ރިޕޯޓް

ﷲ އަކްބަރު، އަލްޙަމްދު ލިﷲ، މާދަމާއިން ފެށިގެން މިސްކިތްތައް އާބާދުވަނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އާއި ގުޅިގެން ފުރަބަންދުގައި ތިބެން ޖެހުމާއެކު އެންމެ ހިތްދަތިކަން ގެނުވި ކަމަކީ މިސްކިތުގެ ޖަމާޢަތްތައް މެދުކަނޑާލަން ޖެހުމެވެ. ޚާއްޞަކޮށް ބަރަކާތްތެރި ރަމަޟާން މަހުގައި މިސްކިތްތަކުގެ ޖަމާޢަތްތަކުން މަޙްރޫމްވާން ޖެހުމަކީ އެންމެންނަށް ވެސް އެކަމުގެ ހިތްދަތިކަން ކުރިމަތިވި ކަމެކެވެ.

Ads by Hajj Corporation

ކޮވިޑް19ގެ ނުރައްކާތެރިކަން ބޮޑުވެ ، މާލޭގެ އިތުރުން މުޅި ރާއްޖޭގައި ވެސް މިސްކިތްތަކުގެ ޖަމާޢަތްތައް ހުއްޓާލަން ޖެހުނީ މާލޭގައި ކޮމިޔުނިޓީ ސުޕްރެޑަކަށް ދިޔުމާއި ގުޅިގެން އޭގެ ނުރައްކާ ރާއްޖޭގެ އެކިކަންކޮޅަށް ވެސް އޮތަތީއެވެ. ނަމަވެސް މިސްކިތްތަކުގެ ޖަމާޢަތްތައް ހުއްޓާލާފައި ވީހިނދުވެސް ފިހާރަތަކާއި ވިޔަފާރިކުރާ އެހެންބައެއް ތަންތަން މީހުން އެއްވެ އުޅޭ ގޮތަށް ހުޅުވާލެވިފައި އޮތުމަކީ އެކަމުގެ ފާޑު ކިޔުންތައް ވެސް ސަރުކާރަށް އަމާޒުވި ކަމެކެވެ.

މިހުރިހާ ކަމަކާއެކު ވެސް މިރޭ މިވަނީ އުފާވެރި ޚަބަރެއް ލިބިގެން ގޮސްފައެވެ. ހުކުރެއް ހޮނިހިރެއް ވަކިނުވެ މަހެއްހާ ދުވަސް ހޭދަ ކުރުމަށްފަހު މާދަމާގެ ހުކުރު ނަމާދުން ފެށިގެން ފުރަބަންދުގައި އަދި މޮނިޓަރިންގެ ޙާލަތުގައި ނެތް ރަށްރަށުގައި މިސްކިތްތަކުގެ ޖަމާޢަތްތައް ހެދުމަށް އިސްލާމިކް މިނިސްޓްރީން މިރޭ ވަނީ ހުއްދަ ދެއްވާފައެވެ.

މިގޮތަށް ހުއްދަ ދެއްވި ނަމަވެސް އެންމެން ވެސް ދަންނަންވި ކަމަކީ ކޮވިޑް19ގެ ނުރައްކާ އަދި ކުޑަވެގެން ނުދާ ކަމެވެ. މިސްކިތްތައް ހުޅުވާލި ނަމަވެސް ފަރުދީ ޒިންމާ އަދާ ކުރައްވާ ސާފުތާހިރު ކަމަށް އިސްކަން ދެއްވުމެވެ. ރޯގާ ޖެހި ކެއްސާ ކިނބިހި އަޅާނަމަ ، އެހެން މީހުން އެކަމުން ރައްކާތެރިވާނެ ގޮތަކަށް ޢަމަލު ކުރެއްވުމެވެ.

އިސްލާމިކް މިނިސްޓަރު މިރޭ ދެއްވި ހުއްދައާއެކު މިދެންނެވި ކަންކަމަށް ވަނީ އަލި އަޅުއްވާލައްވާފައެވެ. އެގޮތުން ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިޔުމަށާއި ރޯގާ ޖެހި ކެއްސާ ކިނބިހި އަޅާނަމަ މިސްކިތަށް ނުދިޔުމަށާއި މުސައްލަ ހިފައިގެން މިސްކިތަށް ދިޔުމަށާއި މިސްކިތުގައި ކާޕެޓް އަޅާފައި ނުބެހެއްޓުމަށް ޑޮކްޓަރުންނާއި ޙަވާލާދީ އިސްލާމިކް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މިސްކިތްތަކާއި ދުރަށް ދާންޖެހި ، އެތަންތަން ފަޅުވެ ދިޔުމަށްފަހު އަނެއްކާ ވެސް މިއޮތީ ފުރުސަތު ލިބިފައެވެ. މިސްކިތްތައް އާބާދުކޮށް ބޮޑެތި ޖަމާޢަތްތަކުން މިސްކިތްތައް ފުރާލުމުގެ ފުރުސަތު މިއޮތީ ލިބިފައެވެ. އުފާވެރިކަން ހުއްޓެވެ. ހުރިހާ ޝުކުރަކާއި ޙަމްދެއް ހުރީ ﷲ ތަބާރަކަ ވަތަޢާލާއަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!