ރިޕޯޓް

ހިލޭ ސާބަހަށް މަސައްކަތްކުރާ ފެހި ލަޝްކަރު: ކެޑޭޓް ކޯޕްސް އަށް ފަށްފަށުން ޝުކުރު!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޝައްކެއްވެސް ނެތް ގޮތުގައި މިހާރު ރާއްޖެއަށް ވެސް ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 ގެ ވަބާއަކީ، މުޅި ޤައުމަށް ކުރިމަތިވެފައިވާ ބޮޑު ހިތާމައެކެވެ.

Ads by Sosun Fihaara

މިބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން މާލެ ސަރަޙައްދު ފުރަބަންދު ކޮށްފައިވާއިރު، އެކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް އެހީތެރިވުމަށް އެކިއެކި ފަރާތްތަކުން ދަނީ ޚިދުމަތް ކޮށްދެމުންނެވެ.

މިފަދައިން ޤައުމަށް ޚިދުމަތް ކޮށްދިނުމަށް ނިކުމެފައިވާ އެއް ބަޔަކީ މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯޕްސްގެ ހީވާގި ޒުވާނުންތަކެކެވެ.

ކެޑޭޓް ކޯޕްސްގެ 50 އަށްވުރެ ގިނަ އޮފިސަރުން، ޤައުމަށް ޚިދުމަތް ކުރުމުގައި ދުވަސްތައް ހޭދަކުރަމުންދާއިރު އެމީހުން ދެމުން ގެންދާ ޚިދުމަތްތަކާއި ބެހޭގޮތުން "ދެން" އާއި މައުލޫމާތު ހިއްސާ ކުރައްވަމުން ކެޑޭޓް ކޯޕްސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކާނަލް މުޙައްމަދު އަޝްރަފް ވިދާޅުވީ ކެޑޭޓް އޮފިސަރުން ކޮވިޑްގެ ކަންކަމާއި އެހީތެރިވުމަށް ފޮނުވަނީ އެންއީއޯސީގެ ވޮލިންޓިއާ ކްލަސްޓާއިން ބޭނުންވާ އަދަދަކަށް ކަމަށެވެ.

"އެންއީއޯސީ ގެ ވޮލިންޓިއާ ކްލަސްޓާއިން އަޅުގަނޑުމެންނަށް އެރިކުއާމަންޓް އަންނަ ވަރަކުން އެރިކުއާމަންޓަށް އަޅުގަނޑުމެން މިފޮނުވަނީ ބޭކަލުން. ބޭކަލުންނޭ ބުނާއިރު އެއީ ހަމައެކަނި ފިރިހެން ބޭފުޅުންނެއް ނޫން. އަންހެން ބޭކަނބަލުން ވެސް ހިމެނޭނެ އެއޮފިސަރުންގެ ތެރޭގަ. އެގޮތުން ހުންނާނެ ދަރުބާރުގެ ތެރޭގައި މަސައްކަތްކުރާ ކްލަސްޓާތަކުގައި ވެސް އަޅުގަނޑުމެންގެ އޮފިސަރުންނާ އެހެނިހެން ރޭންކްތަކުގެ ބޭކަލުން ބައިވެރިވެ ވަޑައިގަންނަވާނެ. ދެން އޭގެ އިތުރުން އައިސީޕީ ތަކުގައާއި ކޯލް ސެންޓަރގައާއި އެމްބިއުލޭންސް ސާވިސްގައާއި ޑިކޯން ޔުނިޓުގައާއި މިހެން ހުންނާނެ ބައިވަރު ޔުނިޓްތަކެއް. އެތަންތާނގަ މަސައްކަތް ކުރަމުން އުސޫލެއްގެ ގޮތުން މިދަނީ. ދެން ފްލައިޓްތަކަށް އެޓެންޑުވުމަށް އެންއީއޯސީން އަޅުގަނޑުމެންނަށް ތަފްސީލުތައް ދީފަ، އެތަނަށް ރިކުއާމަންޓެއް އައިމަ، އެރިކުއާމަންޓަށް ބަލާފަ ފޮނުވެން ތިބި އެއޮފިސަރުން ފޮނުވަނީ. މިސާލަކަށް ގިނަ ފަހަރަށް އަންނާނެ 10 އަށްވުރެ މަތިން ރިކުއާމަންޓް. އައިމަ 10 އޮފިސަރުން ނުވަތަ 15 އޮފިސަރުންވަރު ފޮނުވާފަ، ބާކީ އެހެން ދިމަދިމާލުން ހޯއްދަވާނީ" ކާނަލް އަޝްރަފް ވިދާޅުވިއެވެ.

ކާނަލް އަޝްރަފް ވިދާޅުވީ އެއާޕޯޓުގެ އޮޕަރޭޝަންތަކުގައި ހިމެނެނީ އެރައިވަލްގަ އިމިގްރޭޝަންގެ ކުރިން ކުރަންޖެހޭ ކަންތައްތައް ކަމަށެވެ. އެއީ ފޯމު ފުރިހަމަ ކުރުމާއި ޕަސިންޖަރުންނަށް އެހީތެރިވުމާއި ލަގެޖްގެ ކަންތަކުގައި އެހީތެރިވުންފަދަ ކަންކަން ކަމަށް ވެސް ކާނަލް އަޝްރަފް ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން ކާނަލް އަޝްރަފް ވިދާޅުވީ، ދަރުބާރުގޭގެ އެންއީއޯސީ ސެންޓަރ ތެރޭގަ ކެޑޭޓް ކޯޕްސްގެ ފަރާތުން 24/7 މަސައްކަތް ކުރާ އޮފިސަރުންގެ ޓީމުތަކެއް ތިބޭނެ ކަމަށެވެ.

"އެޓީމުތައް މަސައްކަތް ކުރާނީ ދާއިމީ ގޮތެއްގަ އެތާނގަ. އެންއީއޯސީގެ ލީގަލް ޓީމުގެ ކްލަސްޓާއާއި ބައިވެރިވާ އަޅުގަނޑުމެންގެ އޮފިސަރުން ތިއްބަވާނެ، ފެސިލިޓީ މެނޭޖްމެންޓުގަ ތިއްބަވާނެ، އާރްއާރްޓީ ޓީމުގަ ވެސް އެބޭފުޅުން ތިއްބަވާނެ. އެބޭފުޅުން ހުރުމުގެ އިންތިޒާމުތައް ވެސް ވާނީ ހަމަޖެހިފަ. ގެއަކަށް ވެސް ވަޑައި ނުގަންނަވާނެ" ކާނަލް އަޝްރަފް ވިދާޅުވިއެވެ.

އެންއީއޯސީގެ އިރުޝާދުގެ ދަށުން، އެބޭފުޅުންގެ އެދިލައްވާ ގޮތަށް ކެޑޭޓް ކޯޕްސް އިން މަސައްކަތް ކުރުމުގެ އިތުރުން، މާލޭގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ޖެންޑާ މިނިސްޓްރީގެ ފަރާތުން ކާބޯތަކެތި ޑެލިވަރ ކޮށްދިނުމުގައި ވެސް ކެޑޭޓް ކޯޕްސްއިން ދަނީ ހަރަކާތްތެރިވަމުންނެވެ.

މީގެއިތުރުން ކެޑޭޓް ކޯޕްސްއިން ވަނީ ކޯވިޑް-19 ގެ މިހާލަތާއި ގުޅިގެން ލ. ގަން އަދި އައްޑޫ ސިޓީ ގައިވެސް ހަރަކާތްތެރި ވެފައެވެ. އެގޮތުން އައްޑޫ ސިޓީ ހިތަދޫ އަދި ފޭދޫގައި ސޯޝަލް ސަޕޯޓް ޑެސްކް ޑިއުޓީއަށާއި ހާބަރ ޑިއުޓީ ގައި ކެޑޭޓް ކޯޕްސް ގެ އޮފިސަރުން ހަރަކާތްތެރި ވަމުން އަންނައިރު ލ. ގަން ގައި ވެސް ހާބަރ ޑިއުޓީ ވެސް އަންނަނީ އަދާކުރަމުންނެވެ.

ޤައުމަށްޓަކައި މިފަދަ އަގުހުރި މަސައްކަތްތަކެއް ކުރަމުން އަންނައިރު ދަތިތަކަކާއިވެސް ކުރިމަތިވާނެކަން ޔަގީނެވެ.

"ބައެއްކަހަލަ ދަތިކަން އެބަހުރި. އަޅުގަނޑުމެންގެ ޓީމުގަ މިއުޅުއްވަނީ މުޅިންވެސް ވޮލަންޓިއާކޮށް މަސައްކަތް ކުރައްވާ ބޭކަލުންނާއި ބޭކަނބަލުން. އޭގެ ތެރޭގަ ތިއްބަވާނެ ދެއްތޯ އާއިލާއާއެކު ތިއްބަވާނެ ބޭފުޅުން ވެސް. އެހެންވެ ބައެއް ކަހަލަ ދަތިތައް އެބަހުރި ނެރެން ބޭނުންވާ ހުރިހާ އެންމެން އަޅުގަނޑުމެންނަށް ނުނެރެވިފަ. އެއީ ހުންނާނެތަނެއް އަޅުގަނޑުމެންނަށް ވަކިން ހަމަޖައްސާ ދެވެން ނެތީމަ. މިފުރުސަތުގަ އެކަމަކު އަޅުގަނޑު ފާހަގަ ކޮށްލަން އަޅުގަނޑުމެންގެ ޓީމާއި އަޅުގަނޑުމެންގެ ކުރީގެ އޮފިސަރުންތަކެއް ވެސް ބައިވެރިވިކަން. އެއީ އަޅުގަނޑުމެންގެ ޓީމު ބޮޑުވުމެއް" ކާނަލް އަޝްރަފް ފާހަގަ ކުރެއްވިއެވެ.

ކެޑޭޓް ކޯޕްސްގެ ފަރާތުން ރައްޔިތުންނަށް ކޮށްދެއްވަމުން އަންނަ މިޚިދުމަތުގެ ބަދަލުގައި އެބޭފުޅުން އަޅުގަނޑުމެންގެ ކިބައިން އެދެނީ ރައްކާތެރިވެ ތިބުމެވެ. ސިއްޙީ ޚިދުމަތްދޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލަނބާ ގޭގައި ތިބުމެވެ.

މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯޕްސް އިން ޤައުމަށްޓަކައި ހިލޭ ސާބަހަށް ތިޔަ ކޮށްދެއްވާ ބުރަ މަސައްކަތްތަކަށް އައްސަރިބަހާއި ސާބަހެވެ. ތިޔަ ބޭކަލުންނަށް ރައްކާތެރިކަމާއި ފާގަތި މުސްތަޤުބަލަކަށް "ދެން" އިން އެދެމުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!