ޚަބަރު

ކޯވިޑް-19: ސާމްޕަލްނަގާ ޓީމްގެ މެންބަރުންނާއި އާންމުން ގާތް ނުވުމަށް އިލްތިމާސް ކުރައްވައިފި

ކޯވިޑް-19 އަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގަންދާ ރެޕިޑް ރެސްޕޮންސް ޓީމް (އާރުއާރުޓީ)ގެ މެންބަރުން މަސައްކަތުގައި އުޅޭއިރު ޢާންމުން ގާތްވަމުންދާތީ އެކަން ނުކުރުމަށް ސަރުކާރުން އިލްތިމާސްކުރައްވައިފިއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ވާގަކަފުޅު ދައްކަވަމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރ ޑރ.މޫސާ މުރާދު ވިދާޅުވީ، ކޯވިޑަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގުމަށް އާރުއާރުޓީގެ މެންބަރުން ސައިޓްތަކަށް ގޮސް އެމަސައްކަތުގައި އުޅޭއިރު އެމެންބަރުން ކުރާ މަސައްކަތްތައް ބެލުމަށާއި، ފޮޓޯ ނެގުމުގެ ބޭނުމުގައި، ޢާންމު ބައެއް ފަރާތްތަކުން އެ ޓީމުގެ ބޭފުޅުންނާއި ގާތްވަމުންދާކަމުގެ ޝަކުވާ ލިބެމުންދާކަމަށެވެ. ޑޮކްޓަރ ވިދާޅުވީ، އާރުއާރުޓީގެ މެންބަރުން ހަރަކާތްތެރިވާނީ މި ބަލި އޮތް އެންމެ ހައިރިސްކު ނުވަތަ ބަލި ފެތުރުމުގެ ފުރުޞަތު އޮތް ތަންތަނުގައިކަމަށެވެ. އެތަންތަނުގައި ޕޮޒިޓިވް މީހުން ތިބުމަކީ އެކަށާީގެންވާކަމެއްކަމަށާއި، އެހެންކަމުން އެޓީމްގެ މެންބަރުންނާއި ޢާންމުން ގާތްވެ އުޅުމަކީ ރައްކާތެރިކަމެއް ނޫންކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

"އެއީ އެހާ ރައްކާތެރިކަމެއްނޫން. އާރުއާރިޓީ އުޅޭނީ ސާމްޕަލް ނެގުމާއި ހައިރިސްކު އޭރިއާގަ މަސައކަތްކުރަމުންގެންދަނީ. އެބޭފުޅުންނާ މާބޮޑަށް ކައިރިވެ ވާގޮތްބަލާ، ފޮޓޯނެގުމަކީ ރައްކާތެރިކަމުގެ ގޮތުން ރަނގަޅުކަމެއް ނޫން. އެބޭފުޅުންނާއި ވީހާވެސް ބޮޑަށް ދުރަށް ބަޑައިގެން، އެހާ ކައިރިނުވާނެގޮތަށް ހިންގަވާ އިރު އުޅުއްވުން މުހިންމު." ޑޮކްޓަރ މޫސާ މުރާދު ވިދާޅުވިއެވެ.

ޑޮކްޓަރ ވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ކުރާ މަސައްކަތްތަކަށްވެސް އިޝާރާތްކުރައްވާފައެވެ. ޑޮކްޓަރ މޫސާ މުރާދު ވިދާޅުވީ، މިހާރު އަޅާފައިވާ ފިޔަވަޅުތައް ލުއިކުރާއިރު އެ ކޮންމެ މަރުހަލާއެއްގެ މަޢުލޫމާތުވެސް ހާމަކުރައްވަމުން ގެންދަވާނެކަމަށެވެ. ޑރ.މޫސާ މުރާދު ވިދާޅުވީ މިހާރު ރާއްޖޭގައި ޕޮޒިޓިވްވާ ޢަދަދުތައް އެއްވަރެއްގައި ހިފެހެއްޓިފައިވާކަމަށާއި، މި ބައްޔަށް އެދެވޭ ވެކްސިނެއް ނުފެންނަހާ ހިނދަކު ކޮންމެވެސް ވަރަކަށް ޕޮޒިޓިވްވާ ކޭސްތައް އަބަދުވެސް ފެންނަމުންދާނެކަމަށެވެ. އަދި މިހާރު ޢަމަލުކުރަމުންދާ ފުރަބަންދު އުވާލިނަމަވެސް ޕޮޒިޓިވްވާ ޢަދަދު މަތިވާނެކަމަށާއި، ނަމަވެސް ޕޮޒިޓިވްވާ ޢަދަދު އެއްވަރެއްގައި ހިފެހެއްޓުމަށް ރައްޔިތުންގެ އެއްބާރުލުމަށް ޑޮކްޓަރ ވަނީ އެދިވަޑައިގެންފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!