ޚަބަރު

ނަޝީދު ސްޓެލްކޯއަށް: "އިންޖީނު ގެއިން" މަޖިލީހަށް ސިޓީ އެއް ނުފޮނުވޭނެ!

ދެން އެމްވީ ، ދެން އޮންލައިން

ސްޓެލްކޯގެ އެމްޑީގެ މުސާރަ މީސް މީޑިއާގައި އާއްމުވި ގޮތް ހޯދައިދިނުމަށް އެދި އެ ކުންފުނިން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާއިިރު އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯއިން މި މަހުގެ ހަވަނަ ދުވަހު ފޮނުވާފައިވާ އެ ސިޓީގައި ބުނެފައިވަނީ މަޖިލީހުގެ އިދާރާގެ ބޭނުމަށް އެ ކުންފުނިން ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި ލީކުވުމާ ގުޅިގެން އެ ކުންފުންޏާ މެދު ރައްޔިތުން ދެކޭ ގޮތް ބަދަލު ކުރުމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ސިޓީ ބޭނުންކޮށްގެން ދައުލަތާއި ދައުލަތުގެ އިދާރާތަކާ މެދު ނަފުރަތު އުފައްދަން ބަޔަކު މަސައްކަތް ކުރާތީ ސިޓީ ލީކުވި ގޮތެއް ހޯދައި ދިނުމަށް ސްޓެލްކޯއިން ވަނީ އެދިފަ އެވެ.

މިކަމާ ގުޅިގެން ނަޝީދު މިއަދު ވިދާޅުވީ ގ. ކެނެރީގޭ މުހައްމަދު ނަޝީދަށް ކޮންމެ ބޭފުޅަކަށް ވެސް ސިޓީ ލިޔެވޭނެ ކަމަށާއި އަދި ބޭނުންވާ ކޮންމެ އެއްޗެއް ވިދާޅު ވެވޭނެ ކަމަށެވެ. ނަމަވެސް ރައްޔިތުން މަޖިލީހުގެ ރައީސަށް އިންޖީނުގޭ ކުދިން ސިޓީއެއް ނުފޮނުވޭނެ ކަމަށާއި 2/68 އެކަމަށް ޖާގައެއް ނުދޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ސިޓީބިޓީ ލިޔުމާ ގުޅޭގޮތުން 1968 ވަނަ އަހަރު ފާސްކޮށްފައިވާ ގާނޫނު ބުނާގޮތުން "އިންޖީނުގެއިން" އެގޮތަށް މަޖިލީހަށް ސިޓީ ނުފޮނުވޭނެއެވެ.

ސްޓެލްކޯއިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީގައިވާ ގޮތުން އެ ކުންފުނީގެ އެމްޑީ ހަސަން މުޣުނީ އަށް އިނާޔަތްތަކާއެކު މަހަކު މަދުވެގެން 98،000ރ. މުސާރައިގެ ގޮތުގައި ލިބެއެވެ. އަދި މިއަދަދަކީ ފިނޭންސުން ކަނޑައަޅާފައިވާ އަދަދެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާއަށް ލީކުވި ސިޓީ އާއި ގުޅިގެން ސަރުކާރާއި މުޣުނީއަށް އެތައް ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!