ރާއްޖޭގެ ޝިޕިން އެޖެންޓުންނަށް ލައިސަންސް ދޫކުރަން ފަށައިފި
ރާއްޖޭގެ ޝިޕިން އެޖެންސީއާ ބެހޭ ގަވާއިދު ގެޒެޓްކޮށް ޝިޕިންގ އެޖެންޓުންނަށް ލައިސަންސް ދޫކުރަން ފަށައިފިއެވެ.
މި ގަވާއިދު ގެޒެޓްކޮށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ގަވާއިދުގެ ނުވަވަނަ މާއްދާގައިވާ ގޮތުން 26 ނޮވެމްބަރު 2020 އިން ފެށިގެން އަގުތައް ވަނީ ކޮންޓްރޯލް ކޮށްފައެވެ.
ޓްރާސްޕޯޓް އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި ގަވާއިދަށް އަމަލުކުރަން ފެށުމާ ގުޅިގެން ޝިޕިން އެޖެންސީ ލައިސަންސް ހިދުމަތަށް އޮންލައިންކޮށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އޮންލައިންކޮށް eportal.mta.gov.mv ގައި ބަޔާން ކޮށްފައިވާ Shipping Agency Registration/ Licensing އިން އޮންލައިންކޮށް ހުށަހެޅޭނެއެވެ.
ގަވާއިދުގައި ބުނާ ގޮތުން ގަވައިދާ ހިލާފަށް ދެވަަނަ ފަހަރަށް ފީއެއް ނަގައިފި ނަމަ 10،000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށާއި ދެ ފަހަރަށްވުރެ އިތުރުވެއްޖެ ނަމަ ކޮންމެ ފަހަރަކަށް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ.
ޑެލިވަރީ އޯޑަރ (ޑީ.އޯ) ޗާޖުގެ ގޮތުގައި ފުލް ކޮންޓެއިނަރަކަށް ނުވަތަ އެއަށްވުރެން ގިނަ ސީބީއެމް ހިމެނޭ ބީއެލްއަކަށް ނެގޭނީ 771 ރުފިޔާއެވެ. ޑެލިވަރީ އޯޑާ ޗާޖު ފުލް ކޮންޓެއިނަރަކަށް ވުރެ މަދުން ހުންނަ ބީއެލްއަކަށް ނެގޭނީ 385.50 ރުފިޔާއެވެ.