މިދިޔަ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އިމްރާން ދެއްވި: ނަޝީދު
މިދިޔަ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ކުރިއަށް ގެންދަވަން ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ކުރައްވާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްވި ކަމަށް ކުރީގެ ރައިސް އަދި މިހާރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ އީދުގެ ތަހުނިޔާ ދެންނެވުމަށް މިނިސްޓަރު އިމްރާނަށް ގުޅިން ކަމަށެވެ. އަދި މިދިޔަ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމާއި މަރުގެ މައްސަލަތައް ކުރިއަށް ގެންދެވުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ކުރައްވާނެ ކަމުގެ ޔަގީންކަން އިމްރާން ދެއްވި ކަމަށް ނަޝީދު ވިދާޅުވިއެވެ.
Eid ge thahniya dhannavan Minister @ShimranAb ah alhugadu gulhaalin. Minister varah bodu yaqeen kameh dhevvi nimidhiya sarukaarun hingavafa corruptionai vakkan adhi maruthakuge massalathah kuriah gendhevumah kuravvan jehivadaigannava kankan kuravvane kamah. Shukuriyya Minister
— Mohamed Nasheed (@MohamedNasheed) May 25, 2020
ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވާއިރު، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ އާއި ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތަކުގެ ތަހުގީގު ގޮސްފައިވާ ހިސާބު ސާފުނުވާ ކަމަށް ބުނެ، މަޖިލީހުން އެކަން ބަލައިދިނުމަށް އެދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު، އިބްރާހިމް މުއިއްޒު ވަނީ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި މުއިއްޒު ވިދާޅުވެފައި ވަނީ އެ މައްސަލަތައް ތަހުގީގުކޮށް އިންސާފު ހޯދައި ދިނުމަކީ މެމްބަރު ނިސްބަތްވާ ޕާޓީ، އެމްޑީޕީ އާއި ސަރުކާރުގެ ވައުދެއް ކަމަށެވެ. އަދި އެއީ މެމްބަރު މަޖިލީހަށް ހޮވަން ރައްޔިތުން ވޯޓު ދިން ސަބަބަކަށް ވެސް ވާކަމަށެވެ.