ރިޕޯޓް

ރިޕޯޓް: މައިންމަގަށް ލައްގަޅޭ!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އާއިގުޅިގެން އުންމީދު ނުކުރާ ބޮޑެތި ބުރަތައް ސަރުކާރަށް އުފުލަން ވަނީ ޖެހިފައެވެ. ބަލިމަޑުކަމުން ރައްޔިތުން ސަލާމަތް ކުރުމަކީ އެންމެ ބޮޑު ޒިންމާއެވެ. ފެތުރުން ހުއްޓުވުމެވެ. ބަލިމީހުނަށް ފަރުވާކުރުމެވެ. ފަރުވާ ދިނުމުގައި އަވަދިނެތި އުޅޭ ޚިދުމަތްތެރިން ރައްކާތެރިކުރުމެވެ. ފަރުވާއަށް ބޭނުންވާ ވަސީލަތްތަކަށް ނުޖެހި މެދުނުކެނޑި ލިބެން ހުންނާނެ ގޮތް ހެދުމެވެ. މިކަންކަން ރަނގަޅަށް ތަރުތީބުވެގެން ދެވޭ ޚިދުމަތުން ބަލިމަޑުކަމުން އަރައިގަތުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. އެހެންނަމަވެސް ގުޅިލާމެހިފައިވާ އެހެން އެތައް ކަމަކާހުރެ ކޮވިޑް19 މިވަނީ މުސީބާތަކަށް ވެފައެވެ.

ބަލިމީހުން އައިސޮލޭޓްކުރުމާއި އެތައްބަޔަކު ކަރަންޓީނުކޮށް ބެލެހެއްޓުމަކީ ކުޑަ ކަމެއްނޫނެވެ. އެކަމަށް ތަންތަނާއި ފައިސާއާއި ދަތުރުފަތުރާއި ޚިދުމަތުގައި އުޅޭނެ އެތައް ބަޔަކު ބޭނުންވެއެވެ. ބޯޑަރު ބަންދުކޮށް ދަތުރު ފަތުރު ހުއްޓާލުން މަޖުބޫރެވެ. ބޭރަށް ނިކުމެ އުޅުން ހުއްޓުވާ ގައިގޯޅިވެ އުޅުން ހުއްޓުވުން ލާޒިމުވެއްޖެއެވެ. އެބަޔަކު ތިބިތާކު އެބަޔަކު ބަންދު ވީއެވެ. މަސައްކަތްތެރިން މަސައްކަތް ހުއްޓާލާ ގޭގޭގައި ތިބުން ނޫން ގޮތެއް ނެތިއްޖެއެވެ. އިޤްތިޞާދީ އިންޖީނު އެކީ އެކައްޗަކަށް ނިވިއްޖެއެވެ. އެތައް މުއައްޒަފުންނެއް ބިކަވެ އާމްދަނީ ހުއްޓުނީއެވެ. ރިސޯޓުތަކާއި ހޮޓާތަކާ ގެސްޓްހައުސްތައް ބަންދުވެ ފަޅުވެއްޖެއެވެ. ކޮވިޑާއެކު އިޤްތިޞާދުވެސް ވެންޓިލޭޓަރަށް ލެވުނީއެވެ. ރައްޔިތުން ބަނޑުފުރާނަ މުއްތިކުރުމަށް ގޮތް ހޯދައިދިނުމަކީ ކޮވިޑް19 އަށް ފަރުވާކުރުމަށް ވުރެ ބޮޑު ބުރަކަމަކަށް ސަރުކާރަށް މިއޮތީވެފައެވެ.

ރައްޔިތުން ކާބޯތަކެއްޗަށް ނުޖެހި ލޮކްޑައުންގައި ތިބެވޭނެ ގޮތް ހަދައިދިނުމަކީ ކުޑަކަމެއްނޫނެވެ. މިހުރިހާ ކަންކަން މިހެން ހުރިއިރު ހައްތަހާވެސް ވެއްޓެނީ ރިހޭފައި މައްޗަށް ފޮޔެވެ. އެންމެ ބޮޑު އެއްބުރަޔަކީ ބަޔަކު މީހުންގެނެސް މަގުމައްޗަށް ދޫކޮށް ލައިފައިތިބި ބިދޭސީންގެ މައްސަލައެވެ. ރިސޯޓުތައް 14 ދުވަހުގެ ކަރަންޓީނަށްފަހު ހުޅުވާލުމުން އެތަންތާނގައި އެކިނަންނަމުގައި ގެންގުޅުނުހާ ބިދޭސީން ވަނީ ޒިންމާއެއް ނެތް ގޮތެއްގައި ދޫކޮށްލާފައެވެ. މިދަންނަވާ ބިދޭސީން މާލެތެރެއާއި އެރިސޯޓުތަކާ ކައިރި ރަށްރަށުގައި ބިކާރީވެގެން ތެޅިފޮޅެނީއެވެ. ގިނަމީހުން ރިސޯޓުންބޭލީ މުސާރަނުދޭތާ އިނާޔަތެއް ވެސް ނުދިއެވެ. އެމީހުންނަކީ ރިސޯޓުގެ ރަސްމީ ދަފުތަރުގައި ނެތްކަމަށްބުނެ ރިސޯޓުތަކުންވަނީ ބޮލުން ނައްޓާލާފައެވެ. ރަހުމެއް ހަމްދަރުދީއެއްނެތެވެ. މިއޮތްފަދަ ރޯދަމަހު އެތައްބަޔަކު ނަގާ އުކާލިއިރު ރިސޯޓުތަކުގެ އިޖުތިމާއީ ޒިންމާ ކޮބައިހެއްޔެވެ. ކާނެބޯނެ ގޮތެއްނެތި ހާންތިވަމުން އެދަނީވެސް ހަމަ އިންސާނުންނެވެ. އިންސާނިއްޔަތު ކަމުގެ ކަންފުޅެއްވެސް ނެތީ ހެއްޔެވެ. މިހުރިހާ އެންމެން ހޯދާ އެމީހުނަށް ކާންބޯންދީ ބޯހިޔާވަހިކަން ދޭންވެސް މިޖެހުނީ ސަރުކާރަށެވެ. އެކަމަކު ރިކަވަރީ ޕެކޭޖްތަކާއި ސްޓެމިއުލަސް ޕެކޭޖުތައްވެސް ލިބެން މިޖެހެނީ ރިސޯޓުތަކަށެވެ.

ދުވަހުން ދުވަހަށް ކުރާމަސައްކަތުން ކައިގެން ބޮއެގެން އުޅޭ މީހުނަށް އާމްދަނީ ލިބުން ހުއްޓި އެމީހުން ބަނޑަށް މަރުވިޔަސް އެމީހުނަށް ދިއްކޮށްލާނެ އެއްޗެއް ނެތްކަމަށް އެކޮނޮމިކް ވަޒީރު ވިދާޅުވީމާ ހަމަ ހައިރާންވެއްޖެއެވެ. ޓެކްސީ ދުއްވައިގެން ކައިބޮއި އުޅުނު މީހުން ގެއަށްވަދެ ހައިބަނޑަށް ތެޅިތެޅި އާއިލާއާއެކު ލޮކްޑައުންގައި މަރުވެދާންވީހެއްޔެވެ. މާރުކޭޓު ގޮޅިތަކާއި އެނޫންވެސް އުނގުވިޔާފާރި ކުރާމީހުންނަށް ހަމަ އެއްވެސް ގޮތެއްނެތީހެއްޔެވެ.

ރިސޯޓުތަކާއި މާލެއިން ރަށްރަށަށް ދާމީހުން އެކަހެރިތަންތާ ކަރަންޓީނު ކުރެވޭއިރު ކަރަންޓީނުވެވޭ މީހާގެ އާއިލާއިން ކާބޯތަކެތި ފޯރުކޮށްދޭ ގޮތަށް ހަމަޖައްސާއިރު އެނޫން ކަރަންޓީނު ފެސިލިޓީތަކުގައި ސަރުކާރުން ހޭދަކޮށްގެން ކާބޯތަކެތީގެ ޚިދުމަތްދެނީ ރިސޯޓުތަކަށް ފައިސާކޮޅެއް ދޭހިތުން ނޫންބާވައެވެ. ކަރަންޓީނަށް ބޭނުންކުރާ ކޮންމެ ރޫމަކަށް ކުއްޔެއް ނުނަގައި އެވެރިންނަށް ހަމަ ވާން ނެތީ ހެއްޔެވެ.

އަނެއްކޮޅުން ލޮކްޑައުންގެ ހާލަތުގައި ހުރިހާކަމެއް އޮންލައިން ވެފައިވާއިރު އަހަރަކު އެތައް މިލިޔަނުން ފައިދާ ހޯދާ ދިރާގާއި އުރީދޫން ޑާޓާއާއި މިނިޓްސް ހިލޭނުކުރެވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ. އިސްތިހާރު ކުރުމަށާއި ފާޑުފާޑުގެ ޕްރަމޯޝަންތަކުގައި މިލިޔަން މިލިޔަން ޚަރަދުކޮށްލާއިރު ފިކުރެއް ޚިޔާލެއް ނެތެވެ. ހެޔޮހާލުގައި ނެތް ރައްޔިތުންގެ ތެރޭގައި ފަހުން ދޭން އޮންނާނީ ކޮން ޚިދުމަތެއް ހެއްޔެވެ.

އަނެއްކޮޅުން ސްޓެލްކޯއިން ރީޑިން ނުނަގާ އަންދާޒާ ކަރަންޓް ބިލެއް ގޭގެއަށް ފޮނުވައިގެންވެސް މިދަނޑިވަޅުގައި ލާރިކޮޅެއް ހޯދަން ނޫޅެ ހަމަ ފަރުޖެހެން ނެތީހެއްޔެވެ. ސާފުފައިދާ މިހުރިހާދުވަހު ހޯދީ ކީއްކުރަން ބާއެވެ. އިސްވެރިން މަހު މުސާރައިގެ ގޮތުގައި ލައްކައެއްހާ ރުފިޔާ ގެންދަން ނުލިބިދާނެތީ ބިރުނަގަނީ ތޯއްޗެކެވެ. ލޮކްޑައުންގެ މުއްދަތުގައި ރައްޔިތުމީހާއަށް ބިލެއް ނުފޮނުވިއްޔާ ވާނީ ކީއްހެއްޔެވެ. އާއްމުހާލަތަށް ބަދަލުވުމުން ބުރަޔަކަށް ނުވާހެން ބަހާލައިގެންވެސް އެމުއްދަތުގެ ޚަރަދު ހަމަ ޖައްސާ ނުލެވެނީހެއްޔެވެ.

ރައްޔިތުމީހާ ފަރުދީ ޒިންމާ ނުނަގައިގެން ހުއްޓާނުލާ ރައްޔިތުން ނުބައިމީސް ކުރަމުން ދާއިރު ގައިދުރުކޮށްގެން ގޭގައި އޮވެވޭނެހެން ހަދައިދޭން ކުރެވެން ހުރި ގިނަކަންކަން އަދިވެސް ހަމަޔަކަށް ނޭޅެއެވެ. ރިސޯޓުތަކުން މިހުރިހާ ދުވަހު ކުރި ވިޔާފާރިން އިޖުތިމާއީ ޒިންމާއެއް ގޮތުގައި ކުޑަވެސް ކަމެއް ނުކުރެވޭހާ އޯނަރުން ފަޤީރުވީހެއްޔެވެ. ނޫނެކެވެ. އަމަލުގައި އިޚްލާސްތެރިކަމެއް ނެތީއެވެ. ރިސޯޓުތަކާއި ނަމުން އަސާސީ ޚިދުމަތްދޭ ކުންފުނިތަކުން މިބަލިމަޑުކަމުގައިވެސް އެތިބީ މައިންމަގަށް ލައްގަޅޭ ކިޔާލަ ކިޔާލައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!