މަސްވެރިންނަށް ދިމާވެފައިވާ އެކި ދަތިތައް ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ: ގާސިމް
މަސްވެރިންނަށް ދިމާވެފައިވާ އެކިއެކި ދަތިތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ މަސްވެރިންނަށާއި އެ ފަރާތްތަކުގެ އާއިލާއަށް އަރިސް ކުރުމަށް އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.
ގާސިމް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް މަސްވެރިންނަށް ދިމާވެފައިވާ އެކިކަހަލަ ދަތިތައް ހައްލު ކުރުމަށް ރައީސް ސޯލިހާއި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވާނެ ކަމަށެވެ.
މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދޭނެ ކަމަށް ގާސިމް ވިދާޅުވި ނަމަވެސް މަސްވެރިން އަންނަނީ އެފަރާތްތަކަށް ދިމާވެފައިވާ މައްސަލަތަކުގެ ޝަކުވާ ކުރަމުންނެވެ. އެގޮތުން މަސް ކިރުމުން ވަގުތުން ފައިސާ ނުލިބުމާއި މަހުގެ އަގު ދަށް ވުން ފަދަ ކަންތައްތައް ހިމެނެއެވެ. އަދި ކިއުގައި ޖެހިގެން އެތައް ދުވަހަކު ތިބެގެން މަސްކިރަން ޖެހުން ފަދަ ކަންކަން ވެސް ހިމެނެއެވެ.
ރައީސް ޞާލިހު މަސްވެރިންގެ ދުވަހާ ދިމާކޮށް ދެއްވި ޚިތާބުގައި ވިދާޅުވެފައި ވަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގެ ބޮޑެތި މަޝްރޫއުތަކެއް އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.