ދުނިޔެ

ގާތުންދޭ ކިރުން ކޮރޯނާވައިރަހަށް ފަރުވާއެއް ލިބިދާނެ ކަމުގެ އުއްމީދު

ދެން އެމްވީ ، ދެން އޮންލައިން

ތުއްތުކުދިންނަށް މައިންގެ ގާތުންދޭ ކިރުގައި، ކޮރޯނާވައިރަހަށް ފަރުވާއެއް އެކުލެވިފައި ހުރެދާނެ ކަމަށް އުއްމީދުކޮށް އެކަން ދިރާސާކުރުމަށް ތަޖުރިބާކާރުން ފަށައިފިއެވެ.

Ads by Sosun Fihaara

މިކަމަށް އެއްބާރުލުން ދިނުމަށް ދުނިޔޭގެ އެކި ހިސާބުން ހާހަކަށް ވުރެ ގިނަ ކިރުމައިންވަނީ ކިރު ހަދިޔާކުރުމަށް އިސްނަގާފައެވެ. ދުނިޔޭގެ އެކި ހިސާބުގައި މަސައްކަތް ކުރާ ސައިންޓިސްޓުންނާއި ދިރާސާކުރާ ފަރާތްތަކުން ރެއާއި ދުވާލު މަސައްކަތް ކުރަނީ ކޮވިޑް-19 އަށް ފަރުވާއެއް ހޯދުމަށެވެ. މިއީ ލިބިފައި އޮތް ކުޑަ އުއްމީދެއްގެ ހަގީގަތަކީ ކޮބައިތޯ ބެލުމެއް ކުރެވޭ ދިރާސާއެކެވެ.

މިއަދާ ހަމައަށް ސާރސް އަދި މާރސް އަށް ފަރުވާ ހޯދުމުގައިވެސް ގާތުންދޭ ކިރުގެ ތަހުލީލުތަކެއް ނުކުރެވެއެވެ. މައިމީހާގެ ކިރަކީ ވަރަށް ގިނަ ފައިދާތަކާއި ދިފާޢީ ބާރުތައް ލިބިފައިވާ އެއްޗެއްކަން ވަނީ ކުރިންވެސް ހާމަ ވެފައެވެ. މިގޮތުން ކިރުގައި ހިމެނޭ އެންޓިބޮޑީގެ ސަބަބުން، ވައިރަހާ ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ކުޑަދަރިފުޅަށް ލިބެއެވެ. އަދި ޖަރާސީމުގެ ސަބަބުން ޖެހޭބަލިތައް ދުރުކޮށް އިންފެކްޝަން ޖެހުމާ، އެލާރޖިކްވުމުން ދުރުކޮށްދެއެވެ. ކިރަކީ ހަމައެކަނި ލޭގެ ޒަރިއާއިން އުފެދޭ އެއްޗަކަށް ވުމުން، ސައިންޓިސްޓުން ބަލަން ބޭނުންވަނީ ކިރުގައި ހިމެނޭ އެންޓިބޮޑީގެ ސަބަބުން ކޮވިޑް-19 ފަދަ ބަލިތަކުން ރައްކާތެރިކަން ލިބުމުގެ ކިހާ ފުރުސަތެއް އޮތްތޯއެވެ. ގާތުން ދޭ މައިންގެ ހަށިގަނޑުގައި، ރޯގާއާއި އިންފެކްޝަނުން ޖެހޭ ބަލިތަކުން ރައްކާތެރިކޮށްދޭ އެންޓިބޮޑީ އުފައްދާ، ކިރުގެ ޒަރީއާއިން ދަރިފުޅަށް އެންޓިބޮޑީ ފޯރުކޮށްދެއެވެ.

މުޅި ދުނިޔޭގެ އެންމެ ގިނަމީހުނަށް ބަލި ޖެހުނު އެމެރިކާގެ، އެންމެ ބަލި މީހުން ގިނަ ސްޓޭޓްކަމަށްވާ ނިއުޔޯކްގައި މަސައްކަތްކުރާ، މި ދިރާސާ ހެދުމުގައި އިސްކޮށް މަސައްކަތް ކުރާ އެކަކު ކަމުގައިވާ ރެބޭކާ ޕަވަލް ހާމަކުރިގޮތުގައި، ކޮވިޑް-19 ޖެހުނު މީހުންގެ ތެރޭގައި ގާތުން ކިރުދޭ ކުޑަކުދިން ހިމެނުނު އަދަދު މަދުވުމަކީ، ގާތުންދޭ ކިރުގައި މި ބައްޔާއި ދެކޮޅު ކޮންމެވެސް ރައްކާތެރި ކަމެއް ހުރުން ކައިރި ކަމެއް ކަމަށެވެ.

މިހިސާބުން އުފެދޭ ސުވާލަކީ ކޮވިޑް-19 ގެ ޙާލަތުގައި ގާތުން ކިރުދިނުމަކީ ރައްކާތެރި ކަމެއް ހެއްޔެވެ؟ މިހާތަނަށް ހޯދުނު ހޯދުންތަކުން، ގާތުން ދިނުމުގެ ސަބަބުން މަންމަގެ ފަރާތުން ދަރިފުޅަށް ކޮވިޑް-19 ޖެހުނުކަމެއް ޔަގީންވެފައެއް ނެތެވެ. މުޅިންވެސް އިރުޝާދު ދެވިފައި ހުރީ ސާފުތާހިރު ދިރިއުޅުމެއް އުޅުމަށާއި، އެހެން މީހުނާ ގާތް ނުވުމަށާއި، ބަލިވެ އުޅޭނަމަ ދަރިފުޅާ ގާތް ނުވުމަށެވެ. ގާތުން ކިރުދިނުން މަނައެއް ނުކުރެއެވެ.

މިދިރާސާގައި އިސްކޮށް ހަރަކާތްތެރިވާ ސައިންޓިސްޓްވެސް ހާމަ ކުރި ގޮތުގައި، ގާތުންދޭ ކިރުގައި ކޮވިޑް-19 އަށް ފަރުވާ އެއް ވާނަމަ، ދުނިޔެއިން މި ބަލިމަޑުކަން ފިލުވާލެވޭނެކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!