ޚަބަރު

ލޮލުގެ ފަރުވާދޭ ސެންޓަރު ހުޅުމާލޭ ހޮސްޕިޓަލްގައި ހުޅުވައިފި

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލެ ހޮސްޕިޓަލު ގާއިމު ކުރި ލޮލުގެ ބަލިތަކަށް ފަރުވާ ދޭ ސެންޓަރު އިއްޔެ ހުޅުވައިފި އެވެ.

Ads by MWSC

ރާއްޖެއަށް ޗައިނާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާން ލިއޮން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ސެންޓަރު އިއްޔެ ހުޅުވައި ފަރުވާ ދޭން ފަށާފައިވާ ކަމަށް އެ ސެންޓަރުގައި އިސްވެ މަސައްކަތް ކުރައްވާ ޑރ. ޗެން ވެއިރޮންގެ ފަރާތުން އެނގިވަޑައިގެންފައިވާ ކަމަށެވެ.

ފުރަތަމަ ދުވަހު ވެސް 30 ސާޖަރީއެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ޑރ. ޗެން ވެއިރޮންގް އަކީ މިދިޔަ 30 އަހަރު، ލޮލުގެ ފަރުވާ ދިނުމުގައި މަސަައްކަތް ކުރައްވާފައިވާ އަދި އެ ދާއިރާގެ މަޝްހޫރު ޑޮކްޓަރެކެވެ. ލޮލުގެ 100،000 އަށް ވުރެ ގިނަ އޮޕަރޭޝަން އޭނާ ވަނީ ކޮށްފައި ކަމަށް ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ބުނެ އެވެ.

ޒާން ވިދާޅުވި ގޮތުގައި، ހުޅުމާލޭ ހޮސްޕިޓަލްގައި ގާއިމްކުރި މަރުކަޒުން ލޮލުގެ ގިނަ ބަަލިތަކަކަށް ފަރުވާދޭނެ އެވެ. އެގޮތުން ލޯ ފުސްވުން، ގުލުކޯމާ، އޮސްކިއުލާ ސާފޭސް ޑިޒީޒް ފަދަ މައްސަލަތަކަށް އެ މަރުކަޒުން ފަރުވާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަފީރު ވިދާޅުވި ގޮތުގައި، ލޮލުގެ ސެންޓަރުގައި، ޗައިނާގެ މާހިރުން ދުވަސްކޮޅަކު އެތަނުގައި މަސައްކަތް ކުރަން ތިބޭނެ އެވެ. އެ ސެންޓަރުގެ ފަރާތުން ރާއްޖޭގައި ވެސް ބައެއް ތަމްރީނުތައް ކުރިއަށް ގެންދާނެ އެވެ. އަނެއްބައި ތަމްރީނުތައް ކުރިއަށް ގެންދާނީ ޗައިނާގައި ހުންނަ ޒޮންޝާން އައި ސެންޓަރުގައި ކަމަށް ސަފީރު ވިދާޅުވެފައި ވެ އެވެ.

ސެންޓަރުގައި ފަރުވާ ދިނުމާއި އެތަނަށް ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރުމުގަައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުންކުރާނެ ކަމަށް ވެސް އޭނާ ކުރިން ވަނީ ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!