ޚަބަރު

ބަންދުގައި މީހުން ބޭތިއްބުމާއި ރިހެބިލިޓޭޓް ކުރުމަށް މިދިޔަ އަހަރު 400 މިލިއަން ރުފިޔާ!

ބަންދުގައި މީހުން ބޭތިއްބުމާއި އެ ފަދަ މީހުން ރިހެބިލިޓޭޓް ކުރުމަށް މިދިޔަ އަހަރު އެކަނި ވެސް 400 މިލިއަން ރުފިޔާ ހަރަދު ކޮށްފައި ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރޭ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 31 ވަނަ ރެކްރޫޓް ޓްރެއިނިން ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައި މިނިސްޓަރު އަމީރު ވިދާޅުވީ 2019 ވަނަ އަހަރުގެ ފުލުހަށް ހުށަހެޅިފައި ހުރި ކުށުގެ ރެކޯޑުތަކަށް ބަލާ އިރު، ގެވެށި އަނިޔާ، ވައްކަމާއި ފޭރުން، ޓްރެފިކް އެކްސިޑެންޓުތައް، ޗެކް ބައުންސް، ކައުންޓަފިޓް އެންޑް ފޯޖަރީ، މަސްތުވާތަކެއްކާއި، ޖިންސީ ގޯނާ އާއި އެހެނިހެން ކުށްތަކުގެ 13،800 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރަނގަޅު ދިރާސާއެއް ކޮށްފި ނަމަ، އެ ކުށްތަކުގެ އިގްތިސޯދީ ގެއްލުން އުޅޭނީ 100 މިލިއަނުން މަތީގައި ކަމަށެވެ. އަދި މިދިޔަ އަހަރު ބަންދުގައި މީހުން ބޭތިއްބުމަށާއި އެމީހުން ރިހެބިލިޓޭޓް ކުރުމަށް 400 މިލިއަން ރުފިޔާ ހަރަދުވެފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ އަމާން ގައުމެއްގެ ގޮތުގައި ރާއްޖެ، ދިވެހިންނަށާއި ބޭރު މީހުންނަށް ދައްކައި ދެވޭނީ ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ. އަދި ގައުމުގެ އިގްތިސާދު ކުރިއަރުވަން ބޭނުންވާ އެންމެ މުހިއްމު އެއް ބަހާ އަކީ، އެހެން މީހުންނަށް އެތަނުގެ ރައްކާތެރިކަން ދައްކައިދިނުން ކަމަށް ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ރަނގަޅު އިގްތިސޯދެއް ބިނާކުރެވޭނީ އިޖްތިމާއީ ހަމަހަމަކަމާއި، ޒިންމާދާރުކުރުވަނިވި އަދި ޑިމޮކްރެޓިކް ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަމާއި ގާނޫނުގެ ވެރިކަމާއި ސިޔާސީ ހަމަޖެހުމާއި އަދި ރަނގަޅު ހިންގުމުގެ ނިޒާމެއް އޮވެގެން ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ތަމްރީންވި 91 ފުލުހަކަށް ވަނީ ސެޓްފިކެޓްދީފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!