަރުވާދޭނެ ގޮތްވެސް އެނގެން ޖެހެނީ ބޮޑުފަންސަހައްޓި އަށެވެ. މުޅިދުނިޔެ ކޮވިޑަށް ފައްސިވެފައިވާއިރު ކޮވިޑް19 ގެ ނުރައްކާތެރިކަމުގެ މިންގަނޑު ކަނޑައަޅަނީވެސް ބޮޑުފަންސަހައްޓިއެވެ. ފުކެއް ބޮޑުވަރެވެ.

Ads by Sosun Fihaara

އާނއެކެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ފުޅާވެގެން ގޮސް ދައުލަތް ހިންގަން ދަތިވެއްޖެއެވެ. މަސްލަހަތުތައް ގަނޑުވެ ގުޅަވެއްޖެއެވެ. ނޭވާހޮޅިޔަށް އެޅިފައި ތިއްބަސް ސިޔާސީ ޗަރުކޭސް ކުޅުންނޫން ކަމެއް ނެތިއްޖެއެވެ. ކުރާކޮންމެ ކަމެއްގައި މާއްދީ އަމިއްލަ މަސްލަހަތެއް ނެތް އެއްވެސް ކަމެއް ނުކުރެއެވެ. އަމިއްލަ ޕާޓީގެ ވެރިކަމުގައިވެސް ސަރުކާރު ބަރަހަނާކޮށް އިތުބާރު ކެނޑުވުންނޫން ކަމެއް ނުކުރެއެވެ. ސަރުކާރުގެ ބަލިފައިތައް ހޯދައިގެން މަޖިލީހުގެ ތަޅުމުގައި ފަޅާއަޅަނީ އެތެރެއިން ހައްލުކުރެވޭނެ މަގެއް ހަމަ ނެތިގެން ނޫންކަން ކުދިވެރިންނަށްވެސް އެނގޭހާވެއެވެ. ނޫނީ ދެބުޅަލުގެ އަރާރުމުގައި ބޯކިބާ ފޮތި ކުޑަވަނީއެވެ.

އަޖައިބެއް ނުވާނެހެއްޔެވެ. ބޮޑުފަންސަހައްޓިގެ ލީޑަރަކީ އިދިކޮޅު ލީޑަރޭ ހީވާކަހަލައެވެ. ޑިމޮކްރަސީގެ ތޮފިއަޅައިގެން ހުރެ މިޖަހަނީ ކޮން ސަކަރާތެއް ހެއްޔެވެ. މިވަގުތަކީ ބާރުގެ ތިލަފަތް ބަރުކުރަން އުޅެން ކޮންވަގުތެއްހެއްޔެވެ. ތިޔަ ޖަހާސަކަރާތުން ލަނޑު ޖެހެނީ ބައިކޮޅަށެވެ. ތިޔަ ބަދެވެނީ އަމިއްލަ ހަތަރެސްފައެވެ. ޗެކް އެންޑް ބެލެންސް ހިފެހެއްޓުމަށް އުފައްދާފައިވާ މުއައްސަސާތައް ދަތްނެތް ސިންގާތަކަކަށް އަނެއްކާވެސް ބަދަލުވެ ނިމެނީއެވެ. ތިންބާރަކީ މަސްހުނިގަނޑަކަށްވެ ނިމިއްޖެއެވެ. ރިޔާސީ ސިފަ ގެއްލި ބަރުލަމާނީ ގޮނޑިކޮއްކޮ އަކަށް މުޅި ދައުލަތްވެ ނިމިއްޖެއެވެ.

ރައީސް ޞާލިހަކީ ސިޓިންގރޫމު ފަޅުފިލުވަން ފަންގިފިލާގައި އެލުވާފައިހުރި ޗާނދަލިޔާއެއް ހެއްޔެވެ. ރައްޔިތުން އެމަނިކުފާނަށް އާރާބާރު ދިނީ މޮހަނަށް ދޯނި ދޭ ގޮތަކަށް ނޫނެވެ. އަތްފައި ބަނދެ ފަތަން މޫދަށް އެއްލާލެވޭ މީހެއްގެ ގޮތުގައެއްވެސް ނޫނެވެ. އަނެއްކޮޅުން މަޖިލީހަށް މެންބަރުން ފޮނުވީ ދައުލަތް ހިޞާރުކޮށް އޮބިއަޅާކަށްވެސް ނޫނެވެ. ބައިއަޅާލައިގެން ދައުލަތް ލޫޓުވާލާކަށް ވެސް ނޫނެވެ. ވަޒީރުން ދައުލަތް ހިންގިޔަނުދީ ފައިދަތި އަޅުވާ ވައްޓާލާކަށް ވެސް ނޫނެވެ.

ހާލަތާއި ވަގުތަށް ބެލުމެއްނެތި ވަޒީރުންގެ މަސައްކަތަށް ހުރަސް އެޅުމަކީ ޒިންމާދާރު ވުމެއްނޫނެވެ. ފަސާދައިގެ އަމަލުތައް ބަލަން ވަރުވަރުން މުއައްސަސާ ހަދައިގެން ބަޔަކަށް މުސާރަ ދިނުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ. ކޮންމެ ބަޔަކުވެސް އެބައެއްގެ އިމުގެތެރޭގައި ނުތިބެވިގެން އުޅެނީ ރައްޔިތުން ދެކެ ހަމަ ވާލޯބިން ހެއްޔެވެ. ނޫނީ ބައިނާޅައިގެން ހެއްޔެވެ.

ކޮވިޑް19 ގެ ބިރުވެރި ހާލަތުގައި އިޤްތިޞާދު ވެންޓިލޭޓަރގައި އޮތްކަން ވެރިކަން ކުރާ މައި ޕާޓީގެ ޗެއަޕަރސަނަށް ނޭނގުމަކީ އަރަތެކެވެ. އިޤްތިޞާދު ވެންޓިލޭޓަރގައި އޮތްކަން ނޭނގުނަސް ބަލިމީހުނަށް ބޭނުންވާ ވެންޓިލޭޓަރ ގަންނަން އުޅޭކަން ބޮޑުފަންސަހައްޓިއަށް އެނގުނެވެ. ހީވީ ފަޔަށް ހިނި އަރައިގެން ތެޅިގަތް ހެނެވެ. ހެލްތު މިނިސްޓަރު ރެޔާދުވާލު ނުނިދާ ކޮވިޑް19 އާއި ކުރިމަތިލުމުގެ ހުރިހާކަމެއް ހިންގާ ބެލެހެއްޓުމުގައި އަވަދިނެތި އުޅޭ އުޅުމެއް ރޭކާވެސް ނުލިއެވެ. ހުރިހާ ކަމެއް ބަހައްޓާފައި ބޮޑުފަންސަހައްޓީގެ ސުވާލުތަކަށް ޖަވާބުދާރީ ވުމަށްވުރެ މުހިންމު އެއްވެސް ކަމެއްނެތެވެ. ޤައުމު ކޯމާގައި އޮތަސް ކަޑަބޮއް ޖަހާފައި ވަޒީރު ދުވަންވީ އެދިމާލަށެވެ. ވުޒާރާތަކަށް ވަކި މުއްދަތެއްގެ ތެރޭގައި ކަންކަން ކުރަން ލާޒިމުކޮށް މަޖިލީހުގެ ރައީސް ސޮއިކޮށް އެންގުންތައް އަންގާނީ އެހެންވެތާއެވެ. ގަންނާކުރައްވާ ބިރުން ވަޒީރުން އެކަންކަން ކުރެއެވެ. ވާނީ އެހެންތާއެވެ. އިތުބާރުނެތް ކަމަށްހަދާ ސައްޕުޖަހާ ގޮނޑިން އެއްލައިލާނީ ކޮން އިރަކުން ކަމެއް ނޭނގެންޏާއެވެ. މަޖިލީހުގެ ތަޅުމުގައި ބޮޑު ފަންސަހައްޓިން ވަޒީރުން މަޤާމުން ވަކިކުރަން ގޮވާލެވޭ އަޑެއްވެސް ވަކިން މަޑެއްނޫނެވެ. ވަރަށް އާދައިގެ ކަމެއްގައި ސިދާތާ ފަކީރަށް ޖައްސާލި ހާލު އަދި ހަނދާން ނެތޭހާއެއް ނުވެއެވެ.
ހެލްތު މިނިސްޓަރު ގާނޫނު އަސާސީއާ ހިލާފުވެގެން މިހާރު މިއޮތީ އަދަބު ދޭން ޖެހިފައެވެ. މިކަމުގެ ފަހަތުގައި އޮތީ ގައުމީ ކޮން މަސްލަހަތެއް ހެއްޔެވެ. ވަގުތުގެ ހާލަތަށް ބަލާއިރު މިއީ އެކަމުގެ އެންމެ ރަނގަޅު ވަގުތު ހެއްޔެވެ. ކޮވިޑް19 އިން ގައުމު ސަލާމަތް ކުރަން އިސްވެ ހުރި މީހާގެ ސަމާލުކަން އެހެން ކަމަކަށް އަނބުރާލާ ޖާނު ސަލާމަތްކުރަން އުޅެން ޖެއްސީ ހަމަ އިޚްލާޞްތެރިކަމުން ހެއްޔެވެ. ޖަވާބުދާރީވުމުގައި މިނެޓްކޮޅެއްގެ ލަސްވުމަކުން އެވަރު އަރުވާލަން ވޭހެއްޔެވެ. އަޅެފަހެ، ކޮރަޕްޝަނާ ފަސާދަ ނައްތާލަން އޮތް މުއައްސަސާ އޮތީ މަރުތަޅު އެޅިފައި ހެއްޔެވެ.

އަންތަރީސް ވާހާވެއެވެ. މިހާރު ހުރި ޞިއްޙީ ވަޒީރުގެ މާލިމީކަމުގައި ކޮވިޑް19 ގެ ކަންކަން ތަރުތީބުވެ ހިގަމުން ދާލެއް ރަނގަޅުކަމުން ދުނިޔޭގެ އެތައް ބަޔަކު ތައުރީފުކުރާ އަޑު ނީވޭހެއްޔެވެ. ނޭވާ ހޮޅިޔަށް އެޅިފައި ހުރިހާ ގައުމެއްހެން އޮތް އިރު، ކަމެއް ގޯސްކޮށް ހިނގިއެއްކަމަކު، ގިނަކަންކަން ރަނގަޅަށް ދާތީ ހަޖަމު ނުވަނީތާއެވެ. ނުވެ އޮތްކަމެއް ނުވުމުގެ ފަހަތުގައި އޮތީ ވަޒީރުގެ ނާޤާބިލު ކަމެއްނޫނެވެ. ބޮޑު ފަންސަހައްޓީގެ ނޭއްގާނީ ކަމެވެ. ނުފޫޒާއި ބަސްނާހައި ވަލު ދޮރާށިން ވަދެ މަޖުބޫރުން ކުރުވި ކަންކަމެވެ. މާއްދިއްޔަތަށްޓަކައި ބޯޑަރު ބަންދު ކުރިޔަނުދީ ހިފެހެއްޓި ހިފެހެއްޓުމެވެ. ބަލިފެތުރެމުން ދިޔަ ގައުމުތަކުން އެތެރެވީ މީހުން ގޭގައި ކަރަންޓީނު ކުރުވަން ކުރުވި މަޖުބޫރެވެ. ބަލިމީހުންނާއި ގައިގޯޅިވާ މީހުން ކަރަންޓީނު ކުރުމަށް މަޖިލީހުގެ ރިޔާސީ ކަމަނާމެން ފަދަ ބަސްވިކޭ ކަނބަލުން ހެދި ދެކޮޅު ހެދުމެވެ. މިހުރިހާ ކަންކަމާއެކުވެސް ޞިއްޙީ މާހިރުންނާއެކު ވަޒީރު ކުރިފަސް ހޯދާ ރައްޔިތުންގެ އިތުބާރާ ލޯބި ހޯދުން ހަޖަމްނުވީއެވެ. ރައްޔިތުންގެ ކުރިމައްޗަށް ނިކުމެ ބަސް ބުނަން ހުރި މީހާގެ އިތުބާރު ކަނޑުވާލައި ބަދުނާމު ކޮށްލުމުގެ ނިޔަތް ނެގޭނީ ކާކަށް ހެއްޔެވެ. ރާއްޖޭގެ ޞިއްޙީ ނިޒާމަށް ލިބެމުން އައި އިތުބާރު ކަނޑުވާލައި ރައްޔިތުން މާޔޫސް ކޮށްލުމުގެ ނުބައި ނިޔަތަކީ ކޮބައިހެއްޔެވެ. ސިއްޙީ މާހިރުންނާއި ޚިދުމަތްތެރިން ފުރާނަ އަތްމައްޗަށް ލައިގެން ރެޔާދުވާލު އެކުރާ ބިރުވެރި ޖިހާދަށް ޝުކުރުވެރި ވާން ހިތައްވެސް ނާރައެވެ.

ވާނީވެސް އެހެންތާއެވެ. ކަރުތެރެ ތެންމާލައި އަތްދޮވެލައިގެން ސަލާމަތް ވެވޭވަރުގެ އާދައިގެ ރޯގާއަކާ ހެދި އެވަރަކުން އުޅޭނެ ކަމެއް ނެތްތާއެވެ. ކޮވިޑް19 ޖައްސާފައި ބައިތިއްބައިގެން އިންތިޚާބު ކާމިޔާބު ކުރަން ފޫގަޅައިގެން ތިބީމާ ވާނީ އެހެންތާއެވެ. ހުންއަންނާނެ ކަމަށް ރަޖާލާން ދެކޮޅު ހަދާ މީހަކަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް ވާނީ ޖޯކަކަށްތާއެވެ.

އަނެއްކޮޅުން، ކުއްލިއަކަށް ސަރުކާރުތެރޭގައި އެތައް މިލިޔަން ޑޮލަރުގެ ކޮރަޕްޝަން ހިންގާކަމަށްވެސް ވެއްޖެއެވެ. ތަޅުމަށްދޮށި ފާޓުފުޅާ މެންބަރަކު ކަރުން ނާރުނަގައި ތަޅުމުގައި ގުދޯގުދޯ ގޮވާލިއިރު ހީވަނީ މިއިން ކޮންމެ މީހަކީ ހުދު ބޯކިރު ފޮދެއްހެންނެވެ. ރަނގަޅަށް ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. މިއުޅެނީ އެހެން ކަމެކެވެ. ތިމާ ހިއްސާވާ ކުންފުންޏަކަށް ވެންޓިލޭޓަރުގަންނަން ނުދީގެނެވެ. ވެންޓިލޭޓަރު ގަންނަން ހަވާލުނުކުރިޔަސް ޓެސްޓްކިޓްތައް ގަންނަން ހަވާލުކުރީމާ އަޑުކެނޑި ހިމޭންވެއްޖެއެވެ. މަޖިލީހުގައި މިގޮތަށްލާ ކޮންމެ ހަޅޭކެއްގެ ފަހަތުގައި މިއޮންނަނީ އަމިއްލަ ބޮނޑި ބޮޑުކުރުމެކެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!