ދުނިޔެ

ކޮވިޑް-19 ޖެހިގެން ދުނިޔެ ދޫކުރި މަޝްހޫރު ބައެއް މީހުން

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 މުޅިދުނިޔެއަށް ފެތުރި، މިހާތަނަށް 5،186،837 މީހަކަށް މިބަލި ޖެހި، 333،976 މީހަކު މަރުވެގެން ދިޔައިރު މީގެ ތެރޭގައި މުނިފޫހި ފިލުވުމުގެ ދާއިރާ އަދި ސިޔާސީ ދާއިރާއިން ގިނަ ބަޔަކު ދަންނަ ފަރާތްތަކެއްވެސް ވަނީ، މި ދުނިޔެއާއި ވަކިވެގެން ގޮސްފައެވެ. އޭގެތެރެއިން ބައެއް ފަރާތްތައް ހިމަނާލާނަމެވެ.

Ads by Sosun Fihaara

ޝާހީން ރަޒާ – ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލިސް މެމްބަރެއް ކަމަށްވާ ޝާހީން ރަޒާއަކީ ޕާކިސްތާނުގެ އެންމެ ބޮޑު ޕްރޮވިންސް ކަމަށްވާ ޕަންޖާބުގެ ޕްރޮވިންޝަލް އެސެމްބްލީގެ މެމްބަރެކެވެ. 20 މޭގައި ލާހޯރް ގައި ޝާހީން މަރުވި އިރު އުމުރަކީ 65 އަހަރެވެ.

ޑިމީޓްރިސް ކްރިމަސްޓިނޯސް – ޔުނިވަރސިޓީ ޕްރޮފެސަރ، ހިތުގެ ޚާއްސަ ޑޮކްޓަރ އަދި ގްރީކްގެ ކުރީގެ ހެލްތު މިނިސްޓަރ 78 އަހަރުގައި ކޮވިޑް-19 އާ ހަނގުރާމަކޮށް މަރުވީ 8 މޭގައެވެ.

ޓާއި – އިނގިރޭސިވިލާތުގެ ހިޕްހޮޕް ތަރި ޓާއި އަކީ އޭނާގެ އަލްބަމް "އަޕްވާރޑްސް" އިން މަރކިއުރީ އިނާމަށް ނޮމިނޭޓް ވެފައިވާ ފަންނާނެކެވެ. މޭ 7 ގައި މަރުވި އިރު އުމުރަކީ 47 އަހަރެވެ.

ޑޭވް ގްރީންފީލްޑް – އިނގިރޭސިވިލާތުގެ މަޝްހޫރު ބޭންޑް "ދަ ސްޓްރޭންޖަރސް" ގެ ކީބޯޑް ކުޅުންތެރިޔާ ކޮވިޑް-19 އަށް ފަރުވާ ކުރަނިކޮށް މަރުވީ އުމުރުން 71 އަހަރުގައި މޭ 4 ގައެވެ.

އައްބާ ކިޔާރީ – 17 އޭޕްރިލް ގައި މަރުވި ނައިޖީރިޔާގެ ޗީފް އޮފް ސްޓާފް އަކީ އެގައުމުން ކޮވިޑް-19 ގައި މަރުވި އެންމެ އިސް އޮފިޝަލެވެ.

ނޯރމަން ހަންޓަރ – ލީޑްސް ޔުނައިޓެޑް އަދި އިންގްލަންޑް ގެ ކުރީގެ ޑިފެންޑަރ 17 އޭޕްރިލްގައި ގައި މަރުވި އިރު އުމުރަކީ 76 އަހަރެވެ. ލީޑްސްގައި ހޭދަ ކުރި 15 އަހަރުގެ ތެރޭގައި 726 މެޗަކުން ފެނިގެން ދިޔަ ހަންޓަރ އަކީ ކޮށްޓަން މޮޅުކަމަށް މަޝްހޫރު ކުޅުން ތެރިއެކެވެ.

ހައިދަރ ބަސް – ތުރުކީގެ އިންޑިޕެންޑެންޓް ތުރުކީ ޕާރޓީގެ ލީޑަރު އަދި ސިޔާސީ އިސް ފަރާތެއް ކަމަށްވާ ހައިދަރު މަރުވީ ތުރުކީގެ ތްރެބްޒަން ޕްރޮވިންސްގެ ހޮސްޕިޓަލެއްގައި 14 އޭޕްރިލްގައެވެ. މަރުވި އިރު އުމުރަކީ 73 އަހަރެވެ.

ސްޓީވަން ޑިކް – ބުޑަޕެސްޓްގައި ހުންނަ އިނގިރޭސި އެމްބަސީގެ ޑެޕިއުޓި ހެޑް އޮފް މިޝަން ކޮރޯނާ ވައިރަސް އަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވީ 25 މަރޗްގައެވެ.

ފްލޮއިޑް ކާޑޯޒް – އެމެރިކާގެ މަޝްހޫރު ޓީވީ ޝޯ "ޓޮޕް ޝެފް މާސްޓާރސް" 3 ފަހަރު ކާމިޔާބުކުރި ސެލެބްރިޓީ ޝެފް ކޮވިޑް-19 އަށް ޕޮޒިޓިވް ވި ފަހުން މަރުވީ 25 މާރޗްގައެވެ.

މަނޫ ޑިބަންގޯ – ކެމަރޫންގެ އެފްރޯ ޖެޒްގެ ލެޖެންޑް ކޮވިޑް-19 ގައި މަރުވީ ޕެރިހުގައި ކޮވިޑް-19 އަށް ފަރުވާ ދެމުން ދަނިކޮށް 24 މާރޗް ގައެވެ.

އެންޓޯނިއޯ މޮންޓީރޯ – ސްޕެއިންގެ އެންމެ ބޮޑު ބޭންކްގެ ޗެއަރމަން އަކީ ކޮވިޑް-19 ޖެހިގެން ޕޯޗުގަލްގައި މަރުވި ދެވަނަ މީހާއެވެ. މާރޗް 18 ގައި މަރުވި އިރު އުމުރަކީ 73 އަހަރެވެ.

ކެން ޝިމޫރާ – ޖަޕާނުގެ އެންމެ މަގުބޫލު އެއް ކޮމީޑިއަން، ޓޯކިޔޯގެ ހޮސްޕިޓަލެއްގައި ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވިީ މަރޗް 30 ގައެވެ.

ޑޭވިޑް ހޮޖްކިސް – އިނގިރޭސިވިލާތުގެ ލެންކްޝަޔަރ ކްރިކެޓް ކްލަބްގެ ޗެއަރމަން މަރުވީ 30 މަރޗްގައެވެ.

އެލަން މެރިލް – "އައި ލަވް ރޮކް އެން ރޯލް" ލަވަ ލިޔެގެން މަޝްހޫރުވި ފަންނާނު ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވީ 29 މަރޗްގައެވެ.

ޕޭޕް ޑިއުފް – ފްރާންސްގެ މާރސެލް އޮލިމްޕިކްސްގެ ކުރީގެ ރައީސް 68 އަހަރުގައި ކޮވިޑް-19 ޖެހިގެން މަރުވީ މަރޗް 31 ވަނަ ދުވަހު ސެނެގޯލްގައެވެ. ޕޭޕްއަކީ ސެނެގޯލް އަދި ފްރާންސްގެ ރައްޔިތުކަން އޮންނަ މީހެކެވެ.

ރަފައެލް ގޮމޭޒް ނީޓޯ – ނާޒީންގެ ފަރާތުން ޕެރިސް މިނިވަން ކުރުމަށް ސްޕެއިން އިން ދިޔަ ލަޝްކަރުގެ އެންމެ ފަހަށް ދުނިޔޭގައި ހުރި ފަހުލަވާނު،31 މަރޗް ގައި ކޮވިޑް-19 ޖެހިގެން މަރުވީ ފްރާންސްގެ މުސްކުޅިން ބަލަހައްޓާ ގެއެއްގައެވެ.

ބްރެނިސްލަވް ބްލެޒިކް – ސަރބިޔާގެ އެންވަޔަރމެންޓް މިނިސްޓްރީގެ ސްޓޭޓް ސެކްރެޓަރީ ކޮވިޑް-19 ގައި މަރުވިކަން އެ ގައުމުގެ ޓާސްކް ފޯސް އިން ހާމަ ކުރީ 1 އޭޕްރިލް ގައެވެ.

ނޫރު ޙަސަން ޙުސައިން – ސޯމާލިޔާގެ ކުރީގެ ބޮޑުވަޒީރު ކޮވިޑް-19 ޖެހިގެން މަރުވީ ލަންޑަންގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެޑީ ލާޖް – ފިލްމް ”ލިޓްލް އެންޑް ލާޖް" ގައި، ލާޖްގެ ބައި ކުޅެފައިވާ އެޑީ 2 އޭޕްރިލްގައި ކޮވިޑް-19 ޖެހިގެން މަރުވި އިރު އުމުރަކީ 78 އަހަރެވެ.

ޓޮމް ޑެމްޕްސީ - އެމެރިކާގެ ނެޝަނަލް ފުޓްބޯޅަ ލީގުގެ ކުރީގެ ކުޅުންތެރިޔާއަކީ 63 ޔާޑް ދުރުން ގޯލްޖަހައިގެން އޭރު ރެކޯޑް ހަދާފައިވާ ކުޅުންތެރިއެކެވެ. މީނާ އުފަންވި އިރުވެސް ފައިގެ އިނގިލިތަކެއް ނުހުރެއެވެ. ކޮވިޑް-19 ޖެހި ހާލު ސީރިއަސް ވެގެން މަރުވީ އޭޕްރިލް 4 ގައެވެ. އޭރު އުމުރަކީ 73 އަހަރެވެ.

ޑޮލޯސް ސާލާ ކެރިއޯ – މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާގެ މަންމަ ކޮވިޑް-19 ޖެހިގެން މަރުވި އިރު އުމުރަކީ 82 އަހަރެވެ. މަރުވީ އޭޕްރިލް 6 ވަނަ ދުވަހުއެވެ.

ލުއިސް ސެޕުލްވޭދާ – ޗިލީގެ މަޝްހޫރު ލިޔުންތެރިޔާ ސްޕެއިންގެ އިރުމަތީގެ ހިސާބެއްގައި ދިރިއުޅެމުން ދަނިކޮށް، އުމުރުން 70 އަހަރުގައި މަރުވީ ކޮވިޑް-19 ޖެހިގެން އޭޕްރިލް 16 ގައެވެ.

ހެހަރސަން އަލްވަރޭޒް – ކުރީގެ ސެނެޓްގެ މެމްބަރު އަދި ސިޔާސީ އެކްޓިވިސްޓް 20 އޭޕްރިލްގައި މަރުވީ ހެހަރސަން އަދި އޭނާގެ އަންހެނުންނަށް ކޮވިޑް-19 ޖެހުނުތާ 3 ހަފްތާ ފަހުންނެވެ.

އަޙުމަދު އިސްމާޢިލް ހުސެން ހުދޭދީ – ސޯމާލިޔާގެ ޒަމާނީ މިއުޒިކްގެ ބައްޕަ 91 އަހަރުގައި މަރުވީ ކޮވިޑް-19 އަށް ފަރުވާ ދެމުން ދަނިކޮށް ލަންޑަން ގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!