ބަނގުރާ އާއްމު ކޮށްފައި، ދެން އޮތީ މަރުޖުއާނާ އާ ތެޔޮބިޑި: ޒަމްޒަމް ފާރިޝް
ރާއްޖޭގައި ބަނގުރާ އާއްމުކުރަން އުޅުމަކީ ދެން ހުރި ހުރިހާ ނުބައި ކަމެއްގެ ފެށުން ކަމުގައި ޝެއިޚް ޒަމްޒަމް ފާރިޝް ވިދާޅުވެއްޖެއެވެ.
ޝެއިޚް މިހެން ވިދާޅުވެފައި ވަނީ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ކަމަށް ވިދާޅުވެ، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް ފަތުރުވެރިންނަށް ބަނގުރާ ލިބެން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ބައެއް މެންބަރުން ވިދާޅުވަމުން ދިޔުމާ ގުޅިގެންނެވެ.
އެގޮތުން މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ކަނޑިތީމު ދާއިރާގެ މެންބަރު ޝަހީމް ޢަބްދުލްޙަކީމް ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން މިއަދު ފުޅާވެ ހިނގަމުން އަންނަ ކަމަށެވެ.
”މިއަދު މި ސުވާލު އުފެދެނީ ރަށްރަށުގައި ރާ ވިއްކަން ހުއްދަ ދިނީމައި ދެންވާނީ ކިހިނެއްތޯ. މި ވާހަކަ އަޅުގަނޑުމެން އެބަދައްކަން ޖެހޭ. މިކަން ކުރެވެން އޮތް ގޮތެއް އަޅުގަނޑުމެން ހޯދަން އެބަޖެހޭ. މި ދައްކާ ވާހަކަ އޮޅުވައި ނުލާތި އެއްވެސް ބޭފުޅަކު.“ ޝަހީމް ވިދާޅުވެފައިވެއެވެ.
ޝަހީމްގެ އިތުރުން ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ވެސް ވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިންނަށް ބަނގުރާ ލިބެން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް އެ ފެސިލިޓީ ޤާއިމުކުރެވޭނެ ގޮތް ފަޅުތެރޭގައި ވިޔަސް، ވިލެއްގައި ވިޔަސް، ކަނޑުތެރޭގައި ވިޔަސް، އެ ޚިދުމަތް މީހުން ދިރިއުޅޭ ރަށްރަށަށް އަންނަ ފަތުރުވެރިންނަށް އެ ރަށުން ބޭރުގައި ލިބޭނެ އިންތިޒާމު އޮންނަންޖެހޭ“ ޝިޔާން ވިދާޅުވެފައި ވެއެވެ.
މިވާހަކަތަކާއި ގުޅޭގޮތުން ޝެއިޚް ފާރިޝް ވިދާޅުވީ ބަނގުރާ ޢާންމުކުރަން އުޅުއްވުމަކީ ބާކީ ހުރި ކަންކަމުގެ ފެށުންކަމަށެވެ.
ބަނގުރާ ޢާންމުކޮށްފައި ދެން އޮތީ މަރުޖުއާނާ ޢާންމުކުރުން ކަމަށާއި, ތެޔޮ ބިޑި ޢާންމުކުރުން ކަމަށެވެ. އަދި އެއީ އެ ކިޔާ "ބާރު ދަށް މަސްތުވާތަކެތި" ކަމަށް ވެސް ޝައިޚް ވިދާޅުވެފައިވެއެވެ.