މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން ގާނޫނު އަސާސީއަށް އިސްލާހު ގެންނަނީ
މިހާރުތިބި ކައުންސިލްތަކުގެ މެންބަރުންގެ ދައުރު ދިގުދެންމުމަށް ޤާނޫނު އަސާސީއަށް ސަރުކާރުން ހުށައެޅި އިސްލާހާމެދު މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން މަޖިލީހުން ގޮތެއް ނިންމަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19ގެ ޙާލަތާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކޮށްފައިވުމުން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގުދެންމުމަށް ޤާނޫނު އަސާސީއަށް ސަރުކާރުން އިޞްލާޙެއް ހުށައަޅާފައިވާއިރު، ކައުންސިލްތަކުގެ ދައުރު ދިގުދެންމުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ވަނީ ޚާއްޞާ ބިލެއްވެސް މަޖިލީހަށް ހުށައަޅުއްވާފައެވެ.
ރާއްޖޭގައި މިހާރު އިޢުލާންކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޤާނޫނު އަސާސީއަށް އިޞްލާޙު ނުގެނެވޭނެކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވަމުން ގެންދަވާއިރު، ދައުލަތުގެ ބަންޑާރަ ނާއިބު ވިދާޅުވެފައިވަނީ ޤާނޫނު އަސާސާި އިޞްލާޙުކުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ.
އެހެންކަމުން މިހާރުތިބި ކައުންސިލަރުންގެ ދައުރުގެ މުއްދަތު އިތުރުކުރުމާއި ގުޅޭގޮތުން ޤާނޫނު އަސާސީއަށް ބަދަލު ގެނައުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މިމަހުގެ 26، 27 އަދި 28، މި ތިންދުވަހު މި މައްސަލައަށް ގޮތެއް ނިންމަވާނެކަމަށެވެ. އެގޮތުން ޤާނޫނު އަސާސީއަށް އިޞްލާޙު ގެންނާނީތޯ ނުވަތަ ނުގެންނާނީތޯ ނިންމަވާނީ މަޖިލީހުގެ މެންބަރުންކަމަށާއި، ނަމަވެސް މިމަހުގެ 28 ގެ ކުރިން މަޖިލީހުން ކޮންމެވެސް ގޮތެއް ނިންމަވާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
"މި ތިން ދުވަހުގެ ތެރޭގައި މި މަސައްކަތްކޮށް އަޅުގަނޑުމެންނަށް އެ މަސައްކަތް ނިންމޭނެކަމަށް. އެހެންނަމަވެސް އިއްޒަތްތެރި މެންބަރުން މިކަމުގަ ދެކެވަޑައިގަންނަވާގޮތް އެއީކީ އަޅުގަނޑާ ގުޅޭ ވާހަކައެއްނޫން. ޢިއްޒަތްތެރި މެންބަރުން އަޅުގަނޑު ދަންނަވާ ވާހަކައަކީ އިރާދަކުރެއްވިއްޔާ 28 ވަނަ ދުވަހާއި ހަމައަށް ކޮންމެސް ގޮތެއް އަޅުގަނޑު ނެރެދޭނަމޭ. އެއީ ކޮންގޮތެއްކަމެއް، ޤާނޫނު އަސާސީ އިޞްލާޙުވުންތޯ ނުވަތަ ނުވުންތޯ، އިޞްލާޙު ކޮންގޮތަކަށްވުންތޯ އެޔެއް ނިންމަވާނީ އިއްޒަތްތެރި މެންބަރުން. އަޅުގަނޑު މަސައްކަތްކޮށްދޭނަން މި ނިމުމަކަށް މިކަން ގެންދިއުމަށް." ނަޝީދު ވިދާޅުވިއެވެ.
ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމާއި ގުޅޭގޮތުން މަޖިލީހުގެ މެންބަރުން ޚިޔާލު ތަފާތުވެފައިިވާއިރު، ޤާނޫނު އަސާސީ އިޞްލާޙުނުކޮށް، މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާގޮތަށް ޤާނޫނަކުން ފާސްނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާވެސް ވަނީ ވިދާޅުވެފައެވެ.