ފްރަންޓްލައިންގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަ ނުކުރާނެ: އަމީރު
ކޮވިޑް-19އާ ގުޅިގެން ހަރަދު ކުޑަކުރުމަށް ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަ ކުރަން ނިންމާފައިވީ ނަމަވެސް ފްރަންޓްލައިންގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަ ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވަނީ މުސާރަ ކުޑަ ކުރާ ފަރާތްތަކުގެ ތެރެއިން އިސްތިސްނާ ފަރާތްތައް ހާމަ ކޮށްފައެވެ.
އެގޮތުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުގެ މުވައްޒަފުންްނާއި، އެޗްޕީއޭގެ މުވައްޒަފުންނާއި، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ މުވައްޒަފުންގެ ތެރެއިން ރައީސް އައްޔަންކުރާ މަގާމުތައް ފިޔަވައި އެހެން މުވައްޒަފުންނާއި ފުލުހުންނާއި ސިފައިންގެ އިތުރުން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ހަ ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ކުޑަ ނުކުރާނެ ކަމަށް އަމީރު ވިދާޅުވިއެވެ.
20،000 އަށް ވުރެ މަތިން މުސާރަ ލިބޭ ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާއިރު މިނިސްޓަރު ވިދާޅުވީ އެކަމުގެ ތަފްސީލުތައް ހިމެނޭ ސާކިއުލާއެއް މިއަދު ނެރޭނެ ކަމަށެވެ.
ކޮވިޑް-19އާ ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި ދުވާލަކު، 500-250 ރުފިޔާއާ ދެމެދުގެ އަދަދެއް ދޭން ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.
މި އެލަވެންސް ދެނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ހައިރިސްކް، ފަރާތްތަކަށް ކޮންމެ ދުވާލަކަށް، 500 ރުފިޔާ އަދި ދެވަނަ ގިންތީގެ ފަރާތްތަކަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް ފަރާތްތަކަށް ދުވާލަކަށް 200 ރުފިޔާ ދެވޭނެ އެވެ.