ސިއްޙީއެހީތެރިންގެ ރައްކާތެރިކަމުގެ އާލާތް އެއްފަހަރަށް ވުރެ ގިނަ ފަހަރު ބޭނުން ކުރުމަކީ ރައްކާތެރިކަމެއް ނޫން
ސިއްޙިއެހީތެރިންގެ ރައްކާތެރިކަމަށް ބޭނުންކުރާ އާލަތްތައް ކަމަށްވާ، މާސްކް، އަންގި އަދި ޕީ.ޕީ.އީ ކިޓްގެ އެހެން ބައިތައް ވެސް ޑިސްއިންފެކްޓްކޮށްގެން ދެވަނަ ފަހަރަށް ބޭނުން ކުރުމަކީ ރައްކާތެރިކަމެއް ނޫންކަމަށް ތަޖުރިބާކާރުން އިންޒާރުދޭން ފަށައިފިއެވެ. މިގޮތަށް އިންޒާރު ދީފައިވަނީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ރައްކާތެރިކަމުގެ ސާމާނު ލިބުން ދަތިވެ އެއްފަހަރު ބޭނުން ކުރާ ތަކެތި އަނެއްފަހަރު އެކި ކެމިކަލްގެ އެހީގައި ވައިރަސް ނައްތާލުމަށް ޓްރީޓް ކުރުމަށް ފަހު ބޭނުން ކުރާ އަދަދު ގިނަވެފައިވާތީއެވެ.
މިގޮތަށް މިކަން ހިނގާކަން އެންމެ ބޮޑަށް ފާހަގަ ވެފައިވަނީ ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ އެމެރިކާގައެވެ. އެމެރިކާގައި ސިއްހީ ރައްކާތެރިކަމުގެ އާލާތް ގިނަ ފަހަރަށް ބޭނުން ކުރުމަށް އެއިން ވައިރަސް ނައްތާލުމަށް ރައްކާތެރިނޫން އެތައް ގޮތް ތަކެއް އަންނަނީ ބޭނުން ކުރަމުންނެވެ. އޭގެ ތެރޭގައި ކަރުދާސް ކޮތަޅަށް ލާފައި އެތައް ދުވަހަކު ބެހެއްޓުމުގެ އިތުރުން އަލްޓްރާވައިލެޓް އަލި ބޭނުން ކުރުމާއި ކެމިކަލް ބޭނުން ކޮށްގެން ޑިސްއިންފެކްޓް ކުރުން ހިމެނެއެވެ.
މި ފަދަ ގޮތްގޮތުން ވައިރަސް ނައްތާލެވުނު ކަމުގައި ވިޔަސް މި އާލާތް ބޭނުން ކުރުމުން ސިއްޙީއެހީތެރިންނަށް މިކަމުގެ ސަބަބުން އެތައް ގެއްލުމެއް ވުމުގެ ފުރުސަތުއޮވެއެވެ.
ނިއުޔޯކުގެ ލޯންގް އައިލެންޑްގެ ސެއިންޓް ކެތަރިން އޮފް ސިއެނާ މެޑިކަލް ސެންޓަރ ސިއްޙީ އެހީތެރިން ހާމަ ކުރިގޮތުގައި އެމީހުންގެ ރައްކާތެރިކަމުގެ އާލާތް ޑިސްއިންފެކްޓް ކުރުމަށް ތަޅުންގަނޑާއި ފާރުތައް ސާފުކުރުމަށް ބޭނުންކުރާ ކެމިކަލް ބޭނުން ކުރެއެވެ.
ކޮލަރާޑޯގެ ސިއްޙީ އެހީތެރިން ހާމަ ކުރި ގޮތުގައި އެމީހުންގެ ފޭސް ޝީލްޑްތައް "ކެވިވައިޕްސް" ކިޔަ ވައިޕްއަކުން ފޮހެފޮހެ ހުންނަނީ ފުސްވެފައެވެ. މިގޮތަށް އެއްފަހަރަށް ވުރެ ގިނަ ފަހަރު މި އާލާތް ބޭނުން ކުރަން ޖެހިއްޖެނަމަ އެކަން ކުރުމަށް ބޭނުން ކުރާނެ ކެމިކަލްގެ ލިސްޓެއް ސީ.ޑީ.ސީ އިން ވަނީ އާންމު ކޮށްފައެވެ.
ނަމަވެސް މި ލިސްޓުގައިވާ ކެމިކަލް އިން ސާފުކޮށްފައިވާ އާލާތް ބޭނުން ކުރުމުން ނޭވާހިއްލުމާއި، ދަރިމައިވާން އުނދަގޫވުމާއި، ވިހާކުދިންގެ އައިބު ހުރުމާއި، ގައިގެ ހަންގަނޑު ކެހުމާއި ލޮލާއި ފުއްޕާމެއަށް ގެއްލުންވާކަން ވަނީ ފާހަގަ ކޮށްފައެވެ. މި ކެމިކަލް ތަކަކީ ހޮސްޕިޓަލްގައި މީހުން އާންމުކޮށް އަތްލާ އުޅޭ ސިޓީގެ އަތްގަނޑު، ދޮރު، ގޮނޑި އަދި އެނދު ފަދަ ތަންތަން ސާފުކުރުމަށް ބޭނުން ކުރާ ކެމިކަލްއެވެ.