ޚަބަރު

މަޓީގެ ލަފާ އަޑު އަހައިގެން ނޫނީ އިގްތިސާދީ ހާލަތު ރަނގަޅެއް ނުކުރެވޭނެ: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ދިމާވެފައިވާ އިގްތިސާދީ ހާލަތު ރަނގަޅު ކުރެވޭނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ލަފާ އަޑު އަހައިގެން ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ޤައުމީ ސަލާމަތަށް އިތުރު ނުރައްކަލެއް އޮތްތޯ ބެލުމަށާއި ޓޫރިޒަމް ސިނާއަތަށް ކޮށްފާނެ އަސަރު ދެނެގަތުމަށް ސަލާމަތީ ހިދުމަތްތަބާހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅާފައެވެ.

އެ ރިޕޯޓާ ހަވާލާދީ ނަޝީދު ވިދާޅުވި ގޮތުގައި މި އަހަރު ޓޫރިސްޓުންނެއް ނާންނާނެ އެވެ. މަޓީން އެ ދައްކާ ވާހަކަ ސަރުކާރުން ބަލައިގަނެ އަޑުއަހަން ޖެހޭނެ ކަމަށާއި އެ ޖަމިއްޔާގައި ތިއްބެވީ އެ ދާއިރާގެ ތަޖުރިބާކާރުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެ ބޭފުޅުން އެ ދައްކާ ވާހަކައާ އަޅާ ނުލައި އެ ބޭފުޅުން ދައްކާ ވާހަކަ ބޮލާލައި ޖަހައިފައި އަޅުގަނޑު ގައިމު ވެސް ލަފައެއް ނުކުރަން މި ރާއްޖޭގައި އިގްތިސާދު ރަނގަޅު މިސްރާބަކަށް ގެންދެވިދާނެ ކަމަކަށް ވެސް. އަދި ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ކުރެވިދާނެ ކަމަކަށް ވެސް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ޓޫރިސްޓުން ރާއްޖެއަށް އަންނަން ފަށައި އާމްދަނީ ލިބެން ފެށޭނެ ދުވަހަކާއި ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީގެ ފޯކާސްޓެއް ނެތް ކަމަށެވެ. އޭގެ ފޯކާސްޓެއް ހެދުމަށް ގައުމީ ޔުނިވާސިޓީއާ ހަވާލު ކުރުމަށް ނިންމާފައިވާތީ އެ މަސައްކަތްދާ ގޮތް ބަލަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ ރިލީފް ޕެކޭޖާއި ގުޅިގެން މަޓީން ވަނީ އެކަން ކުރެއްވި އެ ޖަމިއްޔާއާ މަޝްވަރާ ކުރުމެއް ނެތި ކަމަށް ބުނެ ސަރުކާރަށް ފާޑު ކިޔާފައެވެ. މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!