ޚަބަރު

ހިރިމަރަދޫން ބަދަލުވާ މީހުންނަށް ދޮޅު އަހަރުތެރޭ ގޯތި އަޅައި ނިންމައިދޭނަން: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު ހިރިމަރަދޫގައި

ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރާއިރު މިހާރު ހުރި ކޮންމެ ގޯއްޗަކަށް، ގޯއްޗެއްދީ، ކުރިއަށް އޮތް ދޮޅު އަހަރު ތެރޭގައި ގޯތީގައި ގެ އަޅައި ނިންމައިދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެންވިދާޅުވީ ހދ. މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު އެންމެ އާބާދީ މަދު ރަށްކަމަށްވާ، ހިރިމަރަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ ބައްދަލުކުރެއްވުމުގައި ހިރިމަރަދޫއިން ހަނިމާދޫއަށް ހިޖުރަކުރާ ރައްޔިތުންނަށް ހާއްސަކުރެވިފައިވާ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގައި، މުނިސިޕަލް ހިދުމަތްތައް ގާއިމުކުރެއްވުމުގެ ފްރޭމްވޯކް އެއްބަސްވުމުގައި ހައުސިން މިނިސްޓްރީއާއި އެޗްޑީސީއާ ދެމެދު ވަނީ ސޮއިވެސްކޮށްފަ އެވެ.

ރައީސް ވިދާޅުވީ ހަނިމާދޫގައި ކޮންމެ ގޯއްޗަކަށް ގެއެއް އަޅާއިރު، އެރަށަށް ބަދަލުވާމީހުންގެ ގޯތި ތަކުގެތެރޭގައި މިހާރު އިމާރާތެއް ނެތް ގޯތިތަކުގެ ބަދަލުގައިދޭ ގޯތިތަކުގައިވެސް ގެ އަޅުއްވައިދެއްވާނެ ކަމަށާއި، އަދި ގޯތީގެ ބަދަލުގެ ގޮތުގައި ފައިސާގެ އެހީއެއްވެސް ދެއްވާނެ ކަމަށެވެ.

ބަދަލުގައި ދޭނެ ފައިސާގެ އެހީގެ އަދަދު އަދި ކަނޑައަޅުއްވާފައި ނެތް ނަމަވެސް، މިހާރު ސަރުކާރުން ބަދަލުގެ ގޮތުގައި ދެމުންދާ ފައިސާގެ އަދަދު މުތާލިއާ ކުރުމަށް ފަހު، ދޭ ފައިސާގެ އަދަދު އިތުރުވެގެންދާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

މި ސަރުކާރުން އާބާދީއާއި ތަރައްގީ އެއްފަސްކުރަނީ ރައްޔިތުން ބޭނުންވެގެން، އެއްވެސް މަޖުބޫރުކަމެއް ނެތިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މިހާރުވެސް ދެ ތިން ރަށަކުން މީހުން ބަދަލުވުމަށް އެދިފައިވާ ކަމަށެވެ.

މީހުން ބަދަލުކުރާއިރު އެ އެބައެއްގެ އުފަންރަށުގައި ސަރުކާރުން ކޮންމެ ކަމެއްކުރިނަމަވެސް، އެކުރާ ބޭނުމަކުން އެރަށުގެ ރައްޔިތުންނަށް މާލީ ނަފާކުރާނެ ގޮތަކަށް ސަރުކާރުގެ އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތު ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހިރިމަރަދޫ ރައްޔިތުންނަށްވެސް އެގޮތަށް އިގުތިސާދީ ފައިދާ ކުރާގޮތަށް ކަންކަން ކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުވާން އަދި ދޮޅު އަހަރު ހޭދަވާނެތީ، އެ ދޮޅުއަހަރުގެ ތެރޭގައިވެސް ރައްޔިތުންގެ ކުރިއެރުމަށް ބޭނުންވާ ކަންކަން ފަހިކޮށްދީ ރައްޔިތުން ބޭނުންވާ ކަންކަމުގައި ސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން މިއަދުގެ ބައްދަލުވުމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.