ދިރާސާ އާ އަހަރުގެ މެސެޖާއެކު ވަޒީރުން ހުރިހާ އަތޮޅަކަށް
މާދަމާ ފަށާ ދިރާސީ އާ އަހަރުގެ ކިޔެވުމަށް މަރުހަބާ ވިދާލުވެ، ދަރިވަރުންނަށް ހިތްވަރުު ދެއްވުމުގެ މެސެޖަކާ އެކު، މިނިސްޓަރުން 19 އަތޮޅަކަށް ވަޑައިގަންނަވަން ނިންމައިފި އެވެ.
ދިރާސާ އައު އަހަރަށް މަރުޙަބާ ކިޔުމުގެ ކަންތައްތަކާއި ގުޅޭގޮތުން، އެޑިޔުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުން ތަޢުލީމަށް ދެއްވާ ޚާއްޞަ އިސްކަމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ އިސްނެންގެވުމާއެކު، މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުމަށް މަރުޙަބާ ކިޔައި ދަރިވަރުންނަށް ހިތްވަރުދިނުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި އާދިއްތަ ދުވަހު ބާއްވާ އެސެމްބްލީތަކުގައި ކެބިނެޓުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ހަަރަކާތުގައި، ރާއްޖޭގެ 19 އަތޮޅުގެ ސްކޫލުތަކަށް މިނިސްޓަރުން ޒިޔާރަތް ކުރައްވައި، މަދްރަސީ ދައުރަކީ މަސައްކަތުގެ މާހައުލަށް ނުކުތުމުގެ ކުރިން މުސްތަގުބަލަށް އެޅޭ މުހިއްމު ބިންގަލެއް ކަމުން، ކުރިއަށް ދާނެ ދާއިރާއެއް އިހުތިޔާރު ކުރުމުގައި ވިސްނުންތެރިކަމާ އެކު، މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެ ވަޑައިގަންނަވާނެ އެވެ.
"ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ އެންމެ މުހިއްމު އެއްބައި ކަމަށްވާ ހުރިހާ ކުދިން ޝާމިލް ކުރުމުގެ ސިޔާސަތުގެ ތެރެއިން ހުރިހާ ދަރިވަރުންނަށް ވެސް ތައުލީމު ހާސިލް ކުރުމުގައި ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމުގެ މުހިއްމު ކަމުގެ އިތުރުން ތައުލީމީ މަންހަޖުގެ ތެރޭގައި އިސްލާމީ އަގީދާ ކުރިއެރުވުމާއި މަދަރުސީ ދައުރު ނިމޭ ކޮންމެ ކުއްޖަކީ، އެ ކުއްޖަކު ކުރިއަރަން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމުގެ މަގުފަހި ކޮށްދީ، ސްކޫލު ނިންމާއިރު ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރަކަށް ހެދުމުގެ އިތުރުން މުޖުތަމައުގެ ތެރޭގައި ބައިވެރިވުން އޮތް ޒުވާނަކަށް ހެދުމުގެ މުހިއްމު ކަމުގެ މައްޗަށް ވަޒީރުންގެ ވާހަަކަފުޅުގައި އަލިއަޅުއްވާ ލައްވާނެ އެވެ،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
އެޑިޔުކޭޝަން މިނިސްޓްރީން އިތުރަށް ބުނީ މިއަހަރުގެ ދިރާސީ އައު އަހަރު ފެށުމަށް ވެވުނު ތައްޔާރީތަކުގެ ތެރެއިން ސްކޫލްތަކަށް ޤާބިލު މުދައްރިސުން ހޯދުމާއި ތަޢުލީމީ މަންހަޖު މުރާޖަޢާކުރުމުގެ މަސައްކަތުގެ އިތުރުން ދަރިވަރުންގެ ކިޔެވުމަށް ބޭނުންވާ ފޮތް ފަންސުރު ، ދިރާސީ އައު އަހަރު ފެށުމުގެ ކުރިން ރާއްޖޭގެ ހުރިހާ ޞަރަޙައްދަކަށް ފޮނުވުމަކީ އެމިނިސްޓްރީއަށް ލިބިގެންދިޔަ ކާމިޔާބީ އެއް ކަމަށެވެ.
މިނިސްޓްރީން ބުނީ ކުދިންގެ ކިބައިގައި ރީތި ސިފަތައް އަށަގަންނުވައި، އެ ކުދިންނަކީ މުޖުތަމަޢުގެ ލާބަ އާއި މަންފާ ހޯދައިދޭނެ ހަރުދަނާ ބަޔަކަށް ހެދުމަކީ ވެސް ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގައި ޚާއްޞަ އިސްކަމެއް ދީފައިވާ މުހިންމު ކަމެކެވެ.