ޚަބަރު

ޕާކިސްތާނުގެ މިސްކިތަކަށް ދިން ބޮމުގެ ޙަމަލާ ރާއްޖޭން ކުށްވެރިކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ޕާކިސްތާނުގެ ގުއެތާގެ މިސްކިތަކަށް ދިން ބޮމުގެ ޙަމަލާއެއްގައި ބަޔަކު މަރުވުމާއި ގުޅިގެން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، ޕާކިސްތާނުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް މަޚްދޫމް ޝާހް މަޙްމޫދު ޤުރޭޝީއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

Ads by STELCO

މިނިސްޓަރ ޝާހިދުގެ މެސެޖްގައި، ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި އިންނަ ގުއެތާގެ މިސްކިތެއްގައި އެއްޗެއް ގޮއްވާލުމާއި ގުޅިގެން މިސްކިތުގައި އެވަގުތު ތިބި ކުށެއް ނެތް އެތައް ބަޔަކު މަރުވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށް ވިދާޅުވިއެވެ.

އަދި ރާއްޖެއިން ޓެރަރިޒަމްގެ ހުރިހާ އަމަލަކާއި ދެކޮޅުކަން ހާމަކުރައްވައި، މިސްކިތަކަށް ދިން މި ނުރައްކާތެރި ޙަމަލާ ކުށްވެރިކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ޓެރަރިޒަމާއި ދެކޮޅަށް ބައިނަލްއަޤްވާމީ މުޖްތަމައުއާއި ގުޅިގެން ދިވެހި ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަޤީންކަންވެސް މިނިސްޓަރ ޝާހިދު ދެއްވިއެވެ.

ޕާކިސްތާނަށް ދިމާވެފައިވާ ހިތާމައިގެ މިދަނޑިވަޅުގައި ރާއްޖެއިން ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންނާއި އެކުގައިވާކަމަށް މިނިސްޓަރ ޝާހިދުގެ މެސެޖްގައި އިތުރަށް ވިދާޅުވިއެވެ. އަދި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށްވެސް މިނިސްޓަރ ޝާހިދު އެދިވަޑައިގަތެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!