ރިޕޯޓު

"ސީރިޔާ ފަދަ ހަނގުރާމައިގެ މައިދާންތަކުން ޝައިޚް އިޝާން ފެންނާނެ ކަމަށް އުއްމީދު ކުރަން"

ދެން އެމްވީ

އެއީ މީގެ ހަތަރު އަހަރު ކުރިއެވެ. ރާއްޖެއަށް ތަޢާރަފްކުރި ބައިނަލްއަގްވާމީ ފުރަތަމަ ރިޔަލިޓީ ޝޯވ ކަމަށްވާ ''މޯލްޑިވިއަން އައިޑަލް" ގެ އޮޑިޝަނަށް ވަދެގެން އެއައީ ތ.މަޑިފުއްޓަށް ނިސްބަތްވާ ، ރިސޯޓް މިޔުޒިކްގައި މަސައްކަތް ކުރަމުންދާ އެންމެ 21 އަހަރުގެ މުޙައްމަދު އިޝާނެވެ.

ގިޓާ ކުޅެމުން އެންމެ ފުރަތަމަ ކިޔާލީ "އައިޝާ" އެވެ. އެއަށްފަހު ޝޯވްގެ އެއް ޖަޖު އުނޫޝާ އެދުނީ ގިޓާ ނުކުޅެ އެހެން ލަވައެއް ކިޔާލުމަށެވެ. ''ގަސްދުގައި ކިޔައިދެމޭ'' ލަވަ ކިޔާ ނިމުމާއެކު ޝޯވްގެ ޖަޖު އައްމަޑޭގެ ފޭންއަކަށް އިޝާން ވެއްޖެއެވެ. އުނޫޝާގެ ''ޔެސް''އާއެކު އިޝާން ޝޯވ އަށް އެތެރެވެއްޖެއެވެ. އިޝާންއަށް ''ނޯ'' ބުނި ކުޑައިއްބެއަށް ވެސް ފަހުން އިޝާން ވަރެއް ނެތި ''ސަޅި މީހާ''ގެ ތާޖު އެޅުވިއެވެ.

މިއީ ޢަލީ ރަމީޒުގެ ލަވަތަކަށް ލޯބި ކުރަމުން އައި އިޝާން ، ރާއްޖޭގެ ގިނަ މީހުންނަށް އެނގެންފެށި ހިސާބެވެ. މޯލްޑިވިން އައިޑަލްގެ ކޮންމެ ޝޯވއަކަށްފަހު އޭނާއަށް ލޯބިކުރާ ޒުވާނުން ދިޔައީ އިތުރުވަމުންނެވެ. އެމީހުންގެ ހިތްތަކުގެ އެންމެ ފުނުން އިޝާން ދިޔައީ ޖާގަ ހޯދަމުންނެވެ. އިޝާން ވަރެއް ނެތެވެ. ''އޮބިނަސް ޓު ދަ މެކްސް''އެވެ.

މޯލްޑިވިއަން އައިޑަލްގެ ތިންވަނައާއެކު އިޝާންގެ މިޔުޒިކް ކެރިއަރަށް އިތުރު ކުރިއެރުމެއް ލިބުނެވެ. އާ ލަވަތަކުންނާއި ގިނަޝޯވތަކުން ފުރުސަތު ލިބުނެވެ. ''މީހުންގެ އަތްޖެހުމަށާއި އެމީހުން އުފާ ކޮށްދިނުމަށް'' އިޝާން ދިޔައީ ޝޯވތައް ކުޅެމުންނެވެ. ނަމަވެސް މީހުން ހިތްހަމަ ޖައްސައިދިން ޝޯވތަކަށްފަހު އިޝާންގެ ހިތަށް ނުތަނަވަސްކަން ވެރިވާން ފަށައިފިއެވެ. ދުވާލުގެ ވަގުތުތަކުގައި އުފާވެރި ޚިޔާލުތަކުގައި ހޭދަ ކުރި ނަމަވެސް ރޭގަނޑުގެ ޝޯވތަކަށްފަހު ވެރިވާންފެށި މި ނުތަނަވަސްކަން ގުޅިފައި އޮތީ މިޔުޒިކާއިއެކު ކަން އިޝާންއަށް އިހްސާސް ކުރެވި ، އޭނާގެ މިޔުޒިކީ ޙަޔާތް ކަފުންކޮށް ވަޅުލައިފިއެވެ. އުފާވެރިކަން އޮތީ އަޅުތަކުންގެ ވެރި ރައްބު ﷲ ތަޢާލާގެ މަގު އިޚްތިޔާރުކޮށްގެން ކަމަށް ވިސްނި އެމަގުގައި ހިނގަން ފަށައިފިއެވެ.

ދެން މިހާރު އެކަމަށް ފާޑު ކިޔާ މަލާމާތް ކުރަން ޖެހޭތޯއެވެ؟ މޯލްޑިވިއަން އައިޑަލްގެ ތެރެއަށް އަމިއްލަ އިޚްތިޔާރުގައި ވަދެގެން އައި އިޝާން ، އެކަމުން ދުރުވެ ދާން އޭނާގެ އަމިއްލަ އިޚްތިޔާރު ނެތީތޯއެވެ. ތާއަބަދުމެ އޭނާ ހުންނަށް ޖެހޭނީ ހަމަ މިޔުޒިކްގެ އަޅު މީހާގެ ގޮތުގައި ހެއްޔެވެ؟. މަޢާފް ކުރައްވާށެވެ. މިޔުޒިކްގެ ''ސަޅިމީހާ''ގެ ގޮތުގައި ހެއްޔެވެ؟

ދީނީގޮތުން ދަންނަވާނެ އެއްޗެއް ނޭނގެއެވެ. ނަމަވެސް ޤާނޫނާއި ޚިލާފު ނުވާ ކޮންމެ މަސައްކަތެއް ކުރުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ޤާނޫނު އަސާސީއިން ލިބިދޭ ވަރަށް އަސާސީ ޙައްޤެކެވެ. މި ޙައްޤުގެ ބޭނުން ކުރުމުން '' ޝައިޚް އިޝާން ސީރިޔާގެ ހަނގުރާމައިގެ މައިދާނުން ފެންނާނެކަމަށް އުއްމީދުކޮށް'' އެކަމަށް ޖޯކް ޖެހުމަކީ އެއަށްވުރެ ބޮޑު ޖޯކެކެވެ. ނަމަވެސް މަލާމާތް ކުރާ ފަރާތްތަކަށް މައްސަލައަކީ އެއީކީ ނޫނެވެ. މައްސަލައަކީ މިޔުޒިކާއި ދުރަށް ދިޔުމެވެ. ހޭބުއްދި ފިލާދިޔުމުން ދައްކާފަދަ ވާހަކަ ސިކުނޑިއަށް އަންނަނީ އެހެންވެއެވެ. މިޔުޒިކް ހުއްޓާލާފައި ބާ ޓެންޑަރަކަށް އުޅުނަސް އެ މަލާމާތް ރައްދު ނުވީސް ތޯއްޗެކެވެ.

މިފަދަ މަލާމާތްތަކަކީ ހަމައެކަނި މިއަދަކު އިއްޔެއަކު ފެނުނު ކަންކަމެއް ނޫނެވެ. އަޅަމެންގެ ޙަބީބު، މި ބިންމަތީގައި ފައިންޕުޅު ބީއްސެވި އެންމެ މާތް އިންސާނާ ، މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއަކީ މޮޔައެއް ކަމަށް ވެސް ބައެއް މީހުން ސިފަކުރިއެވެ. އެހެންކަމަށްވުމާއެކު ފާފަތަކުން ފޯވެފައި މިތިބަ އަހަރެމެންގެ ތެރެއިންގެ މީހަކާއި ދިމާއަށް އެފަދަ މަލާމާތެއް އައުމަކީ އާންމު ކަމެއް ނަމަވެސް ހެޔޮ މަގުގައި އުޅެން މަސައްކަތް ކުރާ މީހަކާއި ދިމާއަށް މަލާމާތް ކުރުމަކީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!