މާލޭ ސިޓީ ކައުންސިލްގެ ބައެއް މަސައްކަތްތައް ހުއްޓުވައިފި
މާލޭ ސިޓީ ކައުންސިލްގެ ބައެއް ކައުންސިލަރުން، އެ ކައުންސިލްގެ ބައެއް މަސައްކަތްތައް ހުއްޓުމަކަށް ގެނެސްފައިވާ ކަމަށް މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ މާލެ ފެހި ކުރުމަށް ފަށާފައިވާ ޕްރޮޖެކްޓްގެ ދަށުން ލޮނު ޒިޔާރަތްކޮޅު ތަރައްގީ ކުރުމުގެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ.
އެ މަސައްކަތް ހުއްޓިފައި ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ބައެއް ކައުންސިލަރުން ކައުންސިލްގެ ބައެއް މަސައްކަތްތައް ހުއްޓުމަކަށް ގެނެސްފައިވާތީ ކަމަށް މޭޔަރު ވިދާޅުވިއެވެ.
އެންމެ ކައުންސިލަރެއް ފިޔަވައި މާލޭ ސިޓީ ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީ ކައުންސިލަރުންނެވެ.
މޭޔަރު ޝިފާ އާއި އެ ކައުންސިލްގެ ގިނަ މެމްބަރުންނާ މެދު ޚިޔާލު ތަފާތުވެ، ބަހުގެ ހަމަލާތަކެއް އަންނަނީ ރައްދު ކުރެވެމުންނެވެ. އެ ކައުންސިލްގެ ބައެއް ކައުންސިލަރުން ވެސް މިފަހަރު މޭޔަރުގެ ރޭހުގައި އެމްޑީޕީ ޕްރައިމަރީގައި ޝިފާއާ ވާދަކުރައްވައެވެ.