މިވަގުތަށް ބޭނުންވާވަރަށް ފައިސާ އެބަހުރި، ހާސްވާކަށް ނުޖެހޭ: ފިނޭންސް
ދައުލަތުގެ ކަންކަން މިވަގުތަށް ރޭވިފައި ހުރީ ރަނގަޅަށް ކަމަށާއި އަދި ހާސްވާންޖެހޭ ހާލަތަކަށް ނުދާ ކަމަށް ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުވަޝް ވިދާޅުވި މިވަގުތުން ވަގުތަށް ކުރަން ޖެހޭ ހަރަދުތައް ކުރުމަށް ފައިސާ އެބަހުރި ކަމަށާއި ހާސްވާ ހިސާބަށް ކަންކަން ނުދާ ކަމަށެވެ.
ސަރުވަޝް ވިދާޅުވީ މާލީ އިދާރާތަކުން ލޯނާއި ހިލޭ އެހީގެ ގޮތުގައި 200 ވަރަކަށް މިލިއަން ޑޮލަރު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އެ އިދާރާތަކުން އިތުރު ފައިނޭންސިން ފެސިލިޓީސްތައް ވެސް ތައާރަފްކުރަމުންދާއިރު، އެ ފެސިލިޓީސްތަކުގެ ތެރެއިން ވެސް އެހީތައް ހޯދުމަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމަށެވެ.
"ފައިނޭންސިން ހޯދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން އަންނަނީ ކުރަމުން. އެހެން ގޮތްގޮތް ވެސް އެބަހުރި ފައިނޭންސިން ހޯދަން. ފައިނޭންސިން އަކީ ކޮންމެހެން މިއަދަކު އެއްފަހަރާ ބޭނުންވާނެ އެއްޗެއް ނޫން" ސަރުވަޝް ވިދާޅުވިއެވެ.
މިހާރުން މިހާރަށް ކޮންމެހެން ދައްކަންޖެހޭ ބިލްތަކަށް ބޭނުންވާ ވަރަށް ދައުލަތުގައި ފައިސާ ހުރިކަމަށް ސަރުވަޝް ވިދާޅުވިއެވެ. އަދި އިތުރަށް ހަރަދުތައް ކުރެވޭނީ ފައިސާ ލިބޭ މިންވަރަކުން ކަމަށާއި އަދި ދަތިވާ މިންވަރަކުން ހަރަދުތައް ކުޑަކުރަން ވެސް ޖެހޭނެ ކަމަށް އޭނާ ވިދާޅުވެފައެވެ.
"ފައިސާ ނެތިގެނެއް ނޫން މިއުޅެނީ. ފައިސާ ހޯދަންޖެހޭކަން މި ފާހަގަކުރަނީ. ދައުލަތުގެ ކަންކަން އަދި ރޭވިފައި ހުރީ ރަނގަޅަށް. އަދި މާބޮޑަށް ހާސްވާ ހިސާބަކަށް ދާކަށް ނުޖެހޭ. އެކަމަކު ވަރަށް ބާރަށް މަސައްކަތްކޮށްގެން ފައިސާ ހޯދަންޖެހޭކަން އެއީ ފެންނަން އޮތް ހަގީގަތެއް" ސަރުވަޝް ވިދާޅުވިއެވެ.
ކޮވިޑް-19 އަށް ކުރަން ޖެހޭ ހަރަދުތަކަށް ބޭނުންވާ ފައިސާ ހޯދުމަށްތަކައި ބޭރުގެ މާލީ އިދާރާތަކުން 290 މިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.