ލައިފްސްޓައިލް

ހަތްފަހަރު ހޮނު އެޅުމުން ވެސް ސަލާމަތްވި މީހާ މަރުވީ އަމިއްލައަށް

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

މީހެއްގެ ގަޔަށް ހޮނު އެޅުމަށް ފަހު ސަލާމަތްވުމުގެ ފުރުސަތު ވަރަށް ކުޑަވާނެއެވެ. އެހެން ކަމަށް ވާނަމަ މީހެއްގެ ގަޔަށް ދެފަހަރު ހޮނު އެޅުން ވާނީ ވަރަށް ނާދިރު ކަމަކަށެވެ.

Ads by STELCO

ވިސްނާލާށެވެ. ހަތްފަހަރު ހޮނު އެޅުމަށްފަހު ސަލާމަތް ވެއްޖެނަމަ އެއީ އަދި ކިހާ ނާދިރު ކަމެއް ހެއްޔެވެ؟ އެމެރިކާގެ ރޯއީ ސުވިލަންއަކީ މިކަން ތަޖުރިބާކޮށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބިފައިވާ ހަމައެކަނި މީހާއެވެ. "ހޮނުު ދަގަނޑު"ގެ ނަމުން މަޝްހޫރު ވެފައިވާ ރޯއީ އަކީ އޭނާ ދިރިއުޅޭ ހިސާބުގައި އޮންނަ ސަރުކާރުގެ ޕާކެއް ބެލެހެއްޓި މީހެކެވެ.

7 ފެބްރުއަރީ 1912 ގައި ވަރޖީނިޔާއަށް އުފަން ރޯއީ ގަޔަށް އެންމެ ފުރަތަމަ ހޮނުއެޅީ 1942 ގައެވެ. ހޮނުގެ އަސަރު ބޮޑަށް ކުރީ ފަޔަށް ކަމުން ފައިގެ ބޮޑުވައި އިނގިލީގެ ނިޔަފަތި ނެއްޓިގެން ދިޔައެވެ. 1969 ގައި ދެވަނަ ފަހަރަށް ހޮނު އެޅިއިރު އޭނާ ދިޔައީ ފަރުބަދަމަތީ މަގެއްގައި ދުއްވަމުންނެވެ. އެފަހަރު ރޯއީގެ ބުމަ އަނދާ، ހޭނެތުނެވެ. ތިންވަނަ ހާދިސާ ހިނގީ 1970 ވަނަ އަހަރު އޭނާގެ ގޭގެ ދޮރުމަތީގައި ހުއްޓައެވެ. އެފަހަރު ފިހުނީ އޭނާގެ ކޮނޑެވެ. ހަތަރުވަނަ ހާދިސާހި ނގީ 1972 ވަނަ އަހަރު އޭނާ މަސައްކަތް ކުރާ ތަނުގައި ހުއްޓައެވެ. އެފަހަރު ބޮލަށް ހޮނުއަޅާ އިސްތަށިގަނޑުގައި ރޯވިފަހުން ރޯއީ ދާތާކަށް ވިއްޔާ ފެން ޖަގެއް ގެންދެއެވެ.

1973 ގައި ހޮނު އެޅިއިރު ރޯއީ އިނީ މަގުމަތީގައި އޭނާގެ ކާރުގައެވެ. ހޮނު އެޅުމުން ވިއްސައިގެން ގޮސް ކާރުން ބޭރަށް ވެއްޓި، އެފަހަރު ވެސް އިސްތަށިގަނޑުގައި އަލިފާން ރޯވިއެވެ. ހަވަނަ ފަހަރު ހޮނުއެޅީ ކުޅިވަރު ކުޅޭ މައިދާނެއްގައި ހުއްޓައެވެ. 1974 ގައި ހިނގި މިހާދިސާގައި އަނިޔާވީ އޭނާގެ ކުޑަހުޅަށެވެ. ހަތްވަނަ ފަހަރު ހޮނުއެޅީ 1977 ވަނަ އަހަރު އޭނާ މަސް ބާނަން އުޅެނިކޮށެވެ. އެފަހަރު ބަނޑު އަދި މޭ ފިހިގެން ލިބުން ޒަޚަމްތަކަށް ފަރުވާ ދޭން ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހުނެވެ.

މިހުރިހާ ފަހަރަކު އޭނާ ސަލާމަތްވި ނަމަވެސް އޭނާގެ ނިމުން އައިގޮތް ދެކޭށެވެ. 1983 ގައި ރޯއީ މަރުވީ އަމިއްލައަށް ބޮލަށް ބަޑި ޖަހައިގެންނެވެ. ރޯއީ މަރުވެގެން އެތައް ގަޑިއިރެއް ވީ އިިރުވެސް އޭނާއާ އެކީ އެއް އެނދެއްގައި އޮތް އޭނާއަށް ވުރެ 30 އަހަރު އުމުރުން ހަގު އަނބިމީހާއަކަށް އެކަމެއް ނޭނގެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!