ކޮންމެ ފަރުދަކަށް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އެލަވަންސެއް ދޭން ގޮވާލައިފި
ކޮވިޑް19އާ ގުޅިގެން ދިމާވެފައިވާ ދަތިތަކާ ގުޅިގެން ކޮންމެ ފަރުދަކަށް 5000 އަދި 10000 ރުފިޔާއާ ދެމެދުގެ އެލަވަންސެއް ދިނުމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގޮވާލައްވައިފި އެވެ.
މަޖިލިހުގެ ޖަލްސާގައި އިގްތިސާދީ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން ބޮންޑޭ ވިދާޅުވީ ކޮންމެ ފަރުދަކަށް އެލަވަންސެއް ދިނުމުގެ އިތުރުން އިކޮނޮމިކް ރިކަވަރީ ޓެކްސްގެ ނަމުގައި ޓެކުހެއް ނަގަން ސަރުކާރަށް ހުށަހަޅުއްވާ ކަމަށެވެ. އަދި ބޭރު ގައުމުތައް މެދުވެރިކޮށް ލޯން ނަގަން ނުޖެހޭ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑެ ވިދާޅުވީ މި ވަގުތަކީ ސަރުކާރުން ކުއްލި ކުއްލި އަށް ފިޔަވަޅު އަޅާ ވަގުތަކަށް ވުމުން މަޖިލީހުން ދެކޭގޮތެއް އަދި ހުށަހަޅާ ބައެއް ކަންކަމަކީ ވަރަށް ދުވަހުން އެޅޭނެ ފިޔަވަޅުތަކެއްކަމަށެވެ.
އަދި ވާހަކަ ދައްކަވަމުން ބޮންޑޭ ވަނީ ކޮންމެ ފަރުދަކަށް 5000 އަދި 10000 ރުފިޔާއާ ދެމެދުގެ އެލަވަންސެއް ދިނުމަށް ސަރުކާރަށް ގޮވާލާފައެވެ. އެގޮތުން ބޭނުން ޖެހިފައިވާ އަދި ކޮވިޑް19 ގެ ސަބަބުން ވަޒީފާ ގެއްލި ދަތިހާލުގައި އުޅޭ ފަރާތްތަކަށް މި އެލަވަންސް ދިނުން މުހިންމު ކަމަށް ވިދާޅުވި އެވެ.
ބޮންޑެ ވިދާޅުވީ އިގްތިސާދީ މަސައްކަތްތައް އަލުން ފެށުމަށްޓަކައި ދުނިޔޭގެ ގައުމުތަކުން އަމަލު ކުރަމުން އަންނަ ގޮތާ އެއްގޮތަށް ރާއްޖޭގެ ކަންކަން ވެސް ބަދަލު ކުރަން ޖެހޭ ކަމަށެވެ. އަދި މިހާރު ސަރުކާރުން ހުށަހަޅާފައިވާ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް މާ ބޮޑު ފައިދާއެއް ނުލިބޭނެ ކަން އޭނާ ވިދާޅުވިއެވެ.