އެއް ޑޮލަރަށް ލިބޭ ކޮވިޑް ޓެސްޓް ކިޓެއް ސެނެގޯލް އިން އުފައްދަނީ
ކޮވިޑް-19 އަށް ޓެސްޓްކުރުމަށް، ވަގުތުން ނަތީޖާ ލިބޭ ޓެސްޓް ކިޓެއް އުފެއްދުމުގެ މަސައްކަތް ސެނެގޯލް އިން ފަށައިފިއެވެ.
އެންމެ ޑޮލަރަކަށް ލިބޭ މި ޓެސްޓް ކިޓްގެ ސަބަބުން އެތައް މިލިއަން މީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ އުއްމީދު ވަނީ ލިބިފައެވެ. ހިންދުސްތާން ޓައިމްސްގައި ޝާއިޢު ކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، އެފްރިކާއިން އެބޯލާ ރިސާޗްތައް ހެދުމަށް މަސައްކަތްކުރި ފަރާތްތަކުގެ ތަޖުރިބާ މިހާރު ބޭނުން ކުރަމުންދަނީ އަގުހެޔޮކޮށް ވިއްކޭނެ ޓެސްޓް ކިޓެއް އުފެއްދުމަށެވެ.
ދިރާސާކުރާ ފަރާތްތަކުން ހާމަ ކުރާ ގޮތުގައި، ޑެންގޫ އަދި އެހެން ހުން ތައް ޓެސްޓްކުރުމަށް ބޭނުން ކުރި ކިޓްތައް ވަރަށް ފަސޭހައިން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް މޮޑިފައި ކުރެވޭނެއެވެ. މި ކިޓްތައް އުފައްދާ އިންސްޓިޓިއުޓުން ހާމަ ކުރި ގޮތުގައި މި ކިޓް ތަކުން ކުރާ ޓެސްޓްގެ ނަތީޖާ 10 މިނިޓް ތެރޭގައި ލިބޭނެއެވެ.
މި ކިޓްތަކަކީ އިނގިރޭސި ވިލާތުގެ ބަޔޯޓެކް ކުންފުންޏެއް ކަމަށްވާ، މޮލޮޖިކް އާއި ގުޅިގެން އުފައްދާ ކިޓްތަކެކެވެ. މި ކިޓްތައް ބޭނުންކޮށްގެން ވަރަށް ފަސޭހައިން ގޭގައި ވެސް ޓެސްޓް ކުރެވޭނެއެވެ.
އޭގެ އިތުރުން މާބަނޑު މީހުން ޓެސްޓް ކުރަން ބޭނުން ކުރާ ޓެސްޓް ކިޓް ގޮތަށް، ލޭ ނުވަތަ ކުޅު ބޭނުން ކޮށްގެން ވެސް މި ކިޓްތަކުން ޓެސްޓް ކުރެވޭނެއެވެ. އަދި ވަގުތުން ސްކްރީނަށް ނަތީޖާ އަރާނެއެވެ. މި ކިޓް ބޭނުން ކުރުމަށް އަގުބޮޑު ލެބޯޓްރީތަކުގެ ބޭނުމެއް ނުވެއެވެ.
މިކަމަށް ބޭނުންވާ މިންގަނޑަށް ކަންކަން ފެތުމާއި އެކު، ބިޔަ އަދަދަކުން މި ކިޓްތައް އުފެއްދުމުގެ މަސައްކަތް އިނގިރޭސިވިލާތާއި ސެނެގޯލްގައި ވެސް ފަށާނެއެވެ. މިކަމާ ބެހޭގޮތުން، އަލް ޖަޒީރާއާ ވާހަކަ ދައްކަމުން ޑރ. އަމާޑޯ ސޯލް ހާމަ ކުރި ގޮތުގައި، އެފަރާތުން ބޭނުންވަނީ މި ކިޓްތަކުން މުޅި އެފްރިކާ އަށް ފައިދާ ކުރުމެވެ. އެގޮތުން 2-4 މިލިއަން ކިޓް އުފައްދަނީ ހަމަ އެކަނި އިނގިރޭސިވިލާތުގައި ބޭނުން ކުރުމަކަށް ނޫން ކަމަށް އޭނާ ބުންޏެވެ.
ސެނެގޯލްއަކީ އެފްރިކާ ގައުމު ތަކުގެ ތެރެއިން، ކޮވިޑް-19 ޖެހިގެން މީހުން މަރުވާ ރޭޓް އެންމެ ދަށް ގައުމެވެ.