ރިޕޯޓު

ޙުސެއިން ޢަބްދުﷲ ނކޝޢ އާއި އަނބިކަނބަލުން ކޯވިޑް ބަލީގައި އަވަހާރަވުން: މުޅި ރާއްޖެ ހިތާމައަށް!

ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތުގެވެރިޔާ (ނކޝޢ) ޙުސެއިން ޢަބްދުﷲ އާއި އެމަނިކުފާނުގެ އަނބިކަނބަލުން އައިމިނަތު އާދަމް (83އ.) ކޯވިޑް ބަލީގައި އަވަހާރަވުމުން އެކަމުގެ ހިތާމަ މުޅި ރާއްޖެއަށް ވެރިވެއްޖެއެވެ.

މަޝްހޫރު ވިޔަފާރި ކުންފުނި އެމްއެޗްއޭގެ ވެރިޔާ ޙުސެއިން ޢަބްދުﷲ (88އ.) ކޯވިޑް އަށް ފައްސިވެގެން އަވަހާރަވީ ރޭ 23:15 ގައި ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. އެމަނިކުފާނުގެ އަނބިކަނބަލުން ނިޔާވީ މިދިޔަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުއެވެ. އެކަމަނާއަކީ ރާއްޖެއިން މިބަލީގައި ނިޔާވި ފުރަތަމަ މީހާއެވެ.

ޙުސެއިން ޢަބްދުﷲ ނުވަތަ މަރޮށީ ޙުސެއިން ކަލޭފާނު ފާހަގަ ކުރެވިފައިވަނީ ޖަމާޢަތަށް ފައިދާހުރި ޚާއްޞަ ޚިދްމަތް ކުރެއްވުމުގެ ދާއިރާއާއި، ވިޔަފާރީގެ ދާއިރާގައި ވަރަށް ޚާއްސަ ބޭފުޅެއްގެ ގޮތުގައެވެ.
ޙުސެއިން ޢަބްދުﷲ އަކީ މަރޮށީ ކަތީބުކަމުގައި ހުންނެވިއިރު އެރަށުގެ ތަރައްޤީއަށާއި، ރަށުގެ ރައްޔިތުންނަށް އަދި މުޅި އަތޮޅަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި އަދި މަރޮށީގެ ރައްޔިތުންނަށް ހިތްޕުޅުގައި ވަރަށް ޚާއްސަ ލޯތްބަކާއި ޤަދަރެއް އޮތް ބޭފުޅެކެވެ.

އެމްއެޗްއޭގެ ބާނީ ޙުސެއިން ކަލޭފާނު އެމަނިކުފާނުގެ އަމިއްލަފުޅު މަސައްކަތުން ކުރިއަށް ވަޑައިގެން ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ކުރީ ސަފުގައި ޖާގަ ހޯއްދެވިއެވެ.
ވިޔަފާރިން ކުރި ފައިދާއިން އެންމެ ބޮޑު ހޭދައެއް ކުރައްވާފައިވަނީ އެމަނިކުފާނުގެ އުފަން ރަށް މަރޮށީގެ ތަރައްޤީ އަށާއި ދަރީންގެ ތަޢުލީމަށާއި ތަޢުލީމު ކުރިއެރުއްވުމަށެވެ.

މަރޮށީގައި ޢިލްމު އުނގެނުމުގެ ހޭލުންތެރިކަން އުފެއްދެވުމުގެ ގޮތުން އެރަށުގައި ހުރި މައުލޫދު ހަރުގޭގައި، އެމަނިކުފާނުގެ ސީދާ ބެއްލެވުމުގެ ދަށުން ކުދިންނަށް ކިޔަވައިދެއްވަން ފެށްޓެވިއެވެ.
އެގޮތުން ފުރަތަމަ ދަސްކޮށްދެއްވީ ދީނީ ފިލާވަޅުތަކެވެ. އޭގެއިތުރުން، އުރުދޫބަސްވެސް ކިޔަވައިދެއްވިއެވެ.
އެންމެ ތިން މުދައްރިސުންނާއެކު 11 ނޮވެމްބަރ 1979 ގައި އެމަނިކުފާނުގެ އަމިއްލަ ގޭގައި، އަލްމަދްރަސަތުލް މުނައްވަރާ ގެ ނަމުގައި (މުޅިން ހިލޭ ސާބަހަށް) ރަށުގެ ދަރީންނަށާއި އަތޮޅުގެ ދަރީންނަށް އެސްކޫލްގެ ހިޔާވަހިކަން ފޯރުވާ ދެއްވަން ފެއްޓެވިއެވެ. ދުވަހުން ދުވަހަށް ސްކޫލް ކުރިއަރުއްވާ ތަރައްޤީ ކުރެއްވުމަށް ބުރަ މަސައްކަތްތަކެެއް ކުރެެއްވިއެވެ. އަދި 1980 ގެ އަހަރުތަކުގެ ތެރޭގައި ޒަމާނާއި ގުޅޭ ގޮތަށް ސްކޫލް ތަރައްޤީ ކުރެއްވިއެވެ.

އެމަދުރަސާގެ ދަރިވަރުން 1998 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޖީސީއީ އިމްތިހާނުގައި ބައިވެރިވިއެވެ.
މީގެއިތުރުން މަރޮށީ ޙުސެއިން ކަލޭފާނަކީ ތަޢުލީމީ ފެންވަރު ދަށް ރަށްރަށުގެ ކުދިންނަށް އަމިއްލަފުޅު ޚަރަދުގައި ވެސް ކިޔަވައިދެއްވި ދީލަތި ބޭފުޅެކެވެ.

މާތް ﷲ އެމަރްޙޫމްގެ ފުރާނައަށް ބަރަކާތްލައްވާ، ފާފަތައް ފުއްސަވާދެއްވާ ޖަންނަތުލް ފިރުދައުސް މިންވަރު ކުރައްވާށި. އާމީން. އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!