ޚަބަރު

އިންޝުއަރެންސް ޕެކޭޖްތަކުން ފަތުރުވެރިން ރާއްޖެ އައުމަށް އެހީތެރިވެދިން: މައުސޫމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގައި ތައާރަފް ކުރި ކޮވިޑް-19 އިންޝުއަރެންސް ޕެކޭޖްތަކުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ވަރަށް ބޮޑަށް އެހީތެރިވެ ދިން ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް އިއްޔެ ވިދާޅުވެއްޖެއެވެ.

Ads by STELCO

ދުނިޔޭގެ މަޝްހޫރު ޓީވީ ޗެނަލެއް ކަމަށްވާ ސީއެންބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން މައުސޫމް ވިދާޅުވީ އިންޝުއަރެންސް ޕެކޭޖްތަކުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް އެހީތެރިވެދިން ކަމަށާއި މި ޕެކޭޖުގެ ސަބަބުން ވަރަށް ގިނަ ވަޒީފާ އަދާ ކުރާ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށެވެ.

"ފެސިލިޓީތަކަށް ވެސް ދިރުން ލިބުނު. މި ހާލަތުގައި އިންކަމް ސަޕޯޓުވެސް ދެވެނު. ވަރަށް ގިނަ ވަޒީފާ އަދާ ކުރަމުންދިޔަ ދިވެހިންނަށް އެހީތެރިވެވުނު،" ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

މައުސޫމް އިތުރަށް ވިދާޅުވީ މިދިޔަ ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލި ފަހުން، މިހާތަނަށް އައިއިރު، ފަތުރުވެރިކަމުގެ ދާއިރާއަށް އައި ކުރިއެރުމާ މެދުގައި ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގެންފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް 110،000 ފަތުރުވެރިން ރާއްޖެ ވަނީ އައިސްފައެވެ. އަދި މި އަހަރުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ފަސް ލައްކަ އަށް އަރާނެ ކަމަށް މިނިސްޓްރީން ވަނީ ލަފާ ކޮށްފައެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވާ ގައުމުތަކުގެ ތެރޭގައި ޗައިނާ، ޖަރުމަން، ފްރާންސް، އެމެރިކާ، ޖަޕާން އަދި ސްވިޒަލޭންޑް ހިމެނޭއެވެ. މާރޗް 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ހަމައަށް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވަނީ އިޓަލީވިލާތުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ޖުލައި މަހު ހުޅުވާލި ފަހުން ފަތުރުވެރިން އައިސްފައިވާ މިންވަރުން އަހަރުު ނިމެންވާއިރަށް ޓޫރިޒަމްގެ ޓާގެޓަށް ކަނޑައަޅާފާއިވާ މިންވަރަށް ވުރެ އިތުރަށް ވެސް ފަތުރުވެރިން އަންނާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރ މީގެ ކުރިން ވަނީ ވިދާޅުވެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!