ލައިފްސްޓައިލް

ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ އާދޭސް: ބޭނުންވަނީ ބައްޕަ ގެ ގައިގައި އެއްފަހަރު ބައްދާލަން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް19 އާއި ގުޅިގެން މުޅި ގައުމު ލޮކްޑައުންކޮށް ސިއްހީ ނުރައްކަލުގެ ހާލަތުގައިވާއިރު އަހަރެމެންގެ ދިރިއުޅުމަށް މިވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އާއިލާ އާއި ރައްޓެހިންނާއި ދުރުގައި އުޅުމަކީ އަހަރެމެންގެ ތެރެއިން އެކަކަށް ވެސް ފަސޭހަ ކަމެއް ނޫނެވެ. މީގެ ތެރޭގައި އިސްސަފުގައި މަސައްކަތް ކުރާ މީހުން ގެ އާއިލާތައް ފާހަގަކޮށްލަން ޖެހެއެވެ. އެތައް ދުވަހަކު އަނބިދަރީންނާއި ދުރުގައި ހުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަދި އެއީ އާއިލާ އަށް ވެސް ފަސޭހަކަމަކަށް ނުވާނެއެވެ.

Ads by Sosun Fihaara

މިހާލަތުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ މަންމަ ވަނީ އޭނާގެ އުދާސްތައް ބަންޑުންކޮށްލާފައެވެ. ހާއްސަ އެހީ އަށް ބޭނުން ވާ ކުއްޖެއް ކަމަށް ވާ އިބްރާހިމް ޚަލަފް ނާފިއު ގެ ބައްޕައަކީ ސިފައިން ބޭކަލެކެވެ. ބައްޕަހުރީ ޤައުމީ ޚިދުމަތުގައެވެ. ދަރިފުޅާއި އާއިލާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އާއިލާ އާއި ދަރިފުޅާއި ކައިރިިން ބައްދަލުވެވޭކަށް ނެތެވެ. އާއިލާގެ ރައްކާތެރި ކަމަށްޓަކައެވެ.

ޚަލަފް ގެ މަންމަ މިރޭ މީސް މީޑިއާގައި ހިއްސާކޮށްލި ފޮޓޯއެއް ގިނަ ބައެއްގެ ހިތްތަކާއި ކުޅެލައިފިއެވެ. ފޮޓޯތައް ހިއްސާ ކުރަމުން ޚަލަފް މަންމަވަނީ އޭނާގެ އުދާސްތައްވެސް ބަންޑުންކޮށްލާފައެވެ. މިގޮތުން އެޕޯސްޓްގައި އޭނާ ވަނީ، މިފަދަ ޚައްސާސް ދަނޑިވަޅެއްގައި ކުއްޖަކު ބެލުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި އަދި ހާއްސަ އެހީ އަށް ބޭނުންވާ ކުއްޖަކު ބެލުމަކީ އެއަށް ވުރެ ވެސް އުނދަގޫ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

އަދި މިރޭ ޚަލަފް އޭނާގެ ބައްޕަ އާ ދުރުން ބައްދަލުވި ނަމަވެސް ކައިރިވެ ބައްދާލަން ނުލިބުމުން އެކުއްޖާ ހިތުގައި ޖެހި ރުއި ވާހަކަ އެ މަންމަގެ ޕޯސްޓްގައިވެއެވެ. އެ މަންމަގެ ހިތަށް އެކަމުން ކޮށްފައިވާ އަސަރު ވެސް އޭނާ ވަނީ ބަޔާންކޮށްފައެވެ. ގައުމަށްޓަކައި ޚަލަފް ގެ ބައްޕަ މަސައްކަތް ކުރަމުން އަންނައިރު ބައްޕަ އެނބުރި އަންނަންދެން ޚަލަފް އިންތިޒާރު ކުރާނެ ކަމަށް ވެސް ޚަލަފް ގެ މަންމަ ގެ ޕޯސްޓުގައި ލިޔެފައިވެއެވެ.

ޚަލަފް އަކީ ހާއްސަ އެހީއަށް ބޭނުން ވާ ހާލަތެއް ކަމުގައި ވާ މައިކްރޯސެފަލީ ހުންނަ ކުއްޖެކެވެ. މައިކްރޯސެފަލީ އަކީ އުފެދުމުގައި ތުއްތުކުއްޖާގެ ސިކުނޑި ހެދިބޮޑުވުން ލަސްވެ، ކުއްޖާގެ ޖިސްމާނީ ހެދިބޮޑުވުމަށް އަސަރު ކުރުމަށް ކިޔާ ނަމެކެވެ. ޚަލަފްގެ ފޭސްބުކް ޕޭޖް އިން އިތުރު މައުލޫމާތު ލިބޭނެއެވެ. ޕޭޖްގައި ބުނެފައިވާ ގޮތުގައި އާއިލާ އާއި ގުޅޭނެ ނަމްބަރަކީ 7852755 އެވެ.

ޚަލަފް އާއި އޭނާގެ ބައްޕަގެ ފޮޓޯ ހިމަނައި މަންމަ ކުރި ފޭސްބުކް ޕޯސްޓް ވަނީ ވައިރަލް ވެފައެވެ. 300 އަށް ވުރެ ގިނަ މީހުން ވަނީ އެޕޯސްޓް ޝެއާ ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!