އަންނަން އޮތް ނިއު ނޯމަލް އަކީ ކަމެއްނެތް ޖަޒީރާ ދިރިއުޅުން!
ދިވެހީން ތިބީ ދިވެހިންގެ ގޮތުގައެވެ. ސުނާމީގެ ބިރުވެރިކަން ދިވެހިންނާ ކުރިމަތިވީ ކުއްލިއަކަށެވެ. މަދު މިނިޓް ކޮޅެއްގެ ތެރޭގައި އެތައް ދުވަހެއްގެ މަސައްކަތުން ބިނާކުރި އެތައް ގެދޮރެއް ބިމާހަމަވިއެވެ. އެތައްބަޔަކު ހާލުގައި ޖެހުނެވެ. އެތައް ބަޔަކު ގެއްލި ވީނުވީއެއް ނޭނގިފައިވެއެވެ. ބައެއް ރަށްރަށް އެކީ އެކައްޗަކަށް ފަޅުވިއެވެ. ވަގުތީ ހިޔާތަކުން އެތައް ހާސް ބަޔަކަށް ހިޔާވަހިކަން ހޯދަންޖެހުނެވެ. މަދަދުގެ އަތެއް ދިއްކޮށް ލެވެން އޮތް ކޮންމެ މީހަކު އެމީހަކަށް ވީވަރެއް ކުރިއެވެ. ވާނުވާ ނޭނގުމުގައި ދެދުވަހަކު ބިރުވެރިކަމުގައި ތިއްބެވެ. ދުނިޔޭގެ އެތައް މިތަނުން އެހީގެ ގޮތުގައި ތަކެއްޗާއި ފައިސާ އޮހެން ފެށުމުން ކުރިމަތިވި ބިރުވެރިކަމުގެ ހަނދާން ނެތް ކަހަލައެވެ.
ގަބޫލުކުރަން ކިތަންމެ ބޭނުން ނުވިޔަސް ޙަޤީޤަތަކީ ޙަޤީގަތެވެ. ނުކުރާ ބަޔަކު ނުކުރިޔަސް އެތައް ބަޔަކު، ޖެހުނު ގޮތަކަށް ޖެހުނު އެއްޗެއް ޖެހުނު ތާކުން ހޯދަން ހޭކަނޑާލިއެވެ. ސުނާމީގެ އަސަރެއް ، ކުޑަވެސް ނުކުރާ ކިތަންމެ ތަންތަނަކަށް ވެސް ބޮޑެތި ހިސާބުތައް ހަދައިގެން ފައިސާއާއި ތަކެއްޗާވެސް ހޯދިއެވެ. ވަގުތީ ހިޔާގައި ތިބުމަކީ ލިބުނު ނަސީބެއްކަމަށް ހީކުރެވުނު ބަޔަކު ވެސް ތިއްބެވެ. ސުނާމީގައި ގެދޮރު ގެއްލުނު އެންމެންނަށް ވެސް ހިޔާވަހިކަން ލިބުނުކަމަށްވީ އެތައް އަހަރެއް ފަހުންނެވެ.ސުނާމީ ރިކަވަރީއަކީ ދައުލަތަށް ފައިސާ ހޯދަން އޮތް ސޯޓުކަޓަކަށް ހަދާފައިވާ ކަހަލައެވެ. އަދިވެސް ސުނާމީ އަންނާނެ ނަމައޭ ބައެއް މީހުން ބުނާކަހަލައެވެ.
ސުނާމީގެ ފަހުން ދިވެހިންގެ ގިނަބަޔަކު "ނިއުނޯމަލް" ޙާލަތަކަށް ދިޔައެވެ. ޝުކުރު ނުކުރުމުގެ ނިއުނޯމަލް އަކަށެވެ. ހޭދަވާ ވަރަށްވުރެ ބޮޑުއަގު ޖަހައިގެން ތަކެއްޗާ މަސައްކަތުގެ އަގު ސަރުކާރުގެ ތެރެއިން ފާޅުގައި ނެގުމުގެ ނިއުނޯމަލަކަށެވެ. ސިޔާސީ ފަސާދައިގެ ނިއުނޯމަލަކަށެވެ. ރެޑްކްރެސެންޓްތަކާއި ރެޑްކްރޮސްތައް މެދުވެރިކޮށް ދީނީ ތަފާތު ނައްތާލުމުގެ ނިއު ނޯމަލަކަށެވެ. ނުހެދި ހުރި ބަނދަރުތަކާއި ނަރުދަމާ އަޅުވާލުމުގެ ނިއުނޯމަލަކަށެވެ. މިއިން ޒަމާނަކު ނުވާހާ ކަންކަން ސްނާމީއަށްފަހު ރާއްޖެއަށް ކޮށްލެވުނީ އެ ނިއުނޯމަލްގެ ތެރެއިންނެވެ.
މިހާރު މިއޮތީ ކޮވިޑް19 އާއި އެކު އުޅުމުގެ ނިއު ނޯމަލަކަށް ދާންޖެހިފައެވެ. ކިހާވަރަކުން ދާނެބާވައެވެ. ކޮންމެ މީހަކު ސެނެޓައިޒަރ ފުޅިޔަކާއި އަންގިޖޯޑަކާއި ސަރޖިކަމް މާސްކަކާއި ރިޔަން ފަތިގަނޑެއް ގަޔާވަކި ނުކޮށް ގެންގުޅެން ޖެހޭނެތާއެވެ. އަތާއަތް ޖޯޑުކޮށް ކޮނޑާ ކޮނޑު ޖެއްސުމެއް ނުއޮންނާނެއެވެ. ޖަމާއަތުގެ ނަމާދެއް ނުއޮންނާނެތާއެވެ. ހުކުރެއް އީދެއް ޖަނާޒާއެއް ނުއޮންނާނެތާއެވެ. ކްލާސްތަކަށް ގޮސް ކިޔެވުމެއް ކިޔަވާ ދިނުމެއް ނުއޮންނާނެތާއެވެ. ޕާޓީތަކާއި ޖަލްސާތަކެއް ނުއޮންނާނެ ތާއެވެ. ޝަރީޢަތުގެ މަޖިލީހެއް ކައިވެނީގެ މަޖިލީހެއް ނުއޮންނާނެތާއެވެ. މުޅި ދިރިއުޅުމަކީ ޕްލޭސްޓޭޝަނުން ކުޅޭ ގޭމަކަށް ބަދަލުވުމުގެ ނިއުނޯމަލް އަކަށް ވެގެން ދާނީތާއެވެ.
އަންނަން އޮތް ނިއުނޯމަލަކީ މިހެން ސަމާސާއަކުން ނިންމާލެވޭވަރަށް ވުރެ ޚައްސާސް ކަމެކެވެ. ދިރިއުޅޭ ގޭގެ ކޮޓަރިތަކުން ފެށިގެން ގެސްޓް ހައުސްތަކާއި ރިސޯޓުތަކަށްރާއްޖޭގެ ހުރިހާކަމެއް އޮތީ ބަރޯސާވެފައެވެ. ހުރިހާ ވިޔާފާރިއަކާއި ދަނޑުވެރިކަމެއް ކުރުން އޮތީ ގެސްޓުންނަށް އަމާޒުކޮށެވެ. މަސްވެރިކަމުގެ ބޮޑު ބައެއް ވެސް އޮތީ ގެސްޓުންނަށްޓަކައެވެ. އިމާރާތްކުރުން ވެސް އޮތީ ޓޫރިޒަމާ ގުޅިލާމެހިފައެވެ. ކުޅިވަރާ މުނިފޫހި ފިލުވުންވެސް ކުރިއަރުވަމުން އައީ ގެސްޓުން ހިތްހަމަ ޖެއްސުމަށެވެ. ފަރުތަކާއި ފަޅުތަކާއި ވެލާކަހަނބު ރައްކާތެރި ކުރީވެސް ޓޫރިޒަމަށެވެ. ތައުލީމާއި ތަމްރީނު އޮތީވެސް ޓޫރިޒަމަށް ފަހިކޮށްފައެވެ. ތާރީޚާއި ސަގާފަތް ދިރުވީ ވެސް ޓޫރިސްޓުންނަށް ޓަކައެވެ. އަތު މަސައްކަތާ އަތްތެރި މަސައްކަތްވެސް ހަމައެފަދައެވެ. ރަށު ބަނދަރުތަކާއި އެއަރޕޯޓުތައް އޮތީ ޓޫރިޒަމުގެ މަންފާގެ މަތީގައެވެ. ކުރުކޮށް ބުނަންޏާ ބުނެވޭނީ ދިވެހިންގެ މުޅި އާމްދަނީ އޮތީ ޓޫރިޒަމްގައެވެ.
ކޮވިޑް 19 އާއެކު އުޅޭ ނިއުނޯމަލް އެއްގައި އިހު އޮތް ވަރަށް ޓޫރިޒަމް އޮތުމަކީ މުސްތަހީލުކަމެކެވެ. ކޮންމެވެސް ވަރަކަށް ބަޔަކު އައިސްގޮސް ނޫޅޭނެ ވާހަކައެއްނޫނެވެ. ގޭކޮޓަރިއާއި ރަށު ގެސްޓް ހައުސްތަކުގައި ޗުއްޓީ ހަދާލަން ކޮންމެވެސް ބަޔަކު އަޔަސް ގިނަ ދުވަސްތަކެއް ވާންދެން ޓޫރިޒަމުން ހެޔޮވަރުގެ އާމްދަނީއެއް ލިބުމަކީ ދުރުކަމެކެވެ. އެހެންކަމަށް ވާނަމަ އިމާރާތްކުރުމުގެ ސިނާއަތަށް ބޮޑުލޮޅުމެއް އަރާނެއެވެ. ލިބޭއާމްދަނީ މަދުވެ ހޭދަކުރާ މިންވަރު ބޮޑުތަނުން ކުޑަވެގެން ދާނެއެވެ. ރައްޔިތުމީހާ އެއްޗެއް ގަނެގެން ބޭނުން ކުރާނީ މަދު ފަހަރެއްގައެވެ. ކުއްޔަށް ތަންތަން ހިފައިގެން އުޅުމުގެ ގާބިލުކަން ހުންނާނީ މަދު މީހެއްގެއެވެ. ކުލިނުދީ އުޅެވެން އޮތް ގޮތެއް ހޯދައިގެން އެގޮތަކަށް ގިނަބައެއްގެ ދިރިއުޅުން ބަދަލުވެގެން ދާނެއެވެ. ކާޑާއި ސާފުތެލާ ނޫން އެއްޗެއް ބާޒާރުން ގަންނަން ނުލިބޭ ހިސާބަށް ނުދާނެކަމެއް ނޭނގެއެވެ. ސަރުކާރުގެ ފޯރުންތެރިކަން ކުޑަވެ ރަށްރަށުގައި ފުޅިބައްތި ދިއްލަން ޖެހޭ ހިސާބަށް ނުދާނެ ކަމެއްވެސް ނޭނގެއެވެ. ކަރަންޓް އޮތަސް ގިނަ ބަޔަކަށް ކަރަންޓް ބިލު ނުދެއްކޭނެ ކަން ގައިމެވެ. އެމީހަކާ އެމީހެއްވެ ލިބުނު އެއްޗެއް ކާލައިގެން ކުރާނެ ކަމެއްނެތި ގޭމަގުގައި ފަތްޖެހި އެނދު ބަހައްޓައިގެން ތިބުންނޫން ގޮތެއް ނެތޭ ހިސާބަށް ދިޔުން ގާތެވެ. އެންމެ ފަހުން ދިވެހިންގެ ނިއު ނޯމަލް އަކަށްވާނީ ކުރާނެކަމެއްނެތް ޖަޒީރާ ދިރިއުޅުމެވެ.