ޚަބަރު

މިރޭ ވެސް މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ކުރިއަށް ގެންދަން މިރޭ ވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިރޭ 21:00 ގައި މަޖިލީހުގެ ޖަލްސާ ފައްޓަވާނެ ކަމަށާއި، މިރޭ ވެސް ކުރިއަށް ގެންދާނީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ކަމަށެވެ.

މި ބަލިމަޑުކަމުގެ ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރަން ބައެއް މެންބަރުން ވަރަށް ދެކޮޅެވެ.އެހެންވެ ބިލުގެ މަސައްކަތް ދަނީ ދިގުދެމިގެނެވެ.

ކޮވިޑް19 އާ ގުޅިގެން ކައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ޖެހުމާ ގުޅިގެން، ކައުންސިލަރުންގެ ދައުރު ދިގު ކުރުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ މެދު ބުރާސްފަތި ދުވަހު ގޮތެއް ނިންމޭނެ ކަމަށް ނަޝީދު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ އަމާޒަކީ މުޅި މަޖިލީހުގެ ކޮމިޓީއަށް ބިލު ގެންދިއުން ކަމަށެވެ. އަދި މުޅި މަޖިލީހުގެ ކޮމިޓީގައި ބިލާމެދު ގޮތެއް ނިންމައި، ބުރާސްފަތި ދުވަހުގެ ޖަލްސާގައި ބިލުގެ މަސައްކަތް ނިންމާ ހައްލު ހޯދިގެން ދާނެ ކަމަށެވެ.

ބަންޑާރަ ނައިބާއި ކައުންސިލަ ޖެނެރަލްގެ ލަފައަށް ވެސް ބައެއް މެންބަރުންނަށް އެއްބަސްނުވެވޭތީ އެ ކަމުގައި ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް ވެސް މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފި އެވެ. ސުޕްރީމް ކޯޓުގެ ލަފާ ހޯދުމުގެ ގަރާރެއް ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!